(31 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ސިހިފައި ލޯމަތީގައި އަތް ޖައްސައިލި އިރު ލޯ ތެމިފައި ހުރީތީ ވަރަށް އަޖާއިބުވިއެވެ. އޮފިސަރު ސުވާލުކުރިއެވެ.
"ހިންމަތު ރާއޯއާ އަރާރުންވީތަ؟ އެހެންކަމަށް ވަންޏާ..." އޭނާ މޭޒު މައްޗަށް ގުދުވިއެވެ. ދެން މަޑުމަޑުން ބުންޏެވެ. އަހަރެން ގާތަށް އާދޭ. ކަލޭ ވަރަށް ރީތި."
އޭނާ ޖީބުން ރުމާ ނަގައިފައި ރޫޕުވަތީގެ ކަރުނަ ފޮހެދޭން ފެށިއެވެ. ރޫޕުވަތީ އޭނާގެ މޫނަށް ބަލަމުން ހިނދުކޮޅެއް ވަންދެން އެއްޗެއް ވިސްނަމުން ގެންދިޔައެވެ. ދެން ބުންޏެވެ.
"އޮފިސަރު! އަހަރެން މީނދީ ވަރަށް ބިރުން."
"ކާކު ދެކެ؟" އޭނާ ސުވާލުކުރިއެވެ. "އަހަރެން ގާތު ބުނޭ. އަހަރެން އެ މީހެއްގެ ގައަށް ބަޑިޖަހާނަން.!"
"އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ މަލާއިކަތެއްގެ ގައަށް ކަލޭ ބަޑިޖަހަންވީ ކީއްވެ؟"
"ކަލޭ ބިރުން ތިޔަ އުޅެނީ މަލާއިކަތުން ދެކެތަ؟"
"އާނ. އޮފިސަރު. ކަލޭ ވެސް ނިކަން ވިސްނައިލަބަލަ. އެ މަލާއިކަތާ އަހަރެންގެ ކުރިމައްޗަށް އައިސް އުޅޭ ނަމަ އަހަންނަކަށް ފާފަވެރިއެއް ނުވެވޭނެ. ހިންމަތު ރާއޯގެ ގާތަށް، ނޫނީ ކަލޭގެ ގާތަށް، ނޫނީ އެހެންވެސް ގޮތްކުޑަ މީހެއްގެ ގާތަށް އަހަންނަކަށް ދާކަށް ނުކެރޭނެ."
އޮފިސަރު ސިހިފައި ބުންޏެވެ. "އޭ! އަހަންނަށް ހުތުރު އެއްޗެހި ކިޔަނީތަ؟"
"ރުޅި އައީ ކީއްވެ؟ މި ތާނގައި އަހަރެމެން އެންމެންގެ މެދުގައި އޮތް ގުޅުމަކީ ހުތުރު އެއްޗެހީގެ ގުޅުމެއްނު. އެހެންނޫންނަމަ އަޅެ އަހަންނަށް ދަރިފުޅާއޭ ކިޔައިފައި ގޮވާބަލަ."
އޮފިސަރު ބާރަށް ހީނގަތެވެ. ދެން ބުންޏެވެ.
"ކަލޭ ތިޔަބުނީ ތެދެއް. އަހަރެމެންގެ މެދުގައި އޮތުން ރަނގަޅުވާނީ ހުތުރު އެއްޗެހީގެ ގުޅުމެއް. ހިނގާ އަހަންނާ އެކު..."
"އުނހު. އަހަރެން ބުނެފީމެއްނު؟ އެ މަލާއިކަތާ ހުރިހައި ހިނދަކު އަހަންނަކަށް ނުކެރޭނެ ވާހަކަ. ކަލެއަށް ޚޫރުޝީދު ބަލްގުރާމީ މި ޖަޒީރާއިން ފޮނުވައިލެވިދާނެތަ؟"
"ކަލޭ ތިޔަ ބިރުގަންނަނީ އެ މަލާއިކަތާ ދެކެތަ؟ މިހާރު ހަނދާންވެއްޖެ. މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެން އެއް ނަންބަރު ކޮޓެޖު ދޮށަށް ދިޔައިން. އެއީ އެ ކޮޓެޖުން ބޭރަށް ނުނުކުންނާން އެ މީހުންނަށް އަންގާން. އެކަމަކު އެ މީހުން ގާތު އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ކުޑަދޮރެއްގެ ދޮށުގައި ފިލައި ހުރެގެން އެ މީހުންގެ ވާހަކަތައް އަޑުއެހިން. ޚޫރުޝީދު ބަލްގުރާމީ މިހާރު ބުނާ އެއްޗެއް އެނގޭތަ؟ އޭނާ ހާތޯރާ ގާތު ބުނީ އެ ދުންތަރި މިހާރު އަހަރެމެންގެ ބިމަކު ނުޖެހޭނެޔޯ."
"އެންމެ މީހަކު އެހެން ބުނާ އިރަށް އެ ތަރި ޓާޓާކިއައިފައި ހިނގައިދާނެތަ؟"
"އެންމެ ފުރަތަމަ ގިޔާމަތުގެ ޚަބަރު ގެނައީ އެ އެންމެ މީހާއޭ. ދުންތަރިއެއް އަންނަ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ އޭނާ. އެހެން މާހިރުން ތެދުކޮށްދިނީ އޭގެ ފަހުން. މިހާރު އޭނާގެ އެންމެ ފަހުގެ ބުނުމަކީ އެ ތަރި އަހަރެމެންގެ ބިމުގައި ނުޖެހޭނެކަމަށް ބުނާ ބުނުން. އޭނާ ހުރީ އެ ވާހަކަ ސިއްރުކޮށްގެން. އެކަމަކު އަހަރެން މި އައީ ކަލޭމެންގެ ކޮޓެޖަށް ގޮސްފައި. އަހަރެން މި އައީ ހިންމަތު ރާއޯއާއި ފަލަކިއްޔާތުގެ އެހެން މާހިރުން ގުލޯބު އާކަށް ފޮނުވައިފައި. އެ މީހުން އެނބުރި އައިސް މިފަހަރުވެސް ޚޫރުޝީދު ބަލްގުރާމީގެ ވާހަކަ ތެދުކޮށްދޭނެކަން އަހަންނަށް ޔަގީން."
ރޫޕުވަތީ އުފާވެފައި ސުވާލުކުރިއެވެ. "އޯހ. އެހެން ވީ އިރު ގިޔާމަތުން ސަލާމަތްވާނެކަމުގެ އުންމީދު ލިބުނީތާ."
"އާނ. އަހަރެން މި ބުނަނީ ތިޔަ ހެން. ހިންމަތު ރާއޯ ގުލޯބު އާކުން އައިސް ދުންތަރީގެ ނުރައްކަލުން ސަލާމަތްވެއްޖެކަން ޔަގީންކޮށްދިނީމާ ލިބޭ އެންމެ ފުރަތަމަ ދަނޑިވަޅުގައި ޚޫރުޝީދު ބަލްގުރާމީއާ ހާތޯރާގެ ގައަށް ބަޑިޖަހާނެ."
ރޫޕުވަތީގެ ހިނިތުންވެފައިވާ މޫނު ކުއްލިއަކަށް މޯޅިވިއެވެ. އޮފިސަރު ބުނަމުން ގެންދިޔައެވެ.
އެ މީހުން އެނބުރި އެ މީހުންގެ ގައުމަށް ގޮސް އަހަރެމެން އެ މީހުން ވަގަށްނެގި ވާހަކަ ކިއައިދޭކަށް އަހަރެމެން ބޭނުމެއް ނޫން. އަހަރެންގެ ފުރާނައާ! ކަލެއެކޭ އެއްގޮތަށް އަހަރެމެން ވެސް އެ މަލާއިކަތާ ދެކެ ބިރުގަނޭ. ކަލޭ ބޭނުންވަނީ އޭނާ ހަމައެކަނި މި ޖަޒީރާއިން ފޮނުވައިލާކަށްނު. އަހަރެމެން އޭނާ މި ދުނިޔެއިން ފޮނުވައިލާނަން."
އޭނާ އަޑުއަހަމުން ގެންދިޔައެވެ. އޭނާގެ މޫނު ހިލަގަނޑެއް ހެން ހަރުވިއެވެ. އޭނާ އިން ތަނުން ތެދުވެފައި ފިނި ރާގެއްގައި ބުންޏެވެ.
"އަހަރެން ކަލެއާ އެކުގައި ދާނަން."
އޮފިސަރު އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ކުރިއަށް ދަމުން ސުވާލުކުރިއެވެ.
"އަހަރެން ޚޫރުޝީދު ބަލްގުރާމީގެ ކަންތައް ނިންމައިލާނަން. ބައި ދަ ވޭ- ކަލޭ އޭނާ ފޮނުވައިލަން ވެގެން ތިޔަ އުޅެނީ ކީއްވެގެން؟"
"އަހަންނަށް އޭނާއާ ކުރިމަތިލާން ނުކެރެނީ."
އެ ދެ މީހުން ކުޅިވަރު މާލަމުން ނުކުމެގެން ކޮޓެޖަކާ ދިމާއަށް ހިނގަމުން ދިޔައެވެ. އޮފިސަރު ބުންޏެވެ.
"އަހަރެން ކުޑަދޮރު ކައިރީގައި ފިލައި ހުރެގެން ވާހަކަ އަޑުއެހި އިރު ހާތޯރާ އެ ނުޖޫމީއަށް ވިސްނައިދެނީ ކަލެއަކީ ދަރިއެއް ކަމުގައި ނުބަލާށާއި މި ޖަޒީރާއިން ފިލަން މަސައްކަތް ކުރަން. އެކަމަކު އެ ނުޖޫމީ ކަލޭ ބަހައްޓައިފައި ދާކަށް ބޭނުމެއް ނޫން."
ރޫޕުވަތީ ހިނގަހިނގައި ހުރެފައި މާނޭވާއެއް ލިއެވެ. ލޯބީގެ ޠާހިރު ޖަޒުބާތުން ވެސް މާނޭވާލެވޭ ކަމަށް އޭނާއަށް ކުރެވުނު މިއީ ފުރަތަމަ ތަޖުރިބާއެވެ.
"ޚޫރުޝީދު ބަލްގުރާމީގެ ކަލޭ ކަހަލަ އަންހެން ދަރިއަކު ހުރީތަ؟ ނޫނީ މިހާރު ވެސް ހުރޭތަ؟"
އޭނާ ވަރަށް ދުރުން އަނދިރި ފަޅު ވަޅަކުން ވާހަކަދެއްކި ގޮތަށް ބުންޏެވެ.
"އެ މީހުންގެ ގޭގައި އަހަރެން ކަހަލަ އަންހެން ދަރިން ތިބި. އެ ނުޖޫމީ ކަހަލަ ކިތައް ބަފައިން އެބަ އުޅޭ. އަހަންނަކީ އޭނާގެ މާޖިދާ ނޫންކަން އޭނާއަށް އެނގޭ. އެކަމަކު އަހަންނަށް މާޖިދާއޭ ކިއަނީ."
"އޭނާގެ މޮޔަކަމުގެ މައްޗަށް ކަލޭ ގާތަށް ހިނިއަންނާނެކަން ނޭނގޭ."
"ނޫން. އަހަރެން ހިނިއަންނަނީ އަހަރެންގެ މޮޔަކަމާ މެދުގައި. އަހަންނަށް ހީވަނީ އަހަރެން މިއީ މާޖިދާއޭ. އެތެރެ ހުސްވެ ހޮއިހެދިފައި ވާ އަހަރެންގެ މެއިން ދަރިފުޅާ ދަރިފުޅާއޭ ގޮވާ އަޑު ގުގުމާ. ދެން އަހަރެން ކަންބޮޑުވޭ. މި މުޑުދާރު ވުޖޫދުގެ ތެރެއިން ބައްޕައެއް ގޮވައިލުމުން އަހަރެން ތުރުތުރު އަޅައިގަނޭ. އޭނާގެ ކުރިމައްޗަށް ދާނީ ކިހިނަކުން ބާވައޭ ހިތަށްއަރާ. އަނެއްކާ މަރެއްނުވާނެ ބާވައޭ ހިތަށްއަރާ."
"މަރުވާނީ ކަލޭގެ ދުސްމިނުން. އޮފިސަރު ކޮޓެޖުގެ ކުރިމައްޗަށް ހުއްޓިފައި އޭނާގެ ގައިގައި ބޮސްދޭން އުޅުނެވެ. ރޫޕުވަތީ މޫނު އަނބުރައިލައިފައި ބުންޏެވެ. "އިހަށް ކޮޓެޖަށް ހިނގާ."
ކޮޓެޖުގެ ތެރެއިން އަލިވަނީ ހަމަ އެންމެ ކޮޓަރިއަކުންނެވެ. އެހެން ކޮޓަރިތައް ހުރީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. އޮފިސަރު ވަށައިގެން ހޯދައިލަމުން ބުންޏެވެ.
"ގާޑު ދިޔައީ ކޮން ތަނަކަށް؟"
އޭނާ ހަތިޔާރުއެޅި ސިފައިންގެ މީހާއަށް ގޮވަން ފެށިއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ އެތިވަރު ގޮވަމުން ރޫޕުވަތީގެ އަތުގައި ހިފައިގެން ދޮރާ ހަމައަށް އައެވެ. ދޮރު ހުރީ ހުޅުވައިފައެވެ. އޭނާ ކަމަރުން ފިސްތޯލަ ނެގިއެވެ. އެއްވެސް ބާވަތެއްގެ ނުރައްކަލެއް ވެގެން ނުވާނެއެވެ. އެހެނީ ހުރިހައި އެންމެންވެސް ވަނީ އެ މީހަކު އެ މީހެއްގެ ކޮޓެޖުގައި ހައްޔަރުކޮށްފައެވެ. އެހެންވިއަސް އޮފިސަރު ފިސްތޯލަ ދިއްކޮށްގެން ހުރެ ކޮޓަރީގެ އަނދިރީގައި އިންޒާރުކުރިއެވެ. އެކަމަކު އަނދިރިކަން އޮތީ ހަމަހިމޭނުންނެވެ. އޭނާ ފައިން ވަރަށް ބާރަށް އެއް ދޮރުފަތުގައި ޖެއްސެވެ. އޭގެ ރައްދު އަމަލެއްގެ ގޮތުން ދޮރުފަތް ކުއްލިއަކަށް ހުޅުވުނެވެ. އެނބުރި އައިސް ލެއްޕުނެވެ. އަނެއްކާ ހުޅުވުނެވެ.
މީހަކު ނެތްކަން އެނގި އޭނާ ހިތްހަމަ ޖެހުނެވެ. އޭނާ ކޮޓަރިއަށް ވަދެ ސުއިޗު ޖެއްސިއެވެ. އަލިވިއެވެ. ކޮޓަރި ހުހެވެ. އޭނާ ހަމަޖެހިލައިގެން ހުރެ ހިނގަމުން ރޫޕުވާތީއާ އެކު ނިދާކޮޓަރިއާ ދިމާއަށް ދާންފެށިއެވެ. ދޮރާ ހަމައަށް ގޮސްފައި ރޫޕުވަތީ ކުއްލިއަކަށް އޭނާގެ ފިސްތޯލައާ ދިމާއަށް ޖެހިގަތެވެ. ފިސްތޯލަ އޭނާގެ އަތުގައި ޖެހުނެވެ. އެކަމަކު އޭނާގެ އަތްދަނޑި އޮފިސަރުގެ އަތުތެރެއަށް ދިއައެވެ. އޮފިސަރު ހީނގެންފައި ބުންޏެވެ.
"ރޫޕުވަތީ! ކަލޭ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟ އަހަރެން ޚޫރުޝީދު ބަލްގުރާމީގެ ގައަށް ބަޑިޖަހާ ވާހަކަ ބުނި ވަގުތު ކަލޭގެ ހިނިތުންވުންވެފައި ވާ މޫނު މޯޅިވި. ކަލޭ މި ތަނުން ދިރިހުއްޓައި ފޮނުވައިލަން ބޭނުންވާ މަލާއިކަތާއަށް މަރުގެ ހުކުމު އަޑުއަހާން ކަލޭ ނުރުހޭނެކަން އަހަންނަކަށް ނުވިސްނޭނެތަ؟ ކަލޭ ބޭނުމީ އެ ހުކުމު ތަންފީޒުކުރުމުގެ ކުރިން އަހަރެން މަރާލަން. އާދޭ. އަހަރެންގެ ފުރާނައާ. އަހަރެން ކަލޭ ވަރަށް ލޯބިން މަރައިލާނަން."
އޭނާ ރޫޕުވަތީގެ އަތުގައި ހިފައި ކުއްލިއެއްޖަހައި އޭނާ ނިދާކޮޓަރީގެ ތެރެއަށް އެއްލައިލިއެވެ. އޭނާ އަނދިރި ކޮޓަރީގެ ތަޅުންމައްޗަށް ވެއްޓުނެވެ. އޮފިސަރު ދޮރު އެތެރެއިން ތަންޑު އަޅަމުން ބުންޏެވެ.
"މިރޭ އަހަރެންވެސް އޭޝިޔާގެ ރީއްޗެއްގެ ރަހަބަލައިލާނަން. އަހަންނަށް އަޑުއިވިފައި އޮންނަނީ އެ ތާނގެ ރީތީގައި ވަރަށް ލޮނުހެޔޮވަރުކަމަށް. ހާ ހާ ހާ ހާ"
އޮފިސަރު ސުއިޗު ޖެއްސިއެވެ. ނިދާކޮޓަރި އަލިވިއެވެ. އެއާ އެކުގައި ހުނުންގަނޑު އޭނާގެ ކަރުބުޑުގައި ތާށިވިއެވެ. ސުއިޗުބޯޑުގެ ކައިރީގައި ރީތި އަންހެން ކުއްޖަކު ފިސްތޯލައެއް ހިފައިގެން ހުއްޓެވެ. ފަހަތުން ކޮންމެވެސް މީހަކު އޭނާގެ ކަމަރުން ފިސްތޯލަ ނެގިއެވެ. އޭނާ އެނބުރިފައި ބަލައިލިއެވެ. އެ ތާނގައި ދެ ވަނަ ކުއްޖާ ހިނިތުންވާން ހުއްޓެވެ. ތިން ވަނަ ކުއްޖާ ކޮޓަރީގެ ދުރު ކަނުގައި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އެއްފައި އޮތީ އަތްގަނޑު މަތީގައެވެ. އޭނާގެ އަތުގައި މެޝިނު ބަޑިއެއް އޮތެވެ.
ރޫޕުވަތީ ވެއްޓުނު ދިމާގައި އޭނާގެ ފުރަގަހުގައި ހުރި މޫނުބަލާލޯގަނޑުގެ ކުރިމަތީގައި ހަތަރު ވަނަ ކުއްޖާ ހުއްޓެވެ. އެއީ ނީގުރޯ ކުއްޖެކެވެ. އޭނާގެ ގައިގައި އޮތީ ހަމައެކަނި ޖަނގިޔާއަކާއި އަނގިޔާއެކެވެ. އޭނާގެ ސިއްހަތު ރަނގަޅު، ކަޅު ހަށިގަނޑުން ތެޔޮ ދަޅައަޅައަޅައި ހުއްޓެވެ. އޭނާ ހުރީ ލޯގަނޑުން ބަލައިގެން އޭނާގެ ތުންފަތުގައި ވާތުން ކުލަޖައްސާށެވެ. ކަނާތުގައި އޮތް ފިސްތޯލައިގެ ކުރި ހުރީ ލޯގަނޑާ ދިމާއަށެވެ. ލޯގަނޑުން ފެންނަ ފިސްތޯލައިގެ ކުރި އޮފިސަރު ބިރުގަންނަވަމުން ގެންދިއައެވެ.
"ކުރިސްޓޮފަރ! ކަލެއަކީ ވެސް ޔަހޫދީއަކީމު. އަހަންނަކީ ވެސް ޔަހޫދީއެއް. އެކަމަކު މިއަދު އަހަރެން މިހިރީ ކަލެއާ ދެކޮޅަށް ހަތިޔާރު އުފުލައިގެން. ކަލޭމެންގެ ރޭވުމެއް ރޭޑިއޯއާއި ޓީވީން ދުނިޔޭގެ މީސްތަކުންނަށް ފަޅައިއަރައިފި. ދެ ވަނަ ރޭވުން އަހަރެމެންނަށް ފަޅައިއަރައިފި. ކުޅިވަރު މާލަމުގައި ހިނގި ހަމަނުޖެހުމުގައި މަރުވި ނުވަ މީހުންގެ ނުވަ އަންހެނުން މިހާރު ކަލޭމެންނަށް ވަނީ ބޭކާރުވެފައި. ކަލޭމެން ހަމަ ކަމަކާ ނުލައި ގުލޯބު އާކަށް އަންހެނުން ގިނަކުރާކަށް ބޭނުމެއްނުވޭ. އެހެންވެ މާދަމާ ހެނދުނު ކަލޭމެން އެ މީހުންގެ ގައަށް ބަޑިޖަހާނަމު. އެ އަންހެނުންގެ ތެރެއިން ވަރަށް ރީތި ދެ މީހުން އެކުސްޓުރާއިންގެ ގޮތުގައި ނުވަތަ އިސްޕެއަރު ޕާޓުސްގެ ގޮތުގައި ގެންދާ ވާހަކަ އަޑުއިވޭ."
ކުރިސްޓޮފަރު ކަންބޮޑުވެފައި ހަތަރު ފަރާތުގައި ތިބި ހަތަރު އަންހެން ކުދީންނަށް ބަލައިލިއެވެ. ދެން ގޮނޑީގައި އިން އަންހެން ކުއްޖާއަށް، އަޅައަޅައިގަންނަމުން ބުންޏެވެ.
"އަރުސިލާ! ކޮންމެވެސް މީހަކު ކަލޭމެން އަންހެނުން ހައްލައިލައިފި. ތިޔަހައި ރީތި އަންހެން ކުދީންނެއް އަހަރެމެންނަކަށް މަރައިލާކަށް ނުކެރޭނެ."
ދޮރުކައިރީގައި ހުރި އަންހެން ކުއްޖާ ބުންޏެވެ.
"ފުރަތަމަ އަހަރެމެން ތިބީ ތިޔަހެން ހީކޮށް ބޮޑާވެފައި. އަހަރެމެން ހީކުރީ އަހަރެމެން ކަހަލަ ރީތި އަންހެން ކުދީންނާ ހެދި ކަލޭމެން މަރުވެދާނެކަމަށް. އެކަމަކު އަހަރެމެން މަރާކަށް ނުކެރޭނެކަމަށް. އެކަމަކު މިހާރު ރަނގަޅަށް ވިސްނިއްޖެ. ކަލޭމެންނަށް ކިރުގެ ގުޅުމުން ގޮވާ ކަލޭމެންގެ އަންހެން ކޮއްކޮއިންނަކީ އަހަރެމެންނަށް ވުރެ ރީތި ބައެއް. ކަލޭމެންގެ ލޭގެ ގުޅުމަށް ފަޚުރުވެރިވާ ކަލޭމެންގެ އަންހެން ދަރީންނަކީ ރީތި ބައެއް. ކަލޭމެންނަށް ޓަކައި ރީތި ދަރިން ވިހައި ކަލޭމެންގެ ކުރިއަށް އޮތް ނަސްލަށް ކަލޭމެންގެ ނަން ދިން ވަފާތެރި އަނބީންނަކީ އެ މީހުންގެ ކިބައިގައި ރީތިކަން ހުރި މީހުން. ކަލޭމެން ތިޔަ އައީ އެ ހުރިހައި އަންހެނުން މުސްކުޅި ދުނިޔޭގައި ފަނާވާން ދޫކޮށްލައިފައި. އަހަރެމެންގެ ރީތިކަން އަހަރެމެންގެ ޒުވާންކަމާ އެކު ފަނޑުވާނެ. ކަލޭމެންގެ ނަސްލާ ހަމައަކަށް ނުފޯރާނެ. ވީ އިރު ކަލޭމެން ދާއިމީ ރީތިކަން ފަނާކޮށްގެން ނުލަފާކަން ދައްކާ އިރު އަހަރެމެން މިންޖުވާނީ ކިހިނެއް؟ ނޫން ކުރިސްޓޮފަރ! އަހަރެމެން ކަލެއެއް ދުލެއް ނުކުރާނަން."
ސުއިޗު ބޯޑުގެ ކައިރީގައި ހުރި ކުއްޖާ ބުންޏެވެ.
"އެ ބާކީ ނުވަ އަންހެނުންގެ ތެރެއިން ހަތަރު މީހުންނަކީ އަހަރެމެން. އަނެއް ފަސް އަނެހެނުން އަހަރެމެންނަކާ ބައިވެރިއެއްނުވި. އެ މީހުން މިހައި ތަނަށް ވެސް ހީކޮށްގެން ތިބީ އެ މީހުން މަރައެއް ނުލާނެކަމަށް. އެހެންވެ އަހަރެމެން އެ މީހުން މަރައިލައިފިން. އެއީ އެ މީހުން އަހަރެމެންގެ މި ބަޣާވާތް ފަޅައިއަރުވައިލައިފާނެކަމުގެ ބިރު އޮތީތީ."
ގޮނޑީގައި އިން އަރުސިލާ ބުންޏެވެ.
"އަހަރެމެން މި މަސައްކަތްކުރަނީ ފަތިސްވާން ވާ އިރަށް އަހަރެމެންގެ ހިލަމެއް ބިލަމެއް ނުކޮށް ހުރިހައި ދުޝްމިނުން އަބަދުގެ ނިދިން ނިންދަވަން. ކަލޭގެ މި ކޮޓެޖުގެ ފޯރިއަށް ހުރި މީހާ ވެސް އަހެރެމެން މި ތާ ގުދަނުގައި ނިންދަވައިފިން."
ދެން އަރުސިލާ ނީގުރޯ އަންހެން ކުއްޖާއަށް ބުންޏެވެ.
"ރާޝާ! އަހަރެމެން ބަޑިނުޖަހައި ހަ މީހުން މަރައިލިގޮތް ނިކަން ކުރިސްޓޮފަރ ގާތު ބުނެބަލަ!"
(ނުނިމޭ)