ހެއްވާ: ފެންވަރު ރަނގަޅު އިޢުލާނު

ލިޔުމާއި ކިއުމުގައި ފަރުވާތެރިވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޖުމުލަ އެތުރުން ހިމެނެއެވެ. ޖުމުލައެއް އެތުރޭ ގޮތަކުން ނުވަތަ ޖުމުލައިގައި ބަސްތައް ތަރުތީބު ކުރެވޭ ގޮތަކުން ދޭހަކޮށްދޭން ބޭނުންވާ މާނަ ނޫން އެހެން މާނައެއް ދޭހަވާ ގޮތް ވެދާނެއެވެ. މިއީ ހަމައެކަނި ދިވެހި ބަހަށް ޚާއްސަ ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ލިޔުނަސް ނުވަތަ ވާހަކަ ދެއްކިޔަސް ޖުމްލަ ރަނގަޅަށް ތަރުތީބު ކުރެވިފައި ނެތިއްޔާ މާނަ އޮޅުމަކީ އެކަށީގެންވާ ކަމެކެވެ.

މިސާލެއް ދަންނަވާލާނަމެވެ.

މާލޭގެ ބޮޑު މަގެއްގައި ހުރި މަޝްހޫރު ވަޑާންގެއެއްގެ ފާރުގައި ހުރި ހުދު ބޯޑެއްގައި ވަރަށް ބޮޑުކޮށް ކަޅު އަކުރުން ލިޔެފައި އޮތެވެ.

"މި ތަނަށް ދިވެހި ފެންވަރު ރަނގަޅު ވަޑިން ބޭނުން ވެއްޖެ."

މި އިޢުލާނު ލިޔުނު މީހެއްގެ މަގުސަދަކީ ދިވެހި ވަޑިން ހޯދުމެވެ. އެކަމަކު ޖުމްލަ އެތުރުމުގައި އޮޅުވާލާފައި އޮތުމުގެ ސަބަބުން ބުނެވިފައި މި އޮތީ މުޅިން އެހެން ވާހަކައެކެވެ. އާދެ، ދިވެހި ރަނގަޅަށް ދަންނަ ވަޑިން ބޭނުން ވާހަކައެވެ.

އެހެން މިސާލެކެވެ.

މާލާގެ ވަރަށް މަޝްހޫރު އިސްކޫލެއްގެ ކުރިމަތީގައި ހުންނަ ހޮޓަލަކަށް އަޅުގަނޑު އެއް ރެއަކު ސައި ބޯން ހިނގައްޖައީމެވެ. ކާ އެއްޗެތި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނުމާއެކު ލޮލުގައި އަޅައިގަތީ ފާރުގައި ހިއްޕާފައި ހުރި އިޢުލާނެކެވެ. އެ އިޢުލާނުގައި ލިޔެފައި އޮތެވެ.

"ޓިޝޫ ބޭނުން ކުރެއްވުމަށް ފަހު އޭގެ ވެރިޔާ ޑަސްބިނާ ޙަވާލު ކުރައްވާ!"

އިޢުލާނުގެ މަގުސަދަކީ ބޭނުން ކުރާ އަތް ފޮހޭ ކަރުދާސް ބިންމައްޗަށް އެއްލާ ނުލައި ކުނި ވަށިގަނޑަށް ލާށޭ ބުނުމެވެ. އެކަމަކު ބުނެވިފައި މި އޮތީ ކީކޭތޯއެވެ؟ ބުނެވިފައި އޮތީ އަތް ފޮހޭ ކަރުދާސްގަނޑުގެ ވެރިޔާ (ސައިބޯން އައި މީހާ) ކުނި ވަށިގަނޑަށް ލާށޭ އެވެ!

ރާއްޖެއިން މީހުން ޙައްޖަށް ގެންދާ މީހުން ބައިތިއްބާން މައްކާގައި ކުއްޔަށް ހިފައިފައިވާ ހޮޓަލެއްގެ ލިފްޓުގައި ދިވެހި ބަހުން ލިޔެފައި ހުރި އިޢުލާނެއްގެ ވާހަކަ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅަކު ވިދާޅުވެ ދެއްވިއެވެ. ލިފްޓަށް އަރާ ގިނަ މީހުންނަކަށް އޭގެ ބޭނުން ކުރާކަށް ނޭނގެއެވެ. އެހެންވީމާ ނުފިތަންވާ ތަންތަނަށްވެސް ފިތެނީއެވެ. އެ އިޢުލާނަކީ މި ކަންތައް ބޮޑު ވެގެން ޙައްޖަށް މީހުން ގެންދާ ގްރޫޕުގެ ފަރާތުން ޖަހާފައި ހުރި އިޢުލާނެއް ކަމަށް ވެއެވެ.

އޭގައި ލިޔެފައި އޮތެވެ.

"މިހާރަކަށް އައިސް ލިފްޓަށް އަރާ މީހުން އެހެން މީސް މީހުންގެ ބުރިއަށް ފިތާކަން ދަނީ ފާހަގަ ކުރެވެމުންނެވެ. ވީމާ މީގެ ފަހުން ކޮންމެ މީހަކުވެސް އެމީހެއްގެ ބުރިއަށް ފިތުން އެދެމެވެ. އެހެން މީހުންގެ ބުރިއަށް ފިތައިދޭނޭ ކަމެއް ނެތެވެ."

މި އިޢުލާނުގެ މާނަ އަޅުގަނޑު ނުދެންނެވިޔަސް އެންމެ ރަނގަޅު ދޮގެއްތޯއެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.