އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އައްޝަބާބުގެ 60 މީހުން މަރާލައިފި

އައްޝަބާބުގެ ހަނގުރާމަވެރިންތަކެއް

އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި ސޯމާލިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް އައްޝަބާބުގެ 60 ހަނގުރާމަވެރިން މަރާލައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އެފްރިކާ ކޮމާންޑް، ޔުނައިޓެޑް ސްޓޭޓްސް އެފްރިކާ ކޮމާންްޑް (އެފެރިކޮމް) ގެ ބަޔާނެއްގައި ބުނި ގޮތުގައި އެމީހުން މަރާލާފައިވަނީ ސޯމާލިޔާގެ މެދުތެރޭގައި އޮންނަ މުދުގް ޕްރޮވިންސުގެ ހަރާރްދެރޭ އަށް ދިން ހަމަލާއެެއްގައެވެ. އެ ރަށަކީ އައްޝަބާބުގެ ބާރުގެ ދަށުގައި އޮންނަ ރަށެކެވެ. މިއީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހަށް ފަހު އެމެރިކާއިން ދިން ހަމަލާއެއްގައި އައްޝަބާބުގެ 100 ހަނގުރާމަވެރިން މަރާލިފަހުން ސޯމާލިޔާގައި އެމެރިކާއިން ދިން އެންމެ ވަރުގަދަ ހަަމަލާއެވެ.
އެފްރިކާގެ އިރުމަތީގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމުގައި ބެލެވޭ އައްޝަބާބު ޖަމާއަތަކީ އަލްޤާއިދާއާ ގުޅުން އޮންނަ ޖަމާއަތެކެވެ. އެ ޖަމާއަތުގައި 7 ހާހާ 9 ހާހާ ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން އުޅޭކަމަށް ވެއެވެ.
ސޯމާލިޔާގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމުގެ ނަމުގައި ހަނގުރާމަކުރާ އެ ޖަމާއަތުން ސޯމާލިޔާގެ ދާޚިލީ ހަނގުރާމައިގެ ކުރީކޮޅު ސޯމާލިޔާގެ ބޮޑުބައެއް ކޮންޓުރޯލުކުރި ނަމަވެސް މިހާރު އެޖަމާއަތުގެ ބާރު ހިނގަނީ ސޯމާލިޔާގެ ދެކުނާއި މެދުތެރޭގެ ރަށްފުށުގެ ކުދި އަވަށްތަކަށެވެ.
އަލްޝަބާބު ޖަމާއަތާ ދެކޮޅަށް މި ނިމިގެންދާ އަހަރުގައި އެމެރިކާއިން ސައުވީހަކަށް ހަމަލާ ދީފައި ވެއެވެ. އޭގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތައްވެސް ހިމެނެއެވެ.
ފާއިތުވި އާދީއްތަ ދުވަހަކީ އައްޝަބާބުން ސޯމާލިޔާގައި ދިން އެންމެ ވަރުގަދަ ހަމަލާއަށް އެއް އަހަރު ފުރުނު ދުވަހެވެ. ވެރިރަށް މޮގަދިޝޫގައި ޓްރަކެއް ގޮއްވާލައިގެން ދިން އެ ހަމަލާގައި 500 މީހުން މަރުވެފައި ވެއެވެ.
އެމެރިިކާއާއި ކެންޔާ ގުޅިިގެން ސޯމާލިޔާގައި ދެމުންދާ ވައިގެ ހަމަލާތަކުން އައްޝަބާބުގެ ހަރަކާތްތައް ހުއްޓުވިފައި ނުވާއިރު، އެ ހަމަލާތަކުގައި އާއްމުންގެ މީހުން މަރުވާތީ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެމެރިކާއިން ބުނަމުން ދަނީ އެ ހަމަލާތަކަކީ އައްޝަބާބުގެ ހަރަަކާތްތައް ހުއްޓުވުުމަށް މުހިއްމު ހަމަލާތަކެއް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.