ރައީސް މައުމޫނު އޭސީސީއަށް ޙާޒިރު ކުރަނީ!

images

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ބެލުމަށްކަމަށްކަމަށްބުނެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމު އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އަށް ޙާޒިރުކުރަން ނިންމާފައިވާކަމަށް އެކޮމިޝަނުގެ ރައީސް މީޑިއާތަކަށް ހާމަކޮށްފިއެވެ.

އޭސިސީގެ ރައީސް ހަސަން ލުޠުފީ މީޑިއާތަކަށް ހާމަކުރައްވާފައިވާގޮތުގައި ރައީސް މައުމޫނު އޭސީސީއަށް ހާޒިރުކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާއި ގުޅިގެން ރައީސް މައުމޫނާ ސުވާލު ކުރުމަށެވެ.
އެއީ ދެހާސް ނުވަ ވަނަ އަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓްތަކެކެވެ.

ރައީސް މައުމޫނާއި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއާ ޚިޔާލުތަފާތުވެ މިސަރުކާރުން ހިންގާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާމެދު ރައީސް މައުމޫނު ފާޅުގައި ފާޑުވިޑާޅުވި ހިސާބުން ސަރުކާރުގެ ބައެއް ވަޒީރުންނާއި، ސަރުކާރަށް ތާޢީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބަހުގެ ޙަމަލާތައް ވަނީ ރައީސް މައުމޫނަށް އަމާޒުވެފައެވެ.

އަދި ބައެއް މިނިވަން މުއައްސަސާތަކުންވެސް ރައީސް މައުމޫނަށް ހަމަލާދެއްވާކަމަށް ސިޔާސީ ބޭފުޅުން ތުހުމަތުކުރައްވައެއެވެ. އޭސީސީ އާއި، އިލެކްޝަންސް ކޮމިޝަންފަދަ މިނިވަން މުއައްސަސާތަކަކީ މިސަރުކާރުގެ ބާރާއި ނުފޫޒު އެތަންތަނުގެ މައްޗަށް އިންތިހާއަށް ފޯރާފައިވާ ތަންތަނުގެ ގޮތުގައި އިދިކޮޅު ސިޔަސީ ފަރާތްތަކުންދަނީ ތުހުމަތުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.