ޢުމުރުން ދުވަސްވީ މީހުންނާ ބެހޭ ޤާނޫނެއްގެ ބިލް ޑްރާފަޓްކުރައްވަމުން ގެންދަވާ ކަމަށް އިސް ރަށްވެހިނެގެ ޖަމްޢިއްޔާ އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކަށް ހޭލުންތެރި ކުރުމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން އެޖަމްޢިއްޔާގެ މެމްބަރ އަދި ކުރީގެ ޖެންޑަރ މިނިސް އަނީސާ އަޙުމަދެވެ. އަނީސާ ވިދާޅުވީ މިހާރު ޑްރާފަޓް ކުރަމުންގެންދާ ޤާނުގެ ބިލްގައި ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ހަރުދަނާ އޮޑިގަނޑެއް އެކުލަވާ ލެއްވޭނެކަމުގައެވެ.
އިސްރައްވެހިންނަކީ ޢުމުރުން ދުވަސް ވީނަމަވެސް ކަންކަމުގައި އިސްކޮށް ހަރަކާތްތެރި ވެވިދާނެ ބައެއްކަން އަނީސާ ފާހަގަ ކުރެއްވިއެވެ. ޢުމުރުން ދުވަސްވީމީހުންނަކީ ގިނަ ތަޖްރިބާ ތަކެއް ލިބިފައިވާ ފަރާތްތަކަކަށް ވާއިރު އެމީހުންގެ ޚިޔާލާއި މަޝްވަރާ އެކިކަންކަމުގައި ހޯދުމުގެ މުހިންމުކަން އަނީސާ ފާހަގަކުރެއްވިއެވެ.
ޢުމުރުން ދުވަސްވީމީހުންގެ ތަޖްރިބާއި މަޝްވަރާ ކަންކަމުގައި ހޯދޭނެ ގޮތްތަކެއް ބިލްގައި ކަނޑައެޅިގެން ދާނެކަމަށް އަނިސާ ފާހަގަ ކުރެއްވިއެވެ.
ޖެންޑަރ މިނިސްޓްރީ އާއި ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކެވި ބައެއް އެހެން ބޭފުޅުންވެސް ވަނީ އެކަން ފާހަގަ ކޮށް ދުވަސް ވީމީހުންގެ ތަޖުރިބާއާއި ޚިޔާލު އެކިކަންކަމުގައި ހޯދުމަށް ގޮވާލައްވައިފައެވެ. ހަމަ އެހެންމެ ދުވަސްވީ މީހުން ހިތަހަމަޖައްސާލާ ޚިޔާލު ބަދަލުކޮށް ހަދާލާނެ ކޮމިޔުނިޓީ ސެންޓަރެއް ނުވަތަ މަރުކަޒެއްފަދަ ތަނެއް ޤާއިމް ކުރުމުގެ މުހިންމުކަންވެސް ފާހަގަ ކުރައްވައިފައެވެ.
އަނީސާ ފާހަގަ ކުރެއްވީ ޢުމުރުން ދުވަސްވީ މީހުންގެ ކަންކަމުގައި ރާއްޖެއިން ހަރަކާތް ތެރިވީ ވަރަށް ފަހުން ކަމުގައެވެ. ބައެއް ޤައުމުތަކުގައި ޢުމުރުން ދުވަސްވީ މީހުންނާ ބެހޭ އެއްޤާނޫނަށްވުރެ ގިނަ ޤޫނޫނުތައްވެސް ހުންނަކަން ފާހަގަ ކުރެއްވިއެވެ. މިހާރު ޑަރާފްޓް ކުރަމުންދާ ބިލް މާލަސްތަކެއް ނުވެ ޤާނޫނަކަށް ވެގެންދާނެކަމަށް އަނީސާ އުއްމީދު ކުރައްވައެވެ.