ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޙައްޔަރުކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ އދ.މާމިގިލީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ސާބިތުވެ އޭނާ 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ނިހާންގެ މައްޗަށް މިރޭ ޙުކުމްކުރީ މިމައްސަލާގައި އޭނާގެމައްޗަށްކުރި ޓެރަރިޒަމްގެ ދައުވާގެ މައްސަލާގައެވެ. އަދި އިތުރު ތިން ދައުވާއެއް ނިހާންގެ މައްޗަށް ކޮށްފައިވެއެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
ރައީސް ހައްޔަރުކުރުމަށް ސައްޙަނޫން ކޯޓުއަމުރެއް ނެރުނީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭއެވެ. އެރޭ ދަންވަރު އދ.މާމިގިލީ ކޯޓު ހުޅުވައިގެން ކ.މާފުށީ ކޯޓުގެ ނަމުގައި ސައްހަނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި ތުހުމަތުގައި އދ.މަމިގިލީ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ނިހާން ހައްޔަރުކޮށް ތަހްޤީގުން ހިންގަން ފެށިއެވެ. ތަހްޤީގަށްފަހު އޭނާގެ މައްޗަށް ވަނީ ހަތަރު ދަޢުވާއެއް އުފުލާފައެވެ.
މީގެ އިތުރުން މި މައްސަލާގައި ޝާމިލުވާކަމުގެ ތުހުމަތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް ދަޢުވާކޮށްފައެވެ. އެތަޢުވާތަކުގެ ތެރެއިން ޓެރަރިޒަމްގެ ދަޢުވާ ސީބިތުވެ އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ރޭ ހުކުމްކޮށްފަ އެވެ.