ދީނާއި ސައިންސް (7)

(14 ސެޕްޓެމްބަރު  2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)


މި ސިލްސިލާއަކީ ކޮންމެ ހުކުރު ދުވަހަކު ޝާއިއުކުރާ ސިލްސިލާއެކެވެ. ދިމާވީ ސަބަބަކާ ހުރެ އިއްޔެ ޝާއިއު ނުކުރެވުނު ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދުމާއެކު އިއްޔެގެ ބައި މިއަދު ޝާއިއު ކުރީއެވެ. އެކަމަކު ދެންވެސް މި ސިލްސިލާޝާއިއު ކުރާނީ ކޮންމެ ހުކުރު ދުވަހަކުއެވެ.


އަސްބާބުގެ ނަޒަރިއްޔާއަކީ ހައްލެއް ގެނެސްދިނުމަށްޓަކައި ނުވަތަ ދުނިޔެ އުފެދުނު ގޮތާމެދު އުފެދުނު ސުވާލުތަަކަށް ޖަވާބު ދިނުމަށްޓަކައި އުފަން ކުރުވި ނަޒަރިއްޔާއެކެވެ. މާނައަކީ ފުރަތަމަަ ލޮޅުން (ފުރަތަމަ ސަބަބު) އުފެދުމާއެކު އަސްބާބާއި ނަތީޖާގެ އުސޫލު އުފެދުނީއެވެ. އެއަށް ފަހު ކަމަކަށް ފަހު ކަަމެއް އުފެދުމުގެ ސިލްސިލާ ފެށުނީއެވެ. އާދެ، އަޅުގަނޑުމެން ކިޔާ "ޑޮމިނޯ އިފެކްޓް" ކަހަލަ ގޮތަކަށް ހުރިހައި ކަމެއް ހިނގަމުން ދަނީއެވެ. ވިސްނާވަޑައިގެން ބައްލަވާށެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގަން ނުވަތަ ލޮޅުން އަރާން މެދުވެރިވީ ސަބަބު ކާއިނާތުގެ ބޭރަކުވެސް އަދި އެތެރެއަކުވެސް ސާބިތު ކުރެވޭކަށް ނެތެވެ. އެހެންވީމާ ސަބަބަކާ ގުޅިގެން ނަތީޖާއެއް ފެނުނު ކަަމަށް ގަބޫލު ކުރި ކަމުގައި ވިޔަސް، އެންމެ ފުރަތަމަ ސަބަބު އޮތީ ސާބިތު ނުކުރެވިއެވެ. އެކަމަކު ދުނިޔެ ފެށިގެން ގޮސް ނިމޭންދެން ހިނގާ ހުރިހައި ކަމެއް ބިނާ ކޮށްފައި މި ވަނީ އެންމެ ފުރަތަމަ ހާދިސާއަށެވެ. ކުރުކޮށް ދަންނަވާނަމަ ކާއިނާތު އުފެދުނު ލޮޅުން ކަމަށް ބަލާ ހާދިސާގެ ސަބަބުން ހަމައެކަނި ކާއިނާތު އުފެދިފައި އެ ހިސާބުން ނިމެނީއެއް ނޫނެވެ. ކުރިމަގުގެ ތާރީޚުވެސް ބިނާ ވަނީ އެ ހާދިސާގެ މައްޗަށެވެ. އެހެންވީމާ ރޫޙާނީ ބާރަކުން ވެފައިވާ ކަމެއް ކަމަށް ޒަމާންތަކެއް ވާންދެން އަޅުގަނޑުމެން ގަބޫލު ކުރަމުން އައި ހުރިހައި ކަމެއް އަސްބާބުގެ ގާނޫނަށް ފައްތައި ނިންމައިލީއެވެ.

ގުދުރަތުގެ ކަންތައްތައް ހިނގާ އަސާސީ އުސޫލަކީ މިއީ ކަމަށް ގަބޫލުކޮށް އެކަށައެޅީ ސަތާރަ ވަނަ ގަރުނުގެ ތެރޭގައެވެ. މި އުސޫލުގެ ތެރެއިން އުފެދިގެން އައި ތަސައްވުރުގެ ސަބަބުން މުޅި މާއްދީ ކާއިނާތަކީ މެސެނެއް ކަމަށް ސާބިތު ކުރުމުގެ މަސައްކަތް ފެށިގެންފިއެވެ. މި މަސައްކަތް އެންމެ ބާރަށް ކުރެވެން ފެށީ އޮނަވިހި ވަނަ ގަރުނުގެ ދެވަަނަ ބައިގެ ތެރޭގައެވެ. އެއީ ސައިންސްވެރިންނާއި އިންޖިނޭރުންގެ ދައުރެވެ. އެމީހުންގެ އުއްމީދަކީ ގުދުރަތުގެ މެސެނީ ތަސައްވުރެއް ގާއިމު ކުރުމެވެ. އެ ދުވަސްވަރުގެ ސައިންސްވެރިއެއް ކަމުގައިވާ ހެލްމް ހޮލްޓްޒް ބުނުއްވައިފައި ވެއެވެ. "ގުދުރަތީ ހުރިހައި ސައިންސެއް އެންމެ ފަހުން ބަދަލު ވެގެން ދަނީ މެސެނީ ހަގީގަތަކަށެވެ." (މާނައަކީ ހިނގާ ކޮންމެ ކަމަކީ އެކަމެއް ހިނގަން މެދުވެރިވާ މާއްދީ މެސެނީ ކަމެއްގެ ނަތީޖާ ކަން ސައިންސްގެ ކޮންމެ ހޯދުމަކާއި ހަގީގަތަކުން ސާބިތު ވެގެން ދެއެވެ.) ލޯރޑް ކެލްވިން ބުނުއްވާ ގޮތުގައި މެސެނީ ހަގީގަތެއްކަން ސާބިތު ނުކުރެވޭ އެއްވެސް ކަމެއް އޮތް ކަމަކަށް އޭނާއަކަށް ވިސްނިއެއް ނުލައްވައެވެ.

މި އުސޫލުގެ މަތީން ދުނިޔޭގެ ހުރިހައި ކަމެއް ތަރުތީބު ވެގެން ހިނގާކަން ސާބިތު ކުރުމުގައި ސައިންސްވެރިންނަކަށް އަދި ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. ގުދުރަތުގެ މެސެނީ ތައުބީރެއް ނެރެގެން ވާހަކަ ދެއްކި ނަމަވެސް މުޅި ކާއިނާތަކީ މެސެނެއް ކަމަށް ސާބިތު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދި ވަރަށް ގިނައެވެ.

މި ވިސްނުމާއި ނަޒަރިއްޔާގެ އަސަރު އިންސާނާގެ އުފެދުމާވެސް ގުޅުވަން ޖެހެއެވެ. ގުދުރަތުގެ ކޮންމެ ކަމަކަށް އަސްބާބުގެ ގާނޫނުގެ ނަޒަރިއްޔާ ފެތޭ ކަމުގައި ވަނީ ނަމަ އިންސާނާ އުފެދުމަށް މެދުވެރިވާ ސަބަބުވެސް މި ނަޒަރިއްޔާއަށް ނުފެތެންވީ ކީއްވެގެންތޯއެވެ؟ މި ސުވާލާއެކު އުފެދިގެން އައީ ސަތާރަވަނަ ގަރުނާއި އަށާރަވަނަ ގަރުނުގެ މެސެނީ ފަލްސަފާއެވެ. ސައިންސުން ގަބޫލު ކުރާ ގޮތުގައި މުޅި ކާއިނާތަކީ ބޮޑު މެސެނެކެވެ. ދެން ހޯދުނު ހަގީގަތަކީ ދިރޭ ހަތާ އުފެދެނީވެސް ދިރުމެއް ނެތް މާއްދީ ތަކެތި އުފެދޭ ފަދައިން ކެމިކަލް ޒައްރާތަކަކުން ކަމެވެ. ވުމާއެކު ދިރޭ ހަތަޔަކީވެސް ގުދުރަތީ ގާނޫނުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެހެންވީމާ އަޅުގަނޑުމެންގެ ހަށިގަނޑާއި ސިކުނޑިގައި ހިމެނޭ ވަކި ހަތަޔަކީ އަސްބާބުގެ ގާނޫނުން އިސްތިސްނާ ކުރެވޭ ހަތަޔެއް ކަމުގައި ކަނޑައަޅާނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދިއްޖެއެވެ. ސައިންސްވެރިން ބާރު ލާފައި ބުނަމުން ދިޔަ ގޮތުގައި ގުދުރަތީ ހަމަޔަށް ބަލާއިރު ހަޔާތަކީވެސް މެސެނެކެވެ. މެސެނުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ނިވްޓަންއާއި ބަޝްއާއި، މައިކަލްެއެންޖަލޯ ފަދަ މީސްމީހުންގެ ސިކުނޑިއަކީ އުފެދިފައިވާ ފުރިހަމަ ކަަމުގެ ފަރަގު ނެތް ނަމަ، ޗާޕުކުރާ މެސެނަކާ ވަކި ތަފާތު އެއްޗެއް ނޫނެވެ. އެހެނީ ސިކުނޑީގެ މަސައްކަތަކީވެސް ޗާޕުކުރާ މެސެނު ފަަދައިން ބޭރުގެ ކޮންމެވެސް ހަރަކާތަކަށް ރައްދު އަމަލެއް ނުވަތަ ހަރަކާތެއް ކުޅައުމެވެ.

އެކަމަކު އަސްބާބުގެ ނަޒަރިއްޔާއަކީ މުޅީން ހަމަޖެހޭ ނަޒަރިއްޔާއަކަށް ނުވުމާއެކު މިއަދުގެ ސައިންސުން އެ ނަޒަރިއްޔާގައި އެހައި ބާރަކަށް ހިފަހައްޓައިގެން އޮންނާކަށް އެއްބަހެއް ނުވެއެވެ. އެއީ ޚިޔާލީ ފޮލައެއް ކަމަށްވެސް ބައެއް ސައިންސްވެރިން ބުނެއެވެ. އޮނަވިހިވަނަ ގަރުނުގެ ނިމުމާ ހަމައިން ރޭޑިއޭޝަނާއި، ބިމުގައި ހުންނަ ދަމާ ބާރު ފަދަ ކާއިނާތުގެ ހަމަތަކަކަށް މި ދެންނެވުނު މެސެނީ ތައުބީރު ނުފެއްތޭކަން ޔަގީން ކުރެވިއްޖެއެވެ. ނިވްޓަންގެ ފިކުރާއި، ބާޚްގެ ޖަޒުބާތާއި، މައިކަލްއެންޖަލޯގެ ޚިޔާލާތު އަނބުރައި އިއާދަ ކުރެވޭ ފަދަ މެސެނެއް އީޖާދު ކުރެވިދާނެތޯ މިހާރުވެސް ދަނީ ބަހުސު ކުރެވެމުންނެވެ. އެހެންނަމަވެސް ދުވަސްތައް ފާއިތު ވަމުންދާ ވަރަކަށް ސައިންސްވެރިންނަށް ކަށަވަރު ވަމުންދަނީ ބައްތީގެ އަލިކަމާއި، ގަހުން ވަކި ވެގެން އާފަލު ވެއްޓުން މިއީ މެސެނެއްގެ ސަބަބުން ވީ ކަމެއް ނޫން ކަމެވެ. ގަދީމީ ސައިންސުން ފުރިހަމަ ބާރާއެކު އިއުލާނު ކުރަމުން ދިޔައީ ގުދުރަތަކީ ކަނޑައެޅިފައިވާ އެންމެ މަގަކުން ކުރިއަށް ދާ އެއްޗެއް ކަމުގައެވެ. އެ މަގަކީ އުސްލޫބާއި ނަތީޖާގެ މަގެވެ. އެއީ އަބަދަށްޓަކައި ކަނޑައެޅި ނިމިފައިވާ ގާނޫނެއް ކަމުގައެވެ. އެކަމަކު މިއަދު ވެފައި މިވަނީ ކިހިނެއްތޯއެވެ؟ ސައިންސުން މިއަދު ބުނަމުން ދަނީ މީގެ ކުރީން ގަބޫލު ކުރާ ފަދައިން، މާޒީގައި ހިނގާފައިވާ ކަމަކުން ނުވަތަ ގަބޫލު ކުރެވިފައިވާ ހަމައެއްގެ ސަބަބުން ކުރިމަގު މުސްތަގިއްލު ވާނޭ ކަމަކަށް ކަށަވަރެއް ނުކުރެވޭނޭ ކަމުގައެވެ. މިއަދު ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަމަށް ބަލާފައި ސައިންސްވެރިންގެ ގިނަ ބަޔަކު ގަބޫލު ކުރަމުން ދަނީ އިލްމުގެ ކޯރުގެ އޮއިވަރުން އަޅުގަނޑުމެން ދަމަމުން ގެންދަނީ މެސެނީ ތައުބީރަކާ ދިމާއަށް ނޫން ކަމުގައެވެ. އެޔާ ދިމާ އިދިކޮޅަށް ކަމުގައެވެ. ކާއިނާތުގެ އުފެދުމާ ބެހޭ ގޮތުން ސައިންސްވެރިން، ސައިންސްގެ ތަރައްގީއާއެކު ގާއިމު ކޮށްފައިވާ ދެ ނަޒަރިއްޔާއަކީ މިހައިތަނަށް އައި އިރުވެސް ޔަގީން ކުރެވޭފަދަ ގޮތަކަށް ސާބިތު ކުރެވިފައިވާ ދެ ނަޒަރިއްޔާއެއް ނޫނެވެ. ފަހުގެ ތަހުގީގުތަކުން މިއިން ނަޒަރިއްޔާއަކަށް ޔަގީންކަން ލިބުމުގެ ބަދަލުގައި ލިބެމުން ދަނީ ބަލިކަށި ކަމެވެ. ހީނަރު ކަމެވެ. މިއަދުގެ ހާލަތަށް ބަލާއިރު ސައިންސްގެ ކުރީގެ ހޯދުންތައް ވަނީ ފަހުގެ ހޯދުންތަކާ ފުށު އަރާ ހޯދުން ތަކަކަށް ވެފައެވެ. އިންސާނާ ވަނީ އޭނާ އައު ދަތުރަށް ފެށި ހިސާބަށް އަލުން ރުޖޫއަ ވެފައެވެ.

ދީނާއި، މަރު ވުމަށް ފަހުގެ ދިރިއުޅުން

ޢައްލާމާ ޝިބްލީ ނުޢުމާނީ (1857-1914) އޭނާގެ ފޮތް "އަލްޣަޒާލީ" ގެ ދެވަނަ ބައިގައި "މަރުގެ ފަހުން މެދުވެރިވާ ޙާލަތު" ގެ ސުރުޚީގެ ދަށުން ލިޔުއްވައިފައި ވެއެވެ. [ދީނުގެ އެންމެ މުހިއްމު ބަޔަކީީ ޝައްކެއްވެސް ނެތް ގޮތުގައި އާޚިރަތަށް އީމާންވުމެވެ.] އޭނާ ލިޔުއްވައިފައިވާ ގޮތުގައި އިންސާނާގެ ދިރިއުޅުމަށް އަސަރު ކުރުވާ އެއްޗަކަށް ދީން ވަނީ އާޚިރަތަށް އީމާންވުމުގެ ސަބަބުންނެވެ. މިއީ ދީނުގެ އެންމެ މުހިއްމު އަގީދާ ކަމުގައި ވެފައި ވާ އިރުވެސް އެންމެ ބޮޑަށް ސުވާލު އުފައްދާ ކަމަކީވެސް މިއީއެވެ. އޭނާ ވަނީ ބަދަވީންގެ ޅެންވެރިއެއްގެ ބަސްވެސް ގެންނަވައިފައެވެ.

މަރުވުން، އަލުން ދިރުން، އަދި ހިނގައިބިގައިވެ އުޅުން

އަހަރެންގެ އަނބިކަނބުލޭގެޔާއެވެ! އެއީ ޚުރާފާތުގެ ވާހަކައެވެ.

ޝިބްލީ ލިޔުއްވައިފައިވާ ގޮތުގައި އަލުން ދިރިގެން ތެދުވުމުގެ ވާހަކަ ގަބޫލު ކުރުމުގައި އެންމެ ބޮޑު ހުރަހަކަށް ވަނީ ފުރާނައަކީ ހަށިގަނޑާ ވަކި ހައިސިއްޔަތެއް ލިބިފައިވާ މުސްތަގިއްލު އެއްޗެއް ކަމަށް ގަބޫލު ކުރުން ދަތިވުމެވެ. މާއްދިއްޔަތުގެ މީހުން ގަބޫލު ކުރާ ގޮތުގައި ފުރާނައަކީ ހަށިގަނޑުގެ ބައެކެވެ. ބޭހެއްގައި އެކުލެވޭ ކޮންމެ ކެމިކަލަކީ އެ ބޭހުގެ ބައެއް ކަމުގައި ވާ ފަދައިންނެވެ. ނުވަތަ ވިސްނައި ފިކުރުކުރުމާއި، އަޑުއިވުމާއި، އިހުސާސްވުމުގެ ހިއްސު ފަދައިން ހަށިގަނޑުގަައި އެކުލެވޭ ބައެކެވެ. ނަރުކޮށްޓީގެ ނަރުތަކުގައި ވަކި ގޮތަކަށް ކޮށްޓާން ފެށީމާ ރާގެއް ކުޅެވޭ ފަދައިން ހަށިގަނޑުގެ ބައެއް ހިއްސުތަކާއި އުންސުރުތައް ވަކި ގޮތަކަށް ހަރަކާތް ކުރީމާ ވަކި މިޒާޖެއް އުފެދެނީއެވެ. އިމާމް ޣަޒާލީގެ ދެ ފޮތަށް ނަޒަރު ހިންގައިލީމާ ފުރާނައިގެ ތަފުސީލާއި މައުލޫމާތު އޭނާ ބިނާ ކުރައްވައިފައި ވަނީ ގްރީކް (ޔޫނާނީ) ފަލްސަފާވެރިންގެ ވާހަކަތަކަށްކަން އެނގެއެވެ. އެރިސްޓޮޓްލް (އަފްލާޠޫން) އޭނާގެ "ތިއޯލޮޖީ" ގައި ދައްކަވައިފައިވާ ވާހަކަަތައް އިބްނު ސީނާވެސް ވަނީ އޭނާގެ އަމިއްލަ އިބާރާތުން ދައްކަވައިފައެވެ. ހައިރާން ވާން ޖެހެނީ ރޫޙާއި ފުރާނައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައު އެންމެ އިސްކަން ދޭން ޖެހޭ ވާހަކަތައް ޣަޒާލީ ދޫކޮށްލައްވައިފައި ވާތީއެވެ. ފުރާނައަކަށް ހަށިގަނޑެއް ލިބިފައެއް ނުވެއެވެ. އެއީ ނުފެންނަ ރޫޙީ އެއްޗެކެވެ. އެއީ މާއްދީ އެއްޗަކަށް ނުވުމާއެކު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުރާނައެއް ވުޖޫދުގައިވާކަން ސާބިތު ކުރާށެވެ. ޝިބްލީ ލިޔުއްވައިފައި ވެއެވެ.

"ފުރާނައިގެ ވުޖޫދަކީ ޚާލިސް ބުއްދީގެ ކަމެކެވެ. މި ކަމާމެދު ފުންކޮށް ވިސްނައިލީމާ އެނގެނީ ބުއްދީގެ ވަސީލަތަކީ މާއްދީ އެއްޗެއް ނޫން ކަމެވެ. މާއްދާއަކީ ދިރުމެއް ނެތް އެއްޗެކެވެ. ޚިޔާލުތަކާއި، ފަންނުވެރިކަމާއި، ސައިންސާއި، މާއްދާގައި އެކުލެވޭ ސައިންސުގެ ޚާސިއްޔަތު ދެނެގަތުމަކީ ބުއްދިއާ ނުލައި ކުރެވޭނޭ ކަމެއް ނޫނެވެ. މިކަންތައްތައް ތަރުތީބު ކުރާ އެހެން ޖަވްހަރެއް ވަނީ ލައްވައިފައެވެ. އެ ޖަވްހަރަކީ ފުރާނައެވެ. ނުވަތަ ރޫޙެވެ. މާއްދާއަކު ބުއްދީގެ ވަަސީލަތެއް ނުހުރެއެވެ. ވިސްނުމުގެ ގާބިލު ކަމެއް ނުހުރެއެވެ. އެއީ ހަމައެކަނި ފުރާނައަށް ލިބިފައިވާ ކަމެކެވެ. ފުރާނައަކީ ހަށިގަނޑާ މުޅިން ވަކި އެއްޗެއް ކަމަށް ސާާބިތު ކުރުމަށް ފަހު ދެވަނަ ކަމަކަށް އޮތީ ފުރާނަ ދެމެހެއްޓޭ ގޮތަކީ ކޮބައިކަން ހޯދުމެވެ. މާނައަކީ ހަށިގަނޑު މަރު ވުމަށްފަހު ފުރާނަ މަރުނުވެ ހުންނަނީ ކިހިނެއްތޯ ބެލުމެވެ." (ސަފުޙާ 171-172)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.