މިހުރީ އިސްތިއުފާދޭ މޫޑެއްގައެއް ނޫން: އީސީގެ ރައީސް

ކޮންމެ ތަނަކުން ކޮންމެ ބަޔަކު ފިޔަވަޅު އެޅިޔަސް އަދި އިންޒާރުދިނަސް އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއްނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މިނިވަން ނޫން ކަމަށާއި ކޮމިޝަން އެއްކޮށް ބަދަލުކޮށް މިނިވަން ތަނަކަށް ހަދަންޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށްނެވެ. އަދި އިޔޫއިން ރާއްޖޭގެ އިސްވެރިންނާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އެ މީހުންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވެސް ހިމެނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ބުންޏަސް އަޅުގަނޑު އަދި މިހުރީ އިރާދަ ކުރެއްވިއްޔާ އިސްތުއުފާ ދޭކަހަލަ މޫޑެއްގައެއްނޫން. އިސްތިއުފާދީގެން ނުވަތަ ކޮމިޝަންގެ މެންބަރެއްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެން މެނުވީ ކޮމިޝަންގެ މެންބަރަކު ބަދަލެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރުމުގެ ފުރިހަމަ ބާރު ދައުލަތަށް ލިބިގެންވާ ކަމަށެވެ. އެނޫން އެހެން ބަޔަކަށް އެކަން ކުރެވޭނެ ގާނޫނީ އެއްވެސް އިމެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންވީމާ އިލެކްޝަންސް ކޮމިޝަން މިހާރުވެސް އޮތީ ގާނޫނީ މަސައްކަތްތައް ކުރެއްވުމުގައި ކުރިއަށް ދިޔުމުގެ އަޒުމުގައި ކަމަށާއި ރިޔާސީ އިންތިޚާބާ ގުޅިގެން ބަޔަކު ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކަމެއް ދިމާވެއްޖެ ކަމަށްވާނަމަ އެކަމަކާ ގުޅިގެން މަޝްވަރާ ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.