އީދު ދުވަހަކީ ނިކަމެތީންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސް: ރައީސް

ފޮޓޯ: ރައީސް އޮފީސް

އީދު ދުވަހަކީ ފަގީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިއްމު ކަމަކީ މުޖްތަމަޢުގައި ތިބި ތަފާތު ފަންްތިތަކުގެ މީހުންގެ ޙާލަތެވެ. ރައީސް ވިދާޅުވީ "އުފާވެރި ޢީދަކާ އަޅުގަނޑުމެން މި ބައްދަލުކުރީ ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ޙާލަތު ހަނދާންކޮށްދިން މޫސުމަކަށް ފަހުގައެވެ. މިއަދަކީ އެ މީހުންނަށް އެހީތެރިކަން ފޯރުވައި އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަހެވެ." އަދި އިޖުތިމާއީ އަދާލަތުގެ އެންމެ މުހިއްމު މަގްސަދަކީ މުޖްތަމައުގެ ފަރުދުން އެއް ހަމަކޮށްދިނުމާއި ތަފާތުކުރުމާއި ހަވާސާކުރުން ނެތިކޮށްލުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދީލަތިކަން އިސްކޮށް އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިޖްތިމާޢީ ގުޅުންތަކާާއި ޤައުމިއްޔަތުގެ އަގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަކީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ މުހިއްމު ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކިތަންމެ މުހިންމު އަދި ޙާޞިލުކުރަން ކިތަންމެ ބޭނުން ކަމަކަށްވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ނެތްނަމަ، އެކަމެއް ޙާޞިލުކުރުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެއް ކަމުގައި ދެކި، އެ ފުރުޞަތުގެ ބޭނުން ހިފަމާތޯއެވެ" ރައީސް ވިދާޅުވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.