ނޮޅިވަރަމްގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސް ފަށްޓަވައި ދެއްވައިފި

ހދ. ނޮޅިވަރަމުގައި ސަރުކާރުން ގާއިންކުރައްވައިފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފަށްޓަވައިދެއްވައިފިއެވެ.

މި ޚިދުމަތް އެމަނިކުފާނު ފަށްޓަވައިދެއްވީ ތިލަދުން މަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ދާދި ދެންމެއަކުއެވެ. މިއީ ސަރުކާރުން 74މިލިއަން ރުފިޔާ ޚަރަދުކުރައްވައި ގެން ގާއިމްކޮށް ދެއްވި ޚިދުމަތެކެވެ.

މިޚިދުމަތް ފެއްޓެވުމުގެ ގޮތުން މިއަދު ހެނދުނު ނޮޅިވަރަމުގެ ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑުއްވާލަދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތަށް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި، އެއަށްފަހު ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާއެއް ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.