ދީނާއި ސައިންސް (8)

(29 ސެޕްޓެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އިތުރަށް ލިޔުއްވައިފައި ވެއެވެ.

"ފުރާނައަކީ ލެއްވި އެއްޗެއް ކަމާ މެދު ވަރަށް ތަފުސީލުކޮށް އިބްނު ސީނާ ދަލީލާއެކު ލިޔުއްވިއެވެ. އެކަމަކު އެއީ ހަމައެކަނި ލަފުޒުތަކެކެވެ. ޔޫނާނީ ޢާއްމު ދަަލީލުތައް އެހެން ނަފުޒުތަކެއް ބޭނުން ކުރައްވައިގެން ދެއްކެވުން ކަހަލަ ކަމެކެވެ. މުންކިރަކު އެ ވާހަކަތަކަށް އިންކާރު ކުރާން ބޭނުން ވެއްޖެ ނަމަ ބުނާނެއެވެ. "ތިޔަ ދެއްކެވި ވާހަކަތަކީ ދަޢުވާއެއް ތަކުރާރު ކުރެއްވުމެވެ. ދަލީލެއް ނޫނެވެ. ވަކި ގޮތަކަށް ތަރުތީބު ވުމަށް ފަހު ހުރިހައި ދިރުމެއްގެ އަސްލަކަށް މާއްދާ ވުމަކީ އެކަށީގެންވާ ކަމެކެވެ. މެސެނެއް ހިނގާ ގޮތާއި، މިއުޒިކީ އާލާތަކުން ނުކުންނަ މިއުޒިކަކީ ދާދި އެއްކަހަލަ ދޭއްޗެވެ. އެކަމަކު އެޔަކު ފުރާނައެއް ނުހުރެއެވެ." މަންތިގީ ހަމަޔަކުން މި ވާހަކައަކަށް ދޭނޭ ޖަވާބެއް ނެތެވެ. އިމާމް ޣަޒާލީ ފުރާނަޔާ ބެހޭ ގޮތުން މަންތިގީ ދަލީލެއް ނުދެއްކެވި ސަބަބަކީ އެއީއެވެ." (ސަފުހާ 175)

ޝިބްލީ ނުޢުމާނީ ގެ ބަހުސު ނިންމައިލެއްވީ މި ހިސާބުންނެވެ. 1901 ވަނަ އަހަރުގެ ނަސްނީފެއްގައި ވާާހަކަ ދެކެވެން އޮތް އެންމެ ބޮޑު ވަރަކީ މިއީ ކަމުގައިވެސް ވެދާނެއެވެ. އެކަމަކު އަޅުގަނޑު އެހެން ވާހަކައެއް ދަންނަވައިލާނަމެވެ. ޒަމާނީ ތަހުގީގާއި، ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ޢިލްމީ އައު ދޮރުތަކެއް ވަނީ ހުޅުވިފައެވެ. ފުރާނައަކީ ހަށިގަނޑާ ވަކި ވުޖޫދެއް ލިބިފައިވާ އެއްޗެއް ކަމާއި، ހަށިގަނޑު ފަނާ ވެގެން ދިއުމުންވެސް ފުރާނަ ދެމި ހުންނަ ކަމީ ހަމައެކަނި ކަނު އީމާންކަމެއްގެ ސަބަބުން ބަޔަކު ގަބޫލު ކުރާ ކަމެއް ނޫނެވެ. ތަޖުރިބާގެ އަލީގައި އެކަން ސާބިތު ކުރުމަކީ މިހާރު ކުރެވިދާނޭ ކަމެކެވެ.

ސައިންސުން ހާމަ ކޮށްފައިވާ ގޮތުގައި ހަށިގަނޑަކީ ކުދިކުދި އެތައް ހަތައެއްގެ މަޖުމޫއާއެކެވެ. އާއްމު ގޮތެއްގައި މީހެއްގެ ހަށިގަނޑުގައި އެއް ހާސް އެއް ސަތޭކަ މިލިއަން ހަތާ އެކުލެވިފައިވާ ކަމަށް ސައިންސުވެރިން ވަނީ ބުނެފައެވެ. ކޮންމެ ސިކުންތެއްގެ ތެރޭގައި މިއިން އެތައް ހަތައެއް މަރުވެއެވެ. މަރުވާ ހަތާގެ ބަދަލުގައި އައު ހަތާ އުފެދެނީ އަޅުގަނޑުމެންގެ ކައިބޮއި ހަދާ ތަކެތީގެ ސަބަބުންނެވެ. ހަށިގަނޑަކީ އެތައް ބިލިއަން ގަލަކުން އާރާސްތު ކޮށްފައިވާ އިމާރާތެއް ފަދަ އެއްޗެކެވެ. ކޮންމެ ހިނދުކޮޅަކުމެ އެ ގާތަކުން އެތައް ގަލެއް އައު ކުރެވި ތާޒާ ކުރެވެމުން ދެއެވެ. އެހެންވީމާ ފުރާނައަކީ ހަށިގަނޑުގެ ބައެއް ކަމުގައި ވާނަމަ، ހަށިގަނޑަށް އަންނަ ބަދަލު ފުރާނައަށްވެސް އަންނާން ވާނެއެވެ. ފުރާނައިގެ ހަތާތައްވެސް ބަދަލު ވަމުން ދާން ވާނެއެވެ. މެސެނެއްގެ ވަކި ބައެއް ހަވާލު ވުމާއެކު އޭގެ އަސަރު މުޅި މެސެނަށް ކުރެއެވެ. މިއުޒިކީ އާލާތެއްގެ އެންމެ ނަރެއް ކަނޑައިގެން ދިޔައީމާ އެ އާލާތަކުން ނެރޭ މިއުޒިކުގެ އަޑަށް ބަދަލު އާދެއެވެ. އެހެންވީމާ ހަށިގަނޑަށް އަންނަ ބަދަލުތައް ފުރާނައަށްވެސް އަންނާން ވާނެއެއް ނޫންތޯއެވެ؟ އެކަމަކު މިހެންނެއް ނުވެއެވެ. ވުމާއެކު ފުރާނައަކީ ހަށިގަޑާ ވަކި ވުޖޫދެއް ލިބިފައިވާ ވަކި އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ސައިންސްވެރިޔަކު ބުނެފައިވެއެވެ. "ޝަޚުޞިއްޔަތަކީ ބަދަލުގެ ތެރޭގައި އޮންނަ ބަދަލުނުވުމެކެވެ." މާނައަކީ އިންސާނާއަކީ ބަދަލުވަމުންދާ ހަށިގަނޑެއްގެ ތެރޭގައި އޮންނަ އެއްވެސް ބަދަލެއް ނާންނަ އެއްޗެކެވެ. (މިތާނގައި އިންސާާއޭ ބުނެފައި މިވަނީ ފުރާނައަށެވެ.)

މި ޚިޔާލަށް ތާއީދު ލިބެނީ ނަފްސިއްޔާތުގެ ދާއިރާގެ ހޯދުންތަކުންނެވެ. އެޔަށް ކިޔަނީ "ބޭޝުޢޫރު" (uconscious) އާއި "ބައިޝުޢޫރު" (subconscious) އެވެ. މިއީ އިންސާނާގެ ސިކުޑީގެ ވަރަށް މުހިއްމު ދެބައެކެވެ. ސައިންސުން ސާބިތު ވެފައިވާ ގޮތުގައި ސިކުނޑީގެ ބޭޝުޢޫރުގައި ރައްކާ ކުރެވޭ މައުލޫމާތު އެއްވެސް ބަދަލެއް ނައިސް އިންސާނާ މަރުވާންދެން ދެމި ހުރެއެވެ. ފްރޮއިޑް އޭނާ ތެއްތިރީސް ވަނަ ތަގުރީރުގައި ލިޔުއްވައިފައި ވެއެވެ.

"މަންތިގުގެ ގާނޫނު، ޚާއްސަކޮށް ފުށުއެރުމުގެ އުސޫލުތައް ބޭޝުޢޫރުގެ އަމަލުތަކުގެ މައްޗަށް ބާރެއް ނުފޯރުވައެވެ. ފުށުއަރާ ވިސްނުންތައް އެއް ތަނެއްގައި ރައްކާ ކުރެވިފައި ހުންނަނީ އެއް ވިސްނުން އަނެއް ވިސްނުމުގެ މައްޗަށް ބާރު ނުފޯރާ ގޮތަށެވެ. ނުވަތަ އެއް ވިސްނުމަކުން އަނެއް ވިސްނުމެއް ކޮއްޕައި ދުރަށް ނުލާ ކަހަލަ ގޮތަކަށެވެ. (މާނައަކީ ސިކުނޑީގެ ބޭޝުޢޫރުގައި ރައްކާ ކުރެވިފައި އޮންނަ ދެ ވިސްނުމެއް، އެ ދެ ވިސްނުމަކީ އެއް ކަމެއްގެ ތަފާތު ދެ ވިސްނުމެއް ކަމުގައި ވިޔަސް، ދެ ވިސްނުންމެ، ހަމަ އެ އޮންނަ ގޮތަށް ރައްކާ ކުރެވިފައި އޮވެއެވެ. އެއް ވިސްނުމަކުން އަނެއް ވިސްނުމަކަށް ބާރެއް ނުފޯރުވައެވެ.) އެންމެ ބޮޑު ވަރަކަށްވެސް ކުރާ ކަމަކީ އެއްބަސްވެވޭ ހަމަ ތަކެއްގެ މަތީން ދެ ވިސްނުން އެއް ވިސްނުމަކަށް ބަދަލު ކޮށްލުމެވެ. ދެކޮޅު ހެދުމުގެ އެއްވެސް ކަމެއް ބޭޝުޢޫރަކުން ނުފެނެއެވެ. އެންމެ ބޮޑަށް ހައިރާންވާ ކަަމަކީ ބޭޝުޢޫރަށް ބަލާއިރު، އަޅުގަނޑުމެންގެ ސިކުނޑީގެ މަސައްކަތްތައް ނުވަތަ ބުއްދީގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަކާނާއި ވަގުތުގެ ބޭނުން ކުރަން ޖެހޭ ކަމަށް ފަލްސަފާވެރިން ބުނާ ބުނުން ނުބައިކަން ވަރަށް ރީތިކޮށް ހާމަ ވެގެން ދާތީއެވެ. ބޭޝުޢޫރަށް ބަލާއިރު ވަގުތުގެ ތަސައްވުރާ ގުޅޭ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. ވަގުތާ ގުޅިގެން ކަމެއް ހިނގާ ކަމުގެ ނިޝާނެއްވެސް ނުފެނެއެވެ. ވަގުތުގެ ނިސްބަތުން ނުވަތަ ވަގުތު ފާއިތުވަމުންދާ ވަރަކަށް ސިކުނޑީގެ ޢަމަލުތަކަށް ބަދަލު އަންނަ ކަމަކަށްވެސް ފެންނާކަށް ނެތެވެ. މިއީ ފާހަގަ ކުރާން ޖެހޭ މުހިއްމު ކަމެކެވެ. އަދި ފަލްސަފާވެރިން ފުންކޮށް ވިސްނާން ޖެހޭ ކަމެއްވެސް މެއެވެ. ބޭޝުޢޫރުން ބޭރަށް ނުނުކުންނަ ކަންތައްތައް ނުވަތަ ބޭޝުޢޫރުގައި ހިފެހެއްޓި ރައްކާ ކުރެވިފައި ހުންނަ އަސަރުތައް ފަނާ ނުވެ ދެމި ހުރެއެވެ. އަދި ހަމަ ދާދި ދެންމެއަކު ހިނގި ކަމެއް ފަދައިން އެތައް އަހަރަަކަށް ދެމި ހުރެއެވެ."

ބޭޝުޢޫރުގައި ހިނގާ ކަންތައްތަކަކީ ވަގުތާ ގުޅުމެއް ނެތް މިނިވަން އެއްޗެއްކަން އެނގުމާއެކު ސާބިތު ވެގެން ދަނީ އެއީ މުޅީން މުސްތަގިއްލު ހައިސިއްޔަތެއް ލިބިފައިވާ އެއްޗެއް ކަމަށެވެ. ހަށިގަނޑަކީ ވަގުތާއި މަކާނުގެ ގާނޫނުތަކަށް ތަބާވާ އެއްޗެއްކަން ސާބިތު ވެއެވެ. ހަށިގަނޑުގެ ހުރިހައި ހަރަކާތެއް ބަރޯސާ ވަނީ ވަގުތަށެވެ. ވުމާއެކު ފުރާނައަކީ ހަށީގަނޑުގެ ބައެއް ކަމުގައި ވާނަމަ، ހަށިގަނޑެކޭ އެއްފަދައިން ފުރާނަވެސް ބަރޯސާ ވާނީ ވަގުތާއި މަކާނުގެ ގާނޫނުތަކަށެވެ. އެކަމަކު ހޯދުންތަކުން އެނގޭ ގޮތުގައި ކަންތައް އޮތީއަކީ މިހެންނެއް ނޫނެވެ. ފުރާނައަކީ ހަށިގަނޑާ ވަކިން ދުރުގައި އޮންނަ އެއްޗަކަށް ނުވި ނަމަވެސް އެއީ މުޅީން މުސްތަގިއްލު ވަކި އެއްޗެއްކަން ފިސާރި ރަނގަޅަށް ސާބިތުވެއެވެ. ފުރާނައާއި ހަށިގަނޑުގެ ގުޅުމަކީ މެސެނަކާއި، މެސެނުގެ ހަރަކާތާ ހުންނަ ގުޅުން ފަދަ ގުޅުމެއް ނޫނެވެ. މިއުޒިކީ އާލާތަކާއި، އެ އާލާތަކުން ނުކުންނަ މިއުޒިކާ ހުންނަ ގުޅުމެއްވެސް ނުމެ ނޫންމެއެވެ. މިފަދަ ތަކެއްޗަށް ހިނގާ ގާނޫނުތައް ފުރާނައާއި ސިކުނޑިއަށް ހިނގާނަމަ، ހަށިގަނޑަށް ވާ ކޮންމެ ގޮތެއް ފުރާނައަށްވެސް ވީހެވެ.

ސައިކިކަލް ރިސާރޗަކީ މި ޒަމާނުގެ ސައިކޮލޮޖީ ނުވަތަ ނަފްސިއްޔާތުގެ ޢިލްމުގެ ގޮތްޕެކެވެ. އެއީ އިންސާނާގެ ރޫޙާނީ "ގުނަވަން"ތަކުގެ ނުވަތަ އެ މަސައްކަތުގެ ދިރާސާ ކުރާ ގޮތްޕެވެ. މި ގޮފީގެ ތަހުގީގުތަަކުން އެނގޭ ގޮތުގައި މަރު ވުމަށް ފަހު އަލުން ދިރިގެން އެހެން ދިރިއުޅަމަކަށް އިންސާނާ ވަދެއެވެ. އެކަމަކު އެއީ ހަމައެކަނި ތަޖުރިބާއާއި ހެކީގެ އަލީގައި ބުނާ ވާހަކައެކެވެ. އެކަމަކު މި ތަހުގީގުތަކުން ސާބިތު ކުރަނީއަކީ ހަމައެކަނި ދެވަނަ ދިރުމެއް ނޫނެވެ. ނުވަތަ ފުރާނަ ފަނާނުވެ އޮންނަ އޮތުމެއް ނޫނެވެ. ސާބިތު ކުރާ ކަމަކީ ފުރާނަ ނުކުމެގެން ދިއުމުގެ ކުރީން އަޅުގަނޑުމެން ދެކެ އުޅުނު ޝަޚުޞިއްޔަތު ދެމި އޮންނަ ކަމެވެ.

އިންސާނުން ވަނީ މިފަދަ އެތައް ހޯދުންތަކެއް ކުރީއްސުރެ ހޯދައި ސާބިތުކޮށްފައެވެ. އެކަމަކު ކުރިއަކުން އެއިން އެއްވެސް ކަމެއްގެ މައްޗަށް ސައިންސުގެ އަލީގައި ވިސްނައި ފިކުރު ހިންގައިފައެއް ނެތެވެ. މިސާލަކަށް ހުވަފެން ދުށުމަކީ އިންސާނާގެ ގަދީމީ އާދައެކެވެ. އެކަމަކު ހުވަފެނުގެ މުތާލިއާކޮށް ތަހުގީގު ކުރުމަށް ފަހު މި ޒަމާނުގެ އިލްމުވެރިން ނެރެފައިވާ ނަފްސިއްޔާތީ ހަގީގަތްތަކަކީ ގަދީމީ ޒަމާނުގެ މީހުން ދެނަހުރި ކަންތައްތަކެއް ނޫނެވެ. ހަމަ އެހެންމެ އިންސާނާގެ ރޫޙާނީ "ހަރަކާތްތައް" ދިރާސާކޮށް މި ޒަމާނުގެ އިލްމުވެރިން ނެރެފައިވާ ގިނަ ހަގީގަތްތަކާއި މައުލޫމާތުތައް މީގެ ކުރިން އެނގިފައެއް ނެތެވެ. އެ މައުލޫމާތުގެ އަލީގައި އެނގޭ އެއް ކަމަކީ އަޅުގަނޑުމެންނަށް އަތް ނުލެވޭ އަދި ބޭރުފުށުން އިހުސާސް ނުކުރެވޭ އެތައް ކަމެއް ވަކި ހަމަތަކެއްގެ މަތީން ހަށިގަނޑުގައި ހިނގަމުންދާ ކަމެވެ.

ސައިކިކަލް ރިސާރޗް ގެ ދާއިރާއިން މަސައްކަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ގާއިމު ކުރެވުނު މުއައްސަސާ ގާއިމު ކުރެވުނީ 1882 ވަަނަަ އަހަރު އިނގިރޭސިވާތުގައެވެ. މިހާރުވެސް އެތަން އެބަހުއްޓެވެ. ނަމަކީ "ސޮސައިޓީ ފޯރ ސައިކިކަލް ރިސާރޗް" އެވެ. މި މުއައްސަސާގެ މަސައްކަތް ފުޅާކޮށް ހިންގާން ފެށީ 1889 ވަނަ އަހަރުއެވެ. 17000 މީހުންނާ ވާހަކަ ދައްކައިގެން މައުލޫމާތު ހޯދައިގެންނެވެ. އެމީހުންނާ ކުރާ ސުވާލަކީ އެމީހުން އެތިބީ ހޭލައި ކަމަށް ގަބޫލު ކުރަންތޯއެވެ. ގަބޫލު ކުރާނަމަ، އެ ހާލަތުގައި އެމީހުންނަށް ނުފެންނަ ކޮންމެވެސް މީހަކު ގައިގައި އަތްލާ ކަމުގެ އިހުސާސް ކުރެވޭތޯއެވެ. ނުވަތަ ނުފެނުނު ނަމަވެސް ކައިރީގައި މީހަކު އެބަހުރި ކަމުގެ އިހުސާސް ކުރެވޭތޯއެވެ. ނުވަތަ ކޮންމެވެސް އެއްޗެއް އެ އެއްޗެއްގެ އަމިއްލަ ބާރުގައި ހަރަކާތް ކުރާ ކަމުގެ އިހުސާސް ކުރެވޭތޯއެވެ. ނުވަތަ ބޭރުގެ އެއްވެސް ބާރަކާ ނުލައި، މީހަކު ކުރާ ކަމަކާ ނުލައި ކޮންމެވެސް އަޑެއް އިވޭ ކަމުގެ އިހުސާސް ކުރެވޭތޯއެވެ. މި ކަހަލަ ދިރާސާތައް ވަރަށް ގިނަ ގައުމުތަަކުގައި ކުރެވުނެވެ. އެކި ކަހަލަ ތަޖުރިބާއާއި ތަހުގީގަށް ފަހު ގަބޫލު ކުރެވުނު ގޮތުގައި ހަށިގަނޑު މަރުވުމަށް ފަހުވެސް އަޅުގަނޑުމެންގެ ޝަޚުޞިއްޔަތު ކޮންމެވެސް އާދަޔާ ޚިލާފު ގޮތަކަށް މަރުނުވެ ދެމި ހުރެއެވެ.

ސީ. ޖޭ. ޑުކާާސީ އޭނާގެ ފޮތް "އަ ފިލޯސޮފިކަލް ސްކްރޫޓިނީ އޮފް ރިލިޖަން" ގައި ލިޔުއްވައިފައި ވެއެވެ.

"މި ހަގީގަތްތަކުން ރަނގަޅަށް އެނގޭ ގޮތުގައި ކާއިނާތާއި އިންސާނާގެ ޝަޚުޞިއްޔަތަށް މާއްދީ ހައިސިއްޔަތު ނޫން ހައިސިއްޔަތެއްވެސް ލިބިފައިވެއެވެ. ޠަބީޢީ ސައިންސުން ވަނީ މި ހައިސިއްޔަތުގެ ދިރާސާތައް ވަރަށް ކާމިޔާބުކަމާއެކު ކޮށްފައެވެ." (ސަފުހާ 422)

ވަރަށް ގިނަ އިލްމުވެރިން ވަނީ ސައިކިކަލް ރިސާރޗުން ލިބިފައިވާ މައުލޫމާތު ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކޮށްފައެވެ. މި ދިރާސާތަކަށް ފަހު އެ އިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި މަރުވުމަށްފަހު އެހެން ދިރުމެއް އޮންނަ ކަމީ ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. މަތީގައި ނަންގަނެވުނު ސީ. ޖޭ ޑުކާސީއަކީ ބްރައުން ޔުނިވަރސިޓީގައި ފަލްސަފާ ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ. އޭނާާ ވަނީ ފަލްސަފާއާއި ނަފްސިއްޔާތުގެ އިލްމުގެ އަލީގައި މި ނަޒަރިއްޔާ ވަރަށް ބޮޑަށް ތަހުގީގު ކުރައްވައިފައެވެ. ދީނުގައި މި ނަޒަރިއްޔާ ގެނެސްދީފައިވާ ގޮތް އޭނާ ގަބޫލެއް ނުކުރައްވައެވެ. ދީނުގެ ހަމަތައް ގަބޫލު ނުކުރެއްވި ނަަމަވެސް އޭނާ ދެކެލައްވާ ގޮތުގައި މަރުވުމަށްފަހު ފުރާނަ ދެމި ހުންނަ ކަމަށް ހެކި ލިބޭ އެތައް ކަމެއް އެބަހުއްޓެވެ. ދިރާސާގެ މައިދާނުގައި އެތައް މަސައްކަތެއް ކުރެއްވުމަށް ފަހު އޭނާ ލިޔުއްވައިފައި ވެއެވެ.

"ވަރަށް ވިސްނުން ތޫނު، ބުއްދިވެރި، އިލްމުވެރި ބަޔަކު ވަނީ ތަންގީދީ ނަޒަރަކުން ބަލައި، މި ހެކިތައް ފުންކޮށް ދިރާސާ ކޮށްފައެވެ. އެމީހުން ނިންމި ގޮތުގައި ބައެއް ހާލަތްތަކުގައި ކަމުގައި ވިޔަސް ރޫޙު ދެމިހުންނަ ކަމަށް ގަބޫލު ކުރުމަކީ އެންމެ ޖާާއިޒު ގޮތެވެ. އެ ނޫން އެހެން ގޮތެއް އޮތް ކަމަކަށް ނުފެނެއެވެ.

މި ވާހަކަތަކުން އެނގޭ ގޮތުގައި މަރު ވުމަށް ފަހު އަލުން ދިރިގެން ދިރިއުޅޭނޭ ކަމުގެ އަގީދާއަކީ ބަޔަކު މީހުން ދީނީ ގޮތުން ގަބޫލު ކުރާ އަގީދާއެއް ކަމުގައި ވިޔަސް، ދީނީ ނޫން މީހުންވެސް ގަބޫލު ކުރާ ގޮތުގައި އެއީ އެކަށީގެންވާ ކަމެކެވެ. އެ އަގީދާއަކީ ސައްހަ އަގީދާއަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމީހުން ދެކެއެވެ. އެއީ ތަޖުޒިޔާތީ ދަލީލުތަކުން ސާބިތު ކުރެވިދާނޭ ކަމެއް ކަމަށްވެސް ގަބޫލު ކުރެއެވެ. އެހެންވީމާ ދީނީ މީހުން އާޚިރާތުގެ ދިރިއުޅުން ކަމަށް އީމާންވާ ކަންތައްތައް ހަގީގީ މައުލޫމާތުގެ އަލީގައި ސާބިތު ކުރެވޭ ގޮތް ވުމަކީވެސް ދުރު ކަމެއް ނޫނެވެ.

މި ފަދަ ހާލަތެއްގައި މި މައުލޫމާތަކީ ބޭނުންތެރި މައުލޫމާތުތަކެއް ކަމަށް ވާނެއެވެ. އަދި (އާޚިރަތުގެ ދިރިއުޅުން) ގަބޫލު ކުރާކަށް ދީނުގެ ހަމަތައް ގަބޫލު ކުރުން ލާޒިމެއް ނުވާނެއެވެ.""1" (މާނައަކީ މަރުވުމަށްފަހު އަލުން ދިރިގެން އެހެން ދިރިއުޅުމެއް އުޅޭނޭ ކަމަށް ބަގޫލު ކުރުމަކީ ދީނުގެ ހަމަޔަކާ ނުލައި، ފެންނާން ހުރި ހެކިތަކުގެ އަލީގައިވެސް ކުރެވިދާނޭ ކަމެކެވެ.)

ލިޔުންތެރިޔާ މި ވަނީ މަރުވުމަށް ފަހު އަލުން ދިރޭނޭ ކަމަށް ގަބޫލު ކުރުމާއެކުވެސް ދީނީ ހަމަތަކަށް އިންކާރު ކޮށްފައެވެ. އެއީ ހަމައެކަނި އޭނާގެ ބުއްދިއާއި ވިސްނުމުގެ މައްޗަށް ކޮށްފައިވާ ކަމެކެވެ. ހަގީގަތަކީ މަރުވުމަށް ފަހުވެސް ފުރާނަ ދެމި އޮންނަ ކަމުގައި ވާނަމަ، އެއީ ދީނާ ގުޅުމެއް ނެތް ކަމަކަށް ހެދޭނޭ އެއްވެސް ގޮތެއް ނެތް ކަމެވެ.

"1" އަ ފިލޯސޮފިކަލް ސްކްރޫޓިނީ އޮފް ރިލިޖަން، ސީ. ޖޭ. ޑުކާާސީ، ސަފުހާ 412

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.