ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގެ ދެކުނުގައި، ވާދަވެރި ހަތިޔާރުއެޅި ޖަމާއަތްތަކުގެ މެދުގައި ފާއުވި ހޯމަ ދުވަހު ފެށުނު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރި މަސައްކަތް ނާާކާމިޔާބުވެ ހަނގުރާމަ އަދިވެސް ކުރިއަށް އެބަދެއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހަނގުރާމައިގެ ސަބަބުން 27 މީހުން މަރުވެ 91 މީހުން ޒަޚަމްވެއެވެ. އޭގެ ތެރޭގައި ގިނައީ ހަނގުރާމައިގައި ބައިވެރިނުވާ އާއްމުންނެވެ.
ލީބިޔާގެ ހުޅަނގު ފަޅީގެ ރަށްތަކުގެ ކަމުވޮށިގެންވާ މީހުން ކުރި މަސައްކަަތުން ބުރާސްފަތި ދުވަހު ހަނގުރާމަ ހުއްޓުމަކަށް އައެވެ. އެހެންނަމަވެސް، ބުރާސްފަތި ދުވަހެގެރޭ އަނެއްކާވެސް ހަނގުރާމަ ފެށުނެވެ. ޚާއްސަކޮށް ޓްރިޕޮލީގެ ދެކުނުގައިވާ ޚުއްލަތުލް ފުރްޖާން ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނިގޮތުގައި ހަނގުރާމައިގައި ބަރު ހަތިޔާރާއި، ބޮޑު މެޝިން ބަޑި ވެސް ބޭނުންކުރަމުން އެބަދެއެވެ.
އެ ސަރަހައްދުގެ އަވަށެއްގެ ގެއަކަށް ރޮކެޓެއް އެރުމުގެ ސަބަބުން އެގެއިން ޒުވާން ދެކުދިން މަރުވެފައި ވެއެވެ.
ލީބިޔާގެ އެއްބައިވަންތަކަމުގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާއި، ޓްރިޕޮލީގެ އިރު ދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ ތަރުހޫނާ ރަށަށް ނިސްބަތްވާ 'ހަތްވަނަ ބްރިގޭޑް' ގެ ހަނގުރާމަވެރިންގެ މެދުގައި ފާއިތުވި ހޯމަ ދުވަހުއްސުރެ ހަނގުރާމަ ހިނގަމުން ދާއިރު 'ހަތްވަނަ ބްރިގޭޑް' ގެ މީހުން ބުނަމުން ދަނީ އެމީހުން ތަބާވަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދިފާއީ ވުޒާރާއަށް ކަމުގައެވެ.
އެހެންނަމަވެސް، ލީބިޔާގެ ބައިނަލް އަގްވާމީ ގޮތުން ގަބޫލުކުރާ ސަރުކާރު ކަމުގައިވާ، އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާޔިޒު އައްސައްރާޖު ޓީވީން ދެއްވި ޚިޠާބެއްގައި ވިދާޅުވީ 'ހަތްވަނަ ބްރިގޭޑަ'ކީ އެޕްރީލް 2018 އިން ފެށިގެން ދިފާއީ ވުޒާރާއާ ގުޅުމެއް އޮތް ބައެއް ނޫން ކަމުގައެވެ. އޭނާ ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އިހުތިރާމުކުރުމަށް ދެ ފަރާތަށްވެސް ގޮވައިލައްވާފައެވެ.
2011 ވަނަ އަހަރު ލީބިޔާގެ ކުރީގެ ޒައީމު ކާނަލް މުއައްމަރުލް ގައްްޒާފީގެ ވެރިކަން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ނިމުމަކަށް ގެނައި ފަހުން، އޭނާ ދެކޮަޅަށް ނުކުތް ހަތިޔާރު އެޅި ޖަމާއަތްތައް ދަނީ ލީބިޔާގެ ސަރަހައްދުތައް އެބައިމީހުން ބާރުގެ ދަށަށް ގެނައުމަށް އެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމަކުރަމުންނެވެ. މީގެ އަސަރު ވެރިރަށް ޓްރިޕޮލީއަށްވެސް ދޭތެރެ ދޭތެރެއިން ކުރެއެވެ.