ދީނާއި ސައިންސް (4)

(31 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަސަލް ބުނުއްވާ ގޮތުގައި ފަލްސަފީ ޚިޔާލުތަކަށް ހާސިލު ކުރެވުނު ކަންތައްތަކަށް ބައްލަވައިފައި "ސައިންސުގެ ހޯދުންތަކުން ސާބިތުވާ ކަންތައްތަކަކީ ހަމައެކަނި މައުލޫމާތު ކަމުގައި ފަލްސަފާވެރިން ގަބޫލު ކުރަން ޖެހޭ" ކަމަށް އޭނާ ގަބޫލު ކުރައްވާ ސަބަބަކީ "ސައިންސުގެ ހޯދުންތަކަކީ (ފަހުން) ދޮގަކަށް ވުމުގެ ފުރުސަތު އޮންނަ ކަންތައްތަކެއް ކަމުގައި ވީނަމަވެސް، ފަލްސަފާގެ ޚިޔާލެއްގެ ތެރެއިން ދެނެގަނެވޭ ކަންތައްތަކަށްވުރެ ޔަގީންކަން ބޮޑު ހަގީގަތްތަކަކަށް ސައިންސުގެ ހޯދުންތައް ވުމެވެ.""1"

ހަމަ މި ފޮތުގައި އޭނާ ލިޔުއްވައިފައިވާ މި ބަޔާާނުން އޭނާގެ މުޅި ތަސައްވުރު ފުރިހަމަ ވެގެން ދެއެވެ.

"ނަޒަރީ ތަބީއިއްޔާތުން އަޅުގަނޑުމެންނަށް ގެނެސްދޭ މައުލޫމާތަކީ އޭގައި ކިހައި ބޮޑު މިންވަރަކަށް ޚިޔާލީ ބައި އެކުލެވޭ މައުލޫމާތެއް ކަމެއް އަޅުގަނޑުމެންނަކަށް ގިނަ ފަހަރަކަށް (އަޅުގަނޑުމެންނަކަށް) އިހުސާސެއް ނުކުރެވެއެވެ. (ސައިންސުން) ކަންތައްތަކެއް ހިނގާ ގޮތުގެ މަންޠިޤީ އޮނިގަނޑެއް ގާއިމު ކުރުމުގައި އެހީތެރި ވާނޭ ފަދަ ގޮތަކަށް، އެއް ކަމެއްގެ ނަތީޖާއިން އެހެން ކަންތައްތައް ހިނގާ ގޮތް ދައްކައިދެނީއެވެ. އެކަމަކު އެ އޮނިގަނޑު ފެތޭ ކަންތައްތަކުގެ ފޮރުވިފައިވާ ހާލަތު އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ. އެ ހާލަތު އަޅުގަނޑުމެންނައް އެނގެނީ އެ ކަމެއް ނުވަތަ ހާލަތެއް އަޅުގަނޑުމެންނަށް ކުރިމަތިވީމައެވެ. (ނުވަތަ ތަޖުރިބާ ކުރަން ޖެހުނީމައެވެ.) ނަޒަރީ ތަބީއިއްޔާތުގެ އެއްވެސް ކަމަކުން އަޅުގަނޑުމެންނަށް ކަމެއް ހިނގުމުގެ ކުރިން އެކަމެއްގެ ފޮރުވިފައިވާ ހާލަތެއް ނޭނގެއެވެ. އަޅުގަނޑުމެން ކަމަކާ ކުރިމަތިލީމާ ނުކުންނަ ނަތީޖާ ނުވަތަ ބަދަލުވާ ހާލަތަކީ، އެކަމެއް ހިނގާ ގޮތް ކަމުގައި ވެދާނެއެވެ. ނުވަތަ އަޅުގަނޑުމެންނަށް ޚިޔާލަށްވެސް ނުގެނެވޭ ފަދަ ގޮތަކަށް، އެޔާ ދިމާ އިދިކޮޅަށްވެސް ހާލަތު ބަދަލު ވެދާނެއެވެ. ތަބީއިއްޔާތުން އަޅުގަނޑުމެންނަށް ގެނެސްދޭހައިވެސް އެއްޗަކީ ވަކި އެއްޗަކަށް ބަދަލު އަންނަ ސަބަބުތައް އެނގޭފަދަ ހިސާބުތަކެކެވެ. އެކަމަކު އެ ތަކެއްޗަށް ބަދަަލު ގެންނަނީ ކޮން އެއްޗަކުން ކަމެއް، ބަދަަލު ވަނީ ކޮން އެއްޗަކުން ކޮން އެއްޗަކަށް ކަމެއް ހާމަކޮށެއް ނުދެއެވެ.""2"

ރަސަލް މި ބާބު ނިންމަވައިފައި ވަނީ "ބައެއްގެ ލޯ މައްޗަށް ނުދެއްކޭފަދަ އިސްތިންބާތު" ގެ ވާާހަަކަ ދެއްކެވުމަށް ފަހު މި ދަންނަވާ ވާހަކަކޮޅުންނެވެ.

"މިހައިތަނަށް ފަލްސަފާވެރިން ދައްކާާފައިވާ ވާހަކަތަކުގެ ފައިދާއެއް ނެތް ކަމާއި، އެ ވާހަކަތައް ސައްހަ ނޫންކަން އެނގެއެވެ. ތެދު ނުވަތަ ހަގީގަތުގެ ޔަގީނީ ޒަރީއާ އެނގިއްޖެ ކަމަށް ދައުވާ ކުރުމުގެ ފުރުސަތެއް އެމީހުންނަކަށް ނެތެވެ." (ސަފުހާ 207)

ސައިންސާއި ފަލްސަފާއަށް ބަލާއިރު މި ދެ ވަސީލަތުގެ ބޭނުން ކޮށްގެންވެސް އަޅުގަނޑުމެންނަށް ދެނެގަނެވެނީ ހަމައެކަނި ބޭރުފުށުގެ ކަންތައްތައްކަން އެބަ އެނގެއެވެ. އެތެރޭގެ ކަންތައްތައް ނުވަތަ ފޮރުވިފައިވާ ހަގީގަތްތައް ސީދާ ދެނެގަތުމަކީ އަޅުގަނޑުމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ވުމާއެކު މި މުތާލިއާއަށް ފަހު ރަސަލްގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ތަޝްކީކުގެ ތެރެއަށް ވަނުމެވެ. އަނެއް ގޮތަކީ ދީނުގެ ތެދު ކަމަށް އިއުތިރާފު ވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަމެއްގެ ހަގީގަތް ސީދާ ދެނެގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މާނައަކީ ސީދާ ޢިލްމަކީ މުސްތަހީލު ކަމެކެވެ. އެހެންވީމާ އަޅުގަނޑުމެންނަށް ބުނެވޭން އޮންނަ ހަމައެކަނި ވާހަކައަކީ "އަހަންނަކަށް އެއްވެސް އެއްޗެއް ނޭނގޭ" މިއެވެ. ކަން އޮތީ މިހެން ކަމުގައި ވިޔަސް ރަސަލް މި ވާހަކަ ގަބޫލެއް ނުކުރައްވައެވެ. އޭނާ ބުނުއްވާ ގޮތުގައި ބޭރުފުށުގެ ޗާޓަކީ ބިންގަލެއް ކަމަށް ބަލައިގެން ފޮރުވިފައިވާ ކަންތައްތައް އިސްތިންބާތު ކުރުމަކީ ޖާއިޒު އިލްމީ އުސޫލެކެވެ. މިހެން ބުނުއްވުމާއެކު އޭނާއަށް އެ ހުންނެވެނީ ދީނުގެ އިމާ ހަމައަށް ދުރުވެވިފައެވެ. އެހެނީ ދީނުންވެސް ބުނާ ގޮތުގައި އިންސާނާއަށް ލިބިފައިވާ މަހުދޫދު ހިއްސުތަކުގެ ބޭނުންކޮށްގެން ހަގީގަތުގެ އިންތިހާއީ ނަތީޖާއެއް ނުނެރެވޭނެއެވެ. އިންސާނާއަށް ކުރެވޭނޭ ކަމަކީ އޭނާގެ ލޮލަށް ފެންނަ ތަކެތީގައި އެކުލެވިފައިވާ ޒާހިރީ ހެކިތަކަށް ބެލުމަށް ފަހު، އެތަކެތީގައި އެވާ ސިފަތަަކުގެ ފޮރުވިފައިވާ ހަގީގަތްތަކަކީ ކޮބައިކަން ލަފާ ކުރުމެވެ. އެކަމަކު ހައިރާންވާން ޖެހޭ ކަމަކީ ރަސަލް ފަދަ ޢިލްމީ ބުއްދިވެރިއަކު ތަޝްކީކާ ދެކޮޅު ހެދުމާއެކު ދީނާވެސް ދެކޮޅު ހަދާ ކަމެވެ. މިހެން ހެދުމުގެ ސަބަބުން އޭނާ ހިމަނާން ޖެހެނީ އަމިއްލައަށް ސާބިތުކުރާ އުސޫލު، ހަމަ އޭނާ އަމިއްލައަށް ސާބިތުކުރާ އެހެން އުސޫލަކާ ތައާރުޒުކުރާ މީހުންގެ ތެރޭގައެވެ.

ތަޖުރިބާ ކުރެވިފައިވާ ނުވާ ގަބޫލުކުރުންތައް ސައްހަ ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރަސަލް ދެކެލައްވާކަން ވަރަށް ސާފުކޮށް އެނގެއެވެ. ޚުދު އޭނާވެސް އެފަދަ "އަގީދާތައް" ގަބޫލު ކުރައްވައެވެ. މިސާލަކަށް ދުނިޔޭގައި ވަރަށް މަދު މައުލޫމާތުކޮޅެއް ނޫނީ އަދި މިހައިތަނަށް ލިބިފައި ނުވާ ތަންތަނާއި، ފަލަކީން އެކި ކަހަލަ ކުދި މައުލޫމާތު ހޯދާފައިވާ، ކާއިނާތުގެ އެކި ހިސާބުގެ ކަންތައްތައް އޭނާވެސް ގަބޫލު ކުރައްވަނީ ސީދާ އެއިން ކަމެއް ނުވަތަ ތަނެއް ފެނިލައްވައިގެންނެއް ނޫނެވެ. "ހިއުމަން ނޮވްލެޖް" މި ފޮތުގައި ރަސަލް ލިޔުއްވައިފައި ވެއެވެ.

"އިސްތިންބާތުގެ އުސޫލަށް ބަލާއިރު އެއްކަމެއްގެ ނަތީޖާއިން އަނެއް ކަމެއް ސާބިތު ކުރެވޭ ގޮތްތަކެއް ހުންނަ ކަމަށް ގަބޫލު ކުރާ ކަމަށް އަޅުގަނޑު އިއުތިރާފު ވަމެވެ. ... ޚާއްސަކޮށް އަޅުގަނޑަށް ކަންތައްތަކެއް އެނގިގެން ކޮށްފައިވާ އިސްތިންބާތެއްގެ އެހީގައި އަޅުގަނޑަށް ނޭނގޭ ކަމެއް އިސްތިންބާތު ކުރާ ހާލަތްތަކުގައެވެ." (ސަފުހާ 10)

"މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް" ގައިވެސް އޭނާ ލިޔުއްވައިފައި ވެއެވެ.

"ސީދާ ތަޖުރިބާއިން ސާބިތު ނުކުރެވުނު ނަމަވެސް އިސްތިންބާތު ކުރުމަށް ފަހު ގަބޫލު ކުރެވޭ ހަމަތަކެއް ހުންނަ ކަަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ." (ސަފުހާ 132)

ރަސަލްގެ މި ސީދާ އިއުތިރާފަށް ބަލާއިރު ދަލީލިތަކުގެ އެހީގައި ސާބިތު ނުކުރެވޭ އެއްޗަކަށް ދީނެއް ނުވާނެއެވެ. މަތީގައި އެވާ ފަދައިން ރަސަލް ސާބިތު ކުރައްވައިފައިވާ ހަމަތަކަކީ ދީން ސާބިތު ކުރަންވެސް ބޭނުން ކުރެވިދާނޭ ހަމަތަކެކެވެ.

"ވައި އައި އޭމް ނޮޓް އަ ކްރިސްޗިއަން" ގައި ރަސަލް ލިޔުއްވައިފައި ވެއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބުއްދިޒަމާއި، ހިންދުއިޒަމާއި، ކްރިސްޗިއަނިޓީއާއި، އިސްލާމާއި، ކޮމިއުނިޒަމް ފަދަ ބޮޑެތި ދީންތަކަކީ ގެއްލުން ދެނިވި ބާތިލު ދީންތަކެކެވެ. އެ ދީންތައް އެއް ދީން އަނެއް ދީނާ ފުރިހަމައަށް އެއްބަސް ނުވާތީ، އެ ދީންތަކުގެ ތެރެއިން އެންމެ ދީނެއް ފިޔަވައި އެހެން އެއްވެސް ދީނެއް ސައްހަ ވުމަކީ ވާނޭ ކަމެއް ނޫނެވެ. ވަރަށް މަދު ހާލަތެއްގައި މެނުވީ އިންސާާނާ ގަބޫލު ކުރަނީ އޭނާ ދިރިއުޅޭ މުޖުތަަމައެއްގައި ގަބޫލު ކުރެވިފައި އޮންނަ ދީނެކެވެ. ވުމާއެކު އޭނާ ދީން ގަބޫލު ކުރަނީ އޭނާ ދިރިއުޅޭ މާހައުލުގެ ނުފޫޒުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އިލްްމުވެރިން މަންތިގީ ދަލީލުތަކެއް ކަމަށް ދައުވާ ކުރެވިދާނޭ ފަދަ ދަލީލުތަކެއް އީޖާދުކުރި ކަމާއި، އެ ދަލީލުތަކުގެ ބޭނުން ކޮށްގެން ކަލަކު ވޮޑިގެން ވާ ކަމަށް ސާބިތު ކުރެވޭކަން އެއީ ހަގީގަތެކެވެ. އެ ދަލީލުތަކާއި، އެޔާ އެއްފަދަ އެހެން ދަލީލުތައް ބޮޑެތި ފަލްސަފާވެރިން ގަބޫލު ކުޅަ ކަމީވެސް ހަގީގަތެކެވެ. އެކަމަކު މި އިހުގެ ދަލީލުތަކުގެ މައިގަނޑު ގޮސް ގުޅޭ މަންތިގަކީ އަރަސްޠޫގެ ގަދީމީ މަންތިގެވެ. އެ މަންތިގު މިހާރު ވަނީ ދީނީ މީހުން ފިޔަވައި އެހެން އެންމެން އިންކާރު ކުރާ މަންތިގެއް ކަމުގައި ވެފައެވެ. މި ދަލީލުތަކުގެ ތެރޭގައި ޚަލިސް މަންތިގީ ދަލީލެއް ނޫން ދަލީލެއްވެސް ހިމެނެއެވެ. މި ދަންނަަވަނީ ވަކި ނިޒާމެއްގެ މަތީގައި ކާއިނާތު ތަރުތީބު ވެފައިވާ ގޮތުގެ ވާހަަކައެވެ. ޑަރވިން ވަނީ މި ދަލީލު މުޅީން ނައްތައިލައިފައެވެ. އެހެން ނޫނަސް، އެ ދަލީލަކީ މަންތިގީ ގޮތުން ގަބޫލު ކުރެވޭ ފަދަ ދަލީލަކަށް ހަދައިފި ނަމަ ﷲ ގެ ކުޅަދުންވަންތަކަން ނަފީ ވެގެން ހިނގައިދާނެއެވެ." (ސަފުހާ 9)

މި ތާނގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ކާއިނާތު ތަރުތީބު ވެފައިވާ ކަމަށް ދައްކާ ދަލީލު ރަސަލް ގަބޫލު ކުރައްވާ ކަމެވެ. މި އުސޫލު ގަބޫލު ކުރެއްވުމަށް ފަހު ރަސަަލް ބުނުއްވަނީ ޑަރވިން އެ އުސޫލުގެ މަންތިގީ ހައިސިއްޔަތު ހަލާކު ކޮށްލެއްވި ކަމުގައެވެ. ނުވަތަ އެ ހައިސިއްޔަތު ވަރަށް ބޮޑަށް ކުޑަ ކޮށްފި ކަމުގައެވެ.

ރަސަލްގެ ވާހަކަތަކަށް އަލި އަޅުވައިލަމާ ހިންގަވާށެވެ. އޭނާ ބުނުއްވާ އެއްޗެއްގެ މާނައަކީ ކާއިނާތު އުފެދުމުގައި ވަކި ޚާއްސަ ނިޒާމެއް އޮތް ކަމަށް ދީން ދައުވާ ކުރާ ކަމުގައެވެ. އަދި ނިޒާމެއް އޮތް ކަމުގައި ވަނީ ނަމަ އެ ނިޒާމެއް ގާއިމު ކުރެއްވީ ކޮންމެވެސް ފަރާތަކުން ކަމަށްވެސް ގަބޫލު ކުރާ ކަމުގައެވެ. އެހެން ނޫން ނަމަ ކާއިނާތުގެ ކަންތައްތައް ގަޑުބަޑުވެ، ހަލާކު ވެގެން ހިނގައްޖައީހެވެ. ރަސަލް ގަބޫލު ކުރައްވާ ގޮތުގައި މިއީ އުސޫލެއްގެ ގޮތުން ސައްހަ ވާހަކައެކެވެ. އެކަމަކު ޑަރވިންގެ ނަޒަރިއްޔާގެ ސަބަބުން މި އުސޫލު ބާތިލު ވެއްޖެއެވެ. ނުވަތަ ގަބޫލު ނުކުރެވޭ ފަދަ އެއްޗަކަށް ވެއްޖެއެވެ. ޑަރވިންގެ ނަޒަރިއްޔާގައި ބުނާ ގޮތުގައި ދުނިޔޭގައި ލައްވައިފައިވާ މަޚުލޫގުން މިހާރު މި ފެންނަ ސިފައަށް ބަދަލު ވެގެން އައީ ޒަމާންތަކެއް ވާންދެން އެކި ކަހަލަ ބަދަލު އަންނަމުން ގޮހެވެ. އެ ބަދަލުތައް އައީ މާއްދީ އެކި ސަބަބުތައް މެދުވެރި ވެގެންނެވެ. މިސާލަކަށް ޒަރާފާއަކީ ހެއްދެވި އެއްޗެއް ނޫނެވެ. ހެއްދެވީ ބަކަރިއެވެ. ބަކަރި އެކި ދުވަސްވަރު އެކި ސިފައަށް ބަދަލު ވަމުން އައިސް، އެތައް ޒަމާނަކަށް ފަހު ޒަރާފާއަކަށް ބަދަލު ވީއެވެ.

ޑަރވިންގެ ނަޒަރިއްޔާގެ ތަފުސީލުގެ ތެރެއަށް ވަންނާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އަޅުގަނޑު ދަންނަވާން ބޭނުންވާ ހަމައެކަނި ވާހަކައަކީ މަތީގައި ދެންނެވުނު ދަލީލަކީ އުސޫލެއްގެ ގޮތުން ގަބޫލު ކުރައްވާ އެއްޗެއް ކަމުގައި ބުނުއްވުމަށް ފަހު، އެ ދަލީލު ނަފީ ކުރައްވާން ބޭނުން ކުރެއްވި ވާހަކަތަކަކީ ނުލާހިކު ބަލިކަށި ވާހަކަތަކެއް ކަަމުގައެވެ.

އެންމެ ފުރަތަމަ ޑަރވިންގެ ނަޒަރިއްޔާއަކީ އެއްގޮތަކަށްވެސް ސާބިތުވެ، ގަބޫލު ކުރެވިފައިވާ ނަޒަރިއްޔާއެއް ނޫނެވެ. އެ ނަޒަރިއްޔާއިން ސާބިތުވާ ހަމައެކަނި ކަމަކީ ދުނިޔޭގައި ލެއްވި މަޚުލޫގުން އުފެއްދެވީ އެއްފަހަރާ، އެކީގައި ނޫން ކަމެވެ. އެކި ތަކެތި ހައްދަވައިފައި ވަނީ އެކި ދުވަސްވަރު ކަމެވެ. ފުރަތަމަ ހެއްދެވީ އާދައިގެ ތަކެއްޗެވެ. ބޮޑެތި ނުވަތަ ބިޔަ އެއްޗެހި ހެއްދެވީ އޭގެ ފަހުންނެވެ. އެކަމަކު ބޮޑެތި ނުވަތަ ބިޔަ އެއްޗެހި އުފެދިގެން އައީ ކުދި އެއްޗިއްސަށް ޒަމާނާއެކު އައި މާއްދީ ބަދަލުތަކެއްގެ ސަބަބުން އަމިއްލައަށް ކަމަށް ސާބިތު ކުރާނޭ އެއްވެސް ދަލީލެއް އަދި މިހައި ތަނަކަށް ހޯދިފައެއް ނެތެވެ. ފުރަތަމަ ބުނެވުނު ވާހަކައަކީ ނުވަތަ އެއްފަހަރާ ހުރިހައި އެއްޗެއް އުފެއްދެވީ ނޫން ކަމަށް ބުނާ ވާހަކައަކީ ލޮލަށް ފެންނަ އެއްޗެއްގެ މައްޗަށް ބަަލައި ދިރާސާ ކޮށްގެން ނެރެވުނު ނަތީޖާއެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދެވަނަ ވާހަކައަކީ ނުވަތަ އެކަތި އަނެއްޗަށް ބަދަލު ވަމުން އައި ގޮތުގެ ވާހައަކީ ސީދާ އެފަދަ ކަމެއް ވަނިކޮށް ފެނިގެން ދައްކައިފައިވާ ވާހަކައެއް ނޫނެވެ. އެއީ ދިރާސާ ކުރި ބަޔަކު ކޮށްފައިވާ އިސްތިންބާތެކެވެ. ވުމާއެކު އެއީ ކޮށްފައި ދެއްކޭނޭ ކަމެއް ނޫނެވެ. އަދި ވަނިކޮށް ދެއްކޭނޭ ކަމެއްވެސް ނޫނެވެ. އެކަމަކުވެސް ރަސަލް އޭނާގެ ދަލީލު ބިނާކޮށްފައި ވަނީ މި ދެންނެވުނު ދެވަނަ ކަމުގެ މައްޗަށެވެ.

"1" މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 207

"2" މައި ފިލޯސޮފިކަލް ޑިވެލޮޕްމަންޓް، ސަފުހާ 17-18

(ނުނިމޭ)

މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.