
ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަނީ އެއްވެސް މީހަކަށް އަނިޔާދީ ގެއްލުމެއް ދިނުމުގެ މަސައްކަތެއް ނޫންކަމަށް ގުޅިފައިވާ އިއްތިހާދުގެ ޖޭޕީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން މިރޭ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން މިރޭބާއްވަމުން ގެންދަވާ މަގުމަތީ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެބޭފުޅުން ބޭނުންފުޅުވަނީ އަނިޔާވެރިކަން ހުއްޓުވައި ގައުމު ހަމައަކަށް އެޅުވުން ކަމަށެވެ.
މިރޭގެ އެ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރޭގައި މިހާރުވެސް ޖަލުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކުގެ ބައެއް މެންބަރުން ބައިވެރިވެފައިވާ ކަމަށާއި އެމީހުންގެ އާއިލާތަކުގެ ބޭފުޅުން ޖަލަށް ލައިގެން ގެންގުޅުމަކީ އެފަރާތްތަކަށް ދެވޭ އަނިޔާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލެއްވުމަށް ޑރ. ހުސައިން ސަރުކާރަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވީ ޖަލުތަކުގައި ތިބީ ހަމައެކަނި ސީޔާސީ ބޭފުޅުންނޫން ކަމަށާއި އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންވެސް ހިމެނޭ ކަމަށެވެ. އެ ހުރިހާ ފަރާތްތައްވެސް މިނިވަން ކުރެއްވުމަށް އޭނާވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.