ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހުރިހާ ޙުކުމަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެން ޖަލުން ވެސް މިނިވަންވެ ވަޑައިގެންފިއެވެ.
ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވައިފައިވާ 8 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލް ކުރައްވައިފައެވެ. އެހެންނަމަވެސް އެ މައްސަލަ އަލުން ބެއްލެވުމަށް ހައިކޯޓުން މިއަދު ވަނީ އަމުރު ކުރައްވައިފައެވެ.
އަދީބަށް ޚިޔާނާތުގެ 8 އަހަރުގެ ޙުކުމެއް އައިސްފައިވަނީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ. މިއަދު ބާޠިލް ކުރެއްވި މި ޙުކުމާއެކު އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައިވާ ހުރިހާ ޙުކުމެއް ބާޠިލްވީއެވެ.
މިނިވަންވެ ވަޑައިގެންނެވުމުން އަދީބު މިއަދުވަނީ އަސަރުގަދަ ޓްވީޓެއް ކުރައްވައިފައެވެ. "އެ ކުޑަގޮޅީގައި އެކަނި އަނދިރީގައި ބަލި ޙާލުގައި އެތައް އަހަރުތަކެއް ވަންދެން އެންމެގިނައިން މިއަޅާކުރި ދުޢާ އިޖާބަ ކޮށްދެއްވައި، އިންސާފު ހޯދައިދެއްވައި، މިއަޅާ ސަލާމަތް ކޮށްދެއްވި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަން،" އަދީބުގެ ޓްވީޓުގައި ވިދާޅުވެފައެވެ.