އިސްވެ މުސީބާތަކަށް އެދުމަކީ ކުރަންވާނެކަމެއް ނޫން: ރައީސް

އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދުމަކީ ކުރަންވާނެ ކަމެއް ނޫންކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދޭކަމުގައިވާނަމަ އޭގެ ހިތި ނަތީޖާ ދިގުލައިގެން ހިނގައިދާނެކަމަށެވެ. އަދި ދިވެހިރާއްޖެއާ ބެހޭގޮތުން ހަގީގަތާއި ޚިލާފު ކަންކަން ހުށަހަޅައިގެން ރާއްޖެއަށް ނުބައި ބަދުނާމު ލިބޭގޮތަށް ކަންކަންކޮށްގެން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް މުސީބާތެއް އަންނަ ގޮތަށް ކަންކުރުމަކީ ހަގީގަތުގައި ރައްޔިތުންގެ ހައްގުގައި ނުވަތަ ގައުމުގެ ހައްގުގައި އިންސާފުން ކުރެވޭ ކަމަކަށް ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ބެހޭގޮތުން އެއްވެސް އަސާސެއްނެތި ބޭރުގެ ފަރާތްތަކުގައި ވާހަކަދެއްކުމުގެ ސަބަބުން އޭގެ ގެއްލުން ރާއްޖޭގެ އިގްތިޞާދަށްކުރާނެކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އެއްވެސް އަސާސަކަށް މިސަރުކާރުން އިހުމާލުވެފައި ނޯންނާނެކަމަށާއި، ޑިމޮކްރަސީގެ އެއްވެސް ކަމެއް ހަނިކޮށް، ހުއްޓުވައިފައެއްވެސް ނޯންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިސަރުކާރުން ހަމައެކަނި ހުއްޓުވާފައި އޮންނާނީ އެއްވެސް އަސާސެއްނެތި މީހުންގެ އަބުރަށް އަރައިގަތުމާއި، އިސްލާމްދީނާއި ޚިލާފަށްކުރާކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި މަސްލަހަތު ދެމިއޮތުމާއިއެކު މުޅި ރާއްޖެ ތަރައްޤީ ވެގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖެ ތައްޤީކުރުމަށް ޤައުމުގައި ލޭއޮހޮރުވަން ނުޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.