ބަސް ދަތުރަކީ އައްޑޫގެ ތަރައްޤީއަށް ވަރަށް މުހިންމު ޚިދުމަތެއް - އައިބީ

index

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އައްޑޫ އަތޮޅުގައި ފަށާ ބަސް ދަތުރު ޙިދުމަތަކީ އައްޑޫގެ ތަރައްގީ އަށް ވަރަށް މުހިންމު އަދި އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރި ޙިދުމަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ އިތުރުން، ޏ. ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ބަސް ދަތުރު ހިދުމަތްތަކަށް ބޭނުންވާ 13 ބަސް ރާއްޖެ ގެނެސް، މި މަހުގެ 13 ވަނަ ދުވަހު ބަސް ދަތުރުގެ ޙިދުމަތް ފެށުމަށް އެމް.ޕީ.އެލް އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ވަގުތު އައްޑޫގައި ހުންނެވި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫގައި ބަސް ދަތުރުގެ ޙިދުމަތް ފެށުމަކީ އައްޑޫގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށެވެ. އަދި އައްޑޫގެ ތަރައްގީ އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބޮޑު އަހަމިއްޔަތެއް ދެއްވާތީ އެމަނިކުފާނަށް އިބްރާހިމް ދީދީ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫގައި ބަހުގެ ޙިދުމަތް ފެށުމަށް އެމް.ޕީ.އެލްގެ ޓީމުން، ހާއްސަކޮށް އެމް.ޕީ.އެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެމް.ޕީ.އެލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބަހުގެ ޙިދުމަތް ދިނުމާ ގުޅޭގޮތުން އެމް.ޕީ.އެލްގެ ސީއީއޯ ޖުނެއިދާއި އެމް.ޕީ.އެލްގެ ޓީމުން އެހެން ބޭފުޅުން މިއަދު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އިބްރާހިމް ދީދީ ބައިވެރިވަޑައިގަތެވެ.

 

އައްޑޫ އާއި ފުވައްމުލަކުގައި ބަހުގެ ޙިދުމަތް ދިނުމަށް އެމް.ޕީ.އެލް އިން ވަނީ މުޅިން އާ 13 ބަހެއް ރާއްޖޭން ބޭރުން ގެނެސްފަ އެވެ. އޭގެ ތެރެއިން ހަތަރު ބަސް ވަނީ މިހާރު އައްޑޫ އަށް ގެންގޮސްފަ އެވެ.

ދަތުރު ފަތުރުގެ ޙިދުމަތަށް ސ. ފޭދޫގައި އަޅާ ވަގުތީ ޓާމިނަލްގެ ބިންގާ އެމް.ޕީ.އެލްގެ ސީއީއޯ ޖުނެއިދު ވަނީ މިއަދު އަޅުއްވައި ދެއްވައިފަ އެވެ.

ބަހުގެ ޙިދުމަތް ދިނުމަށް ގެނައި 13 ބަހަކީ ވެސް ޒަމާނީ ފެންވަރުގެ ބަސްތަކެކެވެ. މި ބަސްތަކުގައި އޭސީ އާއި ފަންކާ އަދި ޓީވީގެ ހިދުމަތް ވެސް ލިބެ އެވެ. ހުރިހާ ބަސްތަކެއްގައި ވެސް ލަގެޖު ލުމަށް ވަކި ހާއްސަ ޖާގައެއް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 50 މީހުންގެ ޖާގައިގެ 8 ބަހާއި 30 މީހުންގެ ޖާގައިގެ ހަތަރު ބަހެވެ.

އައްޑޫ އާއި ފުވައްމުލަކަށް އެމް.ޕީ.އެލްގެ ސީއީއޯ ޖުނެއިދު ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކުގެ އަތޮޅު ކައުންސިލާ އިއްޔެ ބައްދަލުކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.