އެމްޑީޕީން ވެރިކަމަށް އައުމުން އަޑު އުފުލުން ވެސް މަނާވެފައިވާ ކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަބްދުﷲ ރަޝީދު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލާގައި އެމްޑީޕީން އެކަމާ ގުޅިގެން އަޑުއުފުލާފައި ނުވާތީ އެވެ.
ރައީސް ޔާމީން ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސް ވަރު އެމްޑީޕީން ޑިމޮކްރަސީ އަށް ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމަށެވެ.
ސަރުކާރު ބަދަލު ކޮށް ޑިމޮކްރަސީ ނުގެނެސް ރާއްޖެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ބުނެ ރަށްރަށުގައި ހުރި ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަމަށް އެމްޑީޕީން ހެދި ކަމަށާއި އެ ސަރުކާރަށް ޕްރެޝަރު ކުރަން އެމްޑީޕީގެ ފިކުރަށް އައި އެންމެ ބޮޑު ކަމަކީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނެރުވުން ކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި މަގުމައްޗަށް ނިކުމެ ދައްކަން ބޭނުންވާ ވާހަކައެއް ދެއްކެން ވާނެ ކަމުގެ ވިސްނުން އެމްޑީޕީން ޒުވާނުންނަށް ވިސްނައި ދެމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރިން މަރުވާ ކޮންމެ މީހަކީ ރައީސް މައުމޫން މަރާލާ މީހެއް ކަމަށާއި އޭގެ ޒިންމާ ރައީސް މައުމޫން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް އެމްޑީޕީން ބުނި ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ މަރުތަކާ ގުޅިގެން އެމްޑީޕީން އެތައް ބަޔަކު އެއްވެ އަޑު ގަދަ ކުރަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ކަންކަން ނިއުޅެމުން ދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް ރައްޔިތުންނަށް ހާމަވާން ފަށާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ހޯނޑެއްދޫ ސްޓިއަރިން ކޮމިޓީގެ ރައީސް އަބްދުﷲ ރަޝީދު މަރުވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ވަނީ ދީފަ އެވެ.
ރަޝީދު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑު ތުހުމަތުތަކަކާ އެކު، މަޑަވެލީ ސިއްހީ މަރުކަޒު ދޮށަށް ބަޔަކު އެއްވެ، ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.