ސަރުކާރުގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އުންމީދުތަކެއްދީ އެ އުންމީދުތަކަކާއެކީ މަސައްކަތްތަކެއް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅުގެ 4 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޒުވާން މޫނުތަކުން ފެންނަ އުންމީދާ އުޖާލާކަން ސަރުކާރުން ކުރާ ކަންކަމާއި ތަރައްގީގެ މަސައްކަތްތަކުންވެސް ފެނިގެން ދިއުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުދުނިޔޭގެ ޚަބަރުތަކުން މިހާރު އިވެމުންދަނީ ދިވެހިރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއްކަމަށާއި ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި އިގްތިސާދު ރަނގަޅަށް ބެލެހެއްޓޭ ގައުމެއްގެ ގުމެއްގެ ގޮތުގައި ކަމަށެވެ. މިކަންކަމުން ދޭހަވަނީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ދުވެލި ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުން ކޮށްފައިވާ ތަރައްގީގެ މުހިންމު މަސައްކަތްތަކާބެހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވީ ދުނިޔޭގައި އެންމެ ބޮޑު ނުވަތަ އެންމެ ދިގު ތޮށިލެވިފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ދިވެހިރާއްޖެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ދާއިރު ހަމަޖެހުމާ އަމާންކަމުގެ ވެއްޓެއް ގާއިމުކޮށްދޭ ފަލްސަފާއެއް ގެންގުޅޭ ބަޔަކާމެދު ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައެއްގެ ވިސްނުންހުރީ ކުދި ރަށްރަށަށް ތަރައްގީ ގެންނަންތޯވެސް ބަލަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ވެރިކަމަށް ބަޔަކު ގެންނައިރު އެބަޔަކީ ހާލަތު ބަދަލުކޮށްގެންވެސް ރައްޔިތުންނަށް އުފާވެރިކަމާ ތަނަވަސްކަން ގެނެސްދިނުމަށް މަސައްކަތްކުރާ ބައެއްތޯ ވިސްނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.