ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ފާއިތުވި އަންގާރަ ދުވަހު ވަނުމަށްފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީ ނޫސްވެރިޔާގެ މައްސަލައިގައި ތުރުކީގައި ހުންނަވާ ސައޫދީ ސަފީރު ވަލީދު އަލްޚުރައިޖީ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ސައޫދީ ސަރުކާރުގެ އިސް މަގާމުތަކެއްގައި އުޅުމަށްފަހު ފަހުން ވަކިވެގެން ސަރުކާރަށް ފާޑުކިޔަމުންދާ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ ގެއްލުނު މައްސަލައިގައި ސުވާލުކުރެއްވުމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިގައި ސަފީރާ ބައްދަލުކުރެއްވީ ޚާޒިޖީ ވަޒީރުގެ ނާއިބު ޔަވޫޒް ސަލީމް ކިރަންއެވެ.
ޖަމާލު ޚާޝުގްޖީއާ ބެހޭ އެެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާކަަމަށާއި، މައުލޫމާތެއް ލިބިވަޑައިގެންނެވިހާ އަވަހަށް އަންގަަވައިދެއްވާނެކަމަށް ދެންނެވި ވާހަކަ އޭނާ ވިދާޅުވިކަމަށް ތުރުކީގެ ޓީވީ ޗެނެލަކުން ޚަބަރުދީފައި ވެއެވެ.
ޚާރިޖީ ވަޒީރުގެ ނާއިބު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ވީހާ އަވަހަކަށް އެނގެން ބޭނުންވާ ކަމުގައެވެ.
މި މައްސަލަގައި ވާހަކަދެއްކުމަށް ސައޫދީ ޚާރިޖީ ވުޒާރާގެ ވަކީލު ވަނީ ސައޫދީ އަރަބިއްޔާގައި ހުންނަވާ ތުރުކީ ސަފީރާ ބައްދަލުކުރައްވާފައެވެ. ފަހުން ސައޫދީ މަސްދަރުތަކާ ހަވާލާދީ ޚަބަރުތައް ބުނި ގޮތުގައި ސައޫދީ އަރަބިއްޔާއިން ދަނީ "ކޮންސިއުލޭޓުގެ އިމާރާތުން ޖަމާލު ޚާޝުގްޖީ ނުކުތުމަށްފަހު އޭނާ ގެއްލުނު ގޮތެއް" ހޯދުމަށް ތުރުކީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
އެހެންނަމަވެސް، ރިޕޯޓަރުންނަށް މައުލޫމާތުދެއްވަމުން ތުރުކީގެ ރައީސު އެެރްދޮޣާންގެ ތަރުޖަމާން އިބްރާހީމް ކާލިން ވިދާޅުވީ، ޖަމާލު ޚާޝުގްޖީ ހުރީ ސައޫދީ ކޮންސިއުލޭޓުގައި ހިފެހެެއްޓިފައި ކަމަށާ، ތުރުކީން ސައޫދީ މަސްއޫލުވެރިންނާ އެމައްސަލައިގައި ވާހަކަދައްކަމުން ދާކަމަށެވެ.
"އަހަރުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ރައްޔިތެއް ކަމުގައިވާ އެ (ނޫސްވެރިޔާ) އަދިވެސް ހުރީ ސައޫދީ ކޮންސިއުލޭޓުގައި." ކާލިން ވިދާޅުވިއެވެ.
ވޮޝިންގޓަން ޕޯސްޓަށް ލިޔަމުން ގެންދާ ޖަމާލު ޚާޝުގްޖީ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ކައިވެންޏާ ގުޅޭ ލިއުމެއް ހޯދުމަށެވެ. އޭނާ ކައިވެނިކުރަން ނިންމާފައިވާ ތުރުކީ އަންހެނެއްކަމުގައިވާ ހަތީސް ބުނީ ޚާޝުގްޖީ ކޮންސިއުލޭޓަށް ވަނީ އޭނާގެ ފޯނު އޭނާގެ އަތުގައި ބާއްވާފައި ކަމަށާއި، ކޮންސިއުލޭޓަށް ވަން ފަހުން އޭނާއަށް ވީ ގޮތެެއް ނޭނގޭ ކަމަށެވެ.
ކުރިން ސައޫދީ ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ޚާޝުގްޖީ ވަނީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނު ސިޔާސަތުތަކަށާއި، ޔަމަނުގައި ސައޫދީން ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.