ބައިނަލްއަގުވާމީ މަހާސިންތާ ފެށިއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މަންދޫބުން ބައިވެރިވާ މަހާސިންތާއެކެވެ.
މުޖުތަމައުގެ އަޚްލާގީ ހާލަތު ރަނގަޅު ކުރުމުގެ މަހާސިންތާއެކެވެ.
އަބުރާ ބެހުމުގެ މައްސަލަ ހައްލު ކުރުމުގެ މަހާސިންތާއެކެވެ.
ރައީސް ވަޑައިގެން މަހާސިންތާ ހުޅުވައި ދެއްވައިފިއެވެ.
ފުރަތަމަ ދުވަހު އޮތީ އެކި ގައުމުގެ ހާލަތާ ބެހޭ ގޮތުން މަންދޫބުން ވާހަކަފުޅު ދެއްކެވުމެވެ.
ފުރަތަމަ ވާހަކަފުޅު ދެއްކެވީ ތައިލެންޑްގެ މަންދޫބެވެ.
އޭނާ ވިދާޅުވިއެވެ.
މުޖުތަމައެއް ރަނގަޅު ކުރެވޭނީ މިންގަނޑުތަކެއް ކަނޑައަޅައިގެން އެ މިންގަނޑުތަކަށް އަމަލު ކޮށްގެންނެވެ.
އަޅުގަނޑުމެންގެ ގައުމުގައި ރަސްގެފާނުގެ އަބުރުފުޅާ ބެހޭ މީހެއްގެ އަދަބަކީ ފަނަރަ އަހަރަށް ޖަލަށް ލުމެވެ.
ދެން ވާހަކަ ދެއްކެވީ އީރާނުގެ މަންދޫބެވެ.
އޭނާ ވިދާޅުވިއެވެ.
މުޖުތަމައެއް ރަނގަޅު ކުރުމަށްޓަކައި އެންމެންގެ އަބުރު ރައްކާތެރި ކުރުން ލާޒިމެވެ.
ވެރިއެއް ގެރިއެއް ބަލާކަށް ނުޖެހެއެވެ.
އަޅުގަނޑުމެންގެ ގައުމުގައި ރައީސްގެ އަބުރުފުޅާ ބެހޭ މީހެއްގެ އަދަބަކީ ހަތްދިހަ ހަ އެތިފަހަރުން ތައުޒީރު ކުރުމެވެ.
ދެން ވާހަކަފުޅު ދެއްކެވީ އިޓަލީގެ މަންދޫބެވެ.
އޭނާ ވިދާޅުވިއެވެ.
އަބުރާ ބެހުމަކީ ލުއި ކަމަކަށް ހެދުމަކީ ގައުމު ފަނާ ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
އަޅުގަނޑުމެންގެ ގައުމުގައި ފާދިރީއެއްގެ އަބުރުފުޅާ ބެހިއްޖެ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުމެވެ.
ދެން ވާހަކަފުޅު ދެއްކެވީ ދިވެހިރާއްޖޭގެ މަންދޫބެވެ.
އޭނާ ވިދާޅުވިއެވެ.
އަބުރާ ބެހުމަކީ ދީނުގައިވެސް މަނާ ކުރައްވައިފައިވާ ބޮޑު ފާފައެކެވެ.
ގާނޫނީ ކުށެކެވެ.
އަޅުގަނޑުމެންގެ ގައުމުގައި ސިޔާސީ ހަތުރެއްގެ އަބުރާ ބެހިއްޖެ މީހަކަށް ލިބެނީ މިނިސްޓަރުކަމެވެ.
ނުވަތަ ޕާޓީގެ އިސް މަގާމެކެވެ.