މަޝްވަރާއަށް ދައުވަތުދިނީ ބޭރު ދުނިޔެއަށް ދައްކާކަށެއްނޫން: ރައީސް

އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާއަށް 12 ފަހަރު ދައުވަތު ދެއްވީ ބޭރުގެ ފަރާތްތަކަށް އަދި ޔޫރަޕިއަން ޔޫނިއަންއަށް ދައްކާކަށް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ނަޝީދުގެ ބަދަލުގައި އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ނިކުންނެވުމުން ވެސް މަޝްވަރާއަށް ދައުވަތު ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. "މީގެ ކުރިން ބާރަ ބައްދަލުވުން ބޭއްވޭތޯ އަޅުގަނޑު މަސައްކަތް ކޮށްފީމު. އެއީކީ އެއްގޮތަކަށްވެސް ބޭރުގެ ދުނިޔެއަށް ދައްކާކަށް ކުރާކަމެއްނޫން އެއީ އީޔޫއަށް ދައްކަން ކުރާކަމެއްނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުފެދިފައިވާ ސިޔާސީ ޒަޚަމްތަކަށް ލުޔެއް ގެންނަނަވަން ބޭނުންފުޅުވާ ކަމަށެވެ. އެކަން ކުރެވޭނީ މަޝްވަރާއިން ކަމަށް ވެސް ވިދާޅުވިއެވެ. "މިއުފެދިފައިވާ ސިޔާސީ ޒަޚަމްތަކަށް ހަމަޖެހުމެއް އަންނަން އަޅުގަނޑު ބޭނުންވޭ. އެހަމަޖެހުން އަންނަން ބޭނުންވާތީ އަޅުގަނޑުގެ ދައުރުގެ ފުރަތަމަ އަހަރު ތެރޭގައި އޭގެކުރީގައި ހިނގާފައިހުރި ކޮރަޕްޝަނުގެ ކަންކަމާއި އޭގެ ކުރީގައި ފައިސާގައި ޖެހިފައިވާ މީހުންގެ މައްސަލަ ބަލައި ފާސްކުރާކަށް އަޅުގަނޑު ރިޔާސީ ކޮމިޝަނެއް ނުއުފައްދަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަގުމަތީގައި ކުޑަކަކޫ ޖައްސަވައިގެން އިންނަވައި މީހުންގެ ގެދޮރު ވަކިކޮށް ނުހައްދަވާ ކަމަށާއި، ކައުންސިލްތައް ނަންގަވައިގެން އޭގެކުރިން ހިނގާފައިވާ މައްސަލަތައް ނުބައްލަވާ ކަމަށެވެ. މިފަދަ ކަންކަމަކީ އޭރުގެ ސަރުކާރުން ފަށްޓަވައި ދެއްވައިފައިވާ ސަގާފަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަންކަން ދޫކޮށްލާފައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ގައުމާގެން ކުރިއަށް ވަޑައިގެން ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދުވެސް ސިޔާސީ ލީޑަރުންނަށް އަޅުގަނޑު މިދަންނަވަނީ ވަޑައިގަންނަވާށޭ އަޅުގަނޑާއެކު ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރައްވަން. އެކަމަކު ތިބި ހުރިހާ ކުށްވެރިން ދޫކުރަން ވާހަކަ ދެއްކުމަކީ ރައްޔިތުންގެ ސަލާމަތަށް ކުރެވޭކަމެއްނޫން. މިއަދު ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މީހުން ބަދަލުވެއްޖެޔޭ. ޕާޓީ ބަދަލުވެއްޖެޔޭ އެކަމަކު އެސިޔާސަތަކަށް ބަދަލެއްނާދޭ،" ރައީސް ވިދާޅުވިއެވެ.

މަޝްވަރާއަށް ދައުވަތު ދެއްވުމުން އިދިކޮޅުން މިފަހަރުވެސް ޝަރުތުތަކެއް މެދުވެރި ކުރެއްވި ކަމަށާއި އެއީ ބަލައިގަނެވޭނެ ޝަރުތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.