ހެއްވާ: ދަތުރު ބިރު

ދަތުރު ކުރާން ބިރު ގަތުމަކީ ބައެއް މީހުންނަށް ދިމާވާ ވަރަށް ބޮޑު މައްސަލަ އެކެވެ. ބައެއް މީހުން ބިރު ގަންނަނީ ވައިގެ ދަތުރުތަކަށް ނުކުންނާށެވެ. އަނެއް ބަޔަކު ބިރު ގަންނަނީ ކަނޑު މައްޗަށް އަރާށެވެ. ބައެއް މީހުން ދެކޭ ގޮތުގައި ވައިގެ ދަތުރުފަތުރުގައި ދިމާވާ ނުރައްކާތައް ކަނޑު ދަތުރުގައި ދިމާވާ ނުރައްކަލަށް ވުރެ މާ ބޮޑެވެ.

އަޙްމަދަކީ އެއްވެސް ކަހަލަ ދަތުރެއްގައި އެ ކަހަލަ ބިރެއް ގަންނަ މީހެއް ނޫނެވެ. އެއީ ނުރައްކާތެރި ކަމެއް ދިމާ ނުވާނޭ ކަމުގެ ޔަގީންކަން އޮންނާތީ އެއް ނޫނެވެ. ކަމެއް ދިމާ ވިޔަސް އެ ކަމެއް ހުއްޓުވާން އޭނާ އަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެކަން އެނގޭތީ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކޮންމެ ގޮތަކަށް އުޅުނަސް ދިމާވާން އޮތް ކަމެއް ދިމާ ވާނެ އެވެ. މަރުވާން އޮތީ ކަނޑުމަތީގައި ކަމަށް ވަންޏާ އެ ކަން ވާނީ އެހެންނެވެ. މަރު ވާން އޮތީ ޖައްވުގައި ކަމަށް ވަންޏާ އެ ކަން ހުއްޓުވޭނޭ މީހަކު ނުހުންނާނެއެވެ.

އެއް ދުވަހަކު ނޫނު އަތޮޅަށް ކުރާ ދަތުރެއްގައި އަޙްމަދަށް ދާން ޖެހިއްޖެ އެވެ. އެ ދުވަސްވަރަކީ މާލެއިން ފުރައިގެން އެ އަތޮޅަށް ދާ އިސްޕީޑު ލާންޗެއްގެ ޚިދުމަތް ލިބޭން ހުރި ދުވަސްވަރެކެވެ. އެ ލާންޗުގައި ތިރީހަކަށް މީހުންނަށް ދަތުރު ކުރެވެ އެވެ. ލާންޗު ތައްޔާރު ކޮށްފައި ހުންނަނީ ވަރަށް އަރާމުކޮށް ތިބެވޭ ކަހަލަ ގޮތަކަށެވެ. މަތިންދާ ބޯޓުގައި ހުންނަ ކަހަލަ ރީތި، އަރާމު، ގޮދަޑި ޖެހި ގޮނޑި ހުރެ އެވެ. ވަށައިގެން ބިއްލޫރި ކުޑަ ދޮރު ހުރުމުގެ ސަބަބުން ބޭރުވެސް ވަރަށް ރީތިކޮށް ފެނެ އެވެ. ގޮނޑީގައި އިންނައިރު މި އިނދެވެނީ ކަނޑު ދަތުރު ކުރާ އެއްޗެއްގައިކަމެއް އެއް ގޮތަކަށްވެސް ހިތަކަށް ނާރަ އެވެ.

އަޙްމަދުމެން ދަތުރު ކުރި ދުވަހަކީ ވަރަށް ކަނޑު ގަދަ ދުވަހެކެވެ. ދަތުރު ކުރުމުގައި ރައްކާތެރި ވެގެން އުޅޭން މޫސުމާ ބެހޭ އޮފީހުން އަންގަމުން ދިޔަ ދުވަހެކެވެ.

އޭނާ ލާންޗަށް އެރި އިރު ދެތިން ގޮނޑި ފިޔަވައި އެއްވެސް ގޮނޑިއެއް ހުހަކަށް ނެތެވެ. އެއީ ބޮޑު ޢީދުގެ ޗުއްޓީ ދުވަސްވަރަށް ވުމާއެކު ވަރަށް ގިނަ މީހުން އެކި ރަށްރަށަށް ދިޔަ ދުވަސްވަރެކެވެ. އަޙްމަދަށް އިންނާން ޖެހުނީ ޢުމުރުން ފަސްދޮޅަހަކަށް އަހަރު ވެފައި އިން މުސްކުޅި އަންހެނެއްގެ ކައިރީގައެވެ. އޭނާ އިށީނީމާ އެ މީހާ އޭނާއާ ދިމާ އަށް ބަލައިލައިފައި ހިނިތުން ވެލިއެވެ. އަޙްމަދު ވެސް ހިނިތުން ވެލިއެވެ.

ލާންޗުގެ ދަތުރު ފެށިއްޖެ އެވެ. ކަނޑު ގަދަ ކަމުން ކިރިޔާ ކުރިއަށް ދަނީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޙްމަދު ދޭތެރެ ދޭތެރެއިން އެއްކަލަ މުސްކުޅި އަންހެން މީހާޔާ ދިމާއަށް ބަލައިލައެވެ. އެ މީހާ އިނީ ބިރުން ތުރުތުރު އަޅައަޅަ އެވެ. ލޯ ހުޅުވައިލައިގެން އިންނަނީ ވަރަށް ކުޑަ އިރުކޮޅަކުއެވެ.

އަޙްމަދުގެ ހިތުގައި އެ މީހާގެ މައްޗަށް ހަމްދަރްދީ އުފެދިއްޖެއެވެ. އެހެންވީމާ މަޑު މަޑުން އޭނާގެ އަތުގައި ހިފައިލިއެވެ. އެޔާއެކު ހީވީ އަޙްމަދުގެ އަތުގައި އެއްޗެއް ތަތް ކޮށްލީ ހެންނެވެ. އޭނާ ވެސް އަޙްމަދުގެ އަތުގައި ވަރަށް ބާރަށް ހިފައިފިއެވެ. އަތްތިލައިގެ ލޭ ގަނޑުވީހެން ވެސް އެއް ފަހަރު ހީވިއެވެ. އެކަމަކު އަޙްމަދު އަޅާ ނުލައި ހިފަހައްޓައިގެން އިނީއެވެ.

ލާންޗު ދަތުރު ކުރަމުން ގޮސް ޅަވިޔަނި އަތޮޅުގެ ކޮންމެވެސް ރަށެއްގައި ޖައްސައިފިއެވެ. އަޙްމަދު އެ އަންހެން މީހާގެ އަތުން ދޫކޮށްލީ ލާންޗު ބަނދަރު ކުރީމައެވެ. އޭރު އޭނާގެ އަތް އޮތީ އައްސި ވެފައެވެ. އަޙްމަދު ދޫކޮށްލީމާ އެ މީހާ އަޙްމަދާ ދިމާއަށް ބަލައިލާފައި ހިނިތުން ވެލިއެވެ. އަދި ހިތްހެޔޮ ކަމާ އެކު ބުނެލިއެވެ.

"ދަތުރު އަދި ކުރިއަށް އޮތީ އެވެ. ބިރު ގަންނަންޏާ ދަތުރަށް ފެށީމާ އަހަރެންގެ އަތުގައި ހިފަހައްޓާށެވެ!"

އަޙްމަދަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އަނގަ ހުޅުވިފައި ބަލަހައްޓައިގެން އިނދެވުނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.