މިނިވަންދުވަހުގެ އުފަލުގައި ބައެއް ކުށްވެރިންނަށް ރައީސް އަދަބު ލުއިކޮށްދެއްވަނީ

ޙުކުމް ތަންފީޒުކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން އެމަނިކުފާނު ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަދަބު ލުއިކޮށްދެއްވުމަށް ރައީސް ނިންމެވީ، މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާ ޚާއްސަ ކޮމިޓީއަކުން އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްސަ ޝަރުތުތަކަކާ އެކުގައެވެ.

އަދަބު ‏‏ލުއިކޮށްދެއްވާފައިވާ މީހަކު، އެއިން ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާތިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ހާލަތަށް ރުޖޫއަވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ‏‏އަދަބު ލުއިކޮށްދެއްވި ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

ޖިނާއީ ހުކުމެއްގެ ދަށުން އަދަބު ‏‏ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދެއްވި ކަމުގައިވީނަމަވެސް، އެ މީހެއްގެ މައްޗަށް ‏‏ކުރެވުނު ހުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ ‏‏އިލްތިޒާމަކަށް ރައީސް ލުޔެއް ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް ތަންފީޒު ކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައި ނުވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.