ސީރިޔާގެ ދާޚިލީ ހަނގުރާމަ: ކާކު ކޮން މަގުސަދެއްގައި؟- 1

18 މިލިއަނެއްހާ މީހުން ދިރިއުޅޭ 1 ލައްކަ 85 ހާސް އަކަކިލޯމީޓަރު ބޮޑު އަރަބި އިސްލާމީ ގައުމެއް ކަމުގައިވާ ސީރިޔާ (ސޫރިޔާ) ގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މި މާރިޗު މަހުގެ 15 އަށް ހަ އަހަރު ވީއެވެ. 5 ލައްކައެއްހާ މީހުން މަރުވެ 8 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ އިރު އަދިވެސް މި ހަނގުރާމަ އަވަހަކަށް ނިމިދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. މި ހަނގުރާމަ ފެށުނީ އެދުވަސްވަރު މެދުއިރުމައްޗަށް ފެތުރިގެންދިޔަ 'އަރަބި ބަހާރު'ގެ އޮއިވަރާއެކު ސީރިޔާގެ ރައްޔިތުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުތް ހިސާބުންނެވެ. މިއަދު މިހަނގުރާމަ ވެފައިވަނީ މެދި އިރުމަތީގައި ހަރަކާތްތެރިވާ ތަފާތު ބައިނަލްއަގުވާމީ އަދި ސަރަހައްދީ ބާރުތަކާއި، ތަފާތު ދީނީ އަގީދާތައެް އެއްބަޔަކު އަނެއް ބަައެެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ މައިދާނަަކަށް ވެފައެވެ.

އަރަބި ގައުތުތަކަށް ފެތުރިގެން ދިޔަ 'އަރަބި ބަހާރު' ގެ އޮއިވަރު
2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޓިއުނީޝިޔާ (ތޫނިސް) ގައި ފެށުނު 'އަރަބި ބަހާރު' ގެ އޮއިވަރު މެދު އިރަމަތީގެ އެތައް ގައުމަކަށް ފެތެރިގެން ދިޔައެވެ. ޓިއުނީޝީޔާގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް މެދުކެނޑުމެއްނެތި އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވެ، އެންމެ ފަހުން 14 ޖަނަވަރީ 2014 ގައި ރައީސު ޒައިނުލްއާބިދީން ބިން އަލީ ގެ ސަރުކާރު ވެއްޓުނެވެ. މިކަމުން ހިތްވަރު ލިބިގެން މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް އާއްމުވެ، ބައެއް ގައުމުތަކުގައި އަސްކަރީ ކުރިމަތިލުމަށް ބަދަލުވިއެވެ. ޓިއުނީޝިއާއަށް ފަހު މިޞްރުގައި ހުސްނީ މުބާރަކުގެ ސަރުކާރު ފެބުރުވަރީ މަހުގެ ތެރޭގައި ވައްޓާލިއެވެ. ލީބިޔާގައި ސަރުކާރާ ދެކޮޅަށް ފެނުށު މުޒާހަރާތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވެ 13 އޯގަސްޓް 2011 ގައި މުއައްމަރުލް ގައްޒާފީގެ ސަރުކާރު ވައްޓާލައި އޭނާ އަވަހާރަކޮށްލިއެވެ. ޔަމަނުގައި 2011 ވަނަ އަހަރު ޖަނަވަރީ މަހު ފެށުނު މުޒާހަރާތައް ގަދަވެ އަހަރެއްހާ ދުވަސް ފަހުން ރައީސު ޢަލީ ޢަބްދުﷲ ޞާލިޙުގެ ވެރިކަން ވައްޓާލިއެވެ. މިހާރު އެގައުމުވެސް ވަނީ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ. އިރާގުގައިވެސް މުޒާހަރާތައް ގަދަވިއެވެ. ސަރުކާރު ވައްޓާނުލެވުނުނަމަވެސް އެގައުމުގައި ދާޚިލީ ހަނގުރާމައެއް ކުރިއަށް އެބަދެއެވެ. އަރަބި އެެހެން ގިނަ ގައުމުތަކެއްގައި ސަރުކާރާދެކޮޅު މުޒާހަރާތައް ފެށުނު ނަމަވެސް ވަކި ހިސާބަކުން ނިމުނީއެވެ.

ސަރުކަރާ މެދު ހިތްހަމަނުޖެހުން އިތުރުވެ މަގުމައްޗަށް ނުކުތުން
'އަރަބި ބަހާރު' ގެ ސަބަބުން ފެތިރިގެންދިޔަ ސަރުކާރުތަކާ ދެކޮޅު އޮއިވަރު ސީރިޔާއާއި ހަމައަށްވެސް އައެވެ. 1971 ވަނަ އަހަރުން ފެށިގެން ސީރިޔާގައި ހިނގަމުން އަންނަ އަސަދު އާއިލާގެ ޚުދުމުޚުތާރު ވެރިކަމާމެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހިފައެވެ. 2000 ވަނަ އަހަރާ ހަމަަައަށް ވެރިކަން ކުރެއްވީ ބައްޕާފުޅު ޙާފިޒުލް އަސަދެވެ. ބައްޕާފުޅު އަވަހާރަވުމުން 2000 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވަނީ ދަރިކަލުން ބައްޝާރުލް އަސަދެވެ.
'އަރަބި ބަހާރު' ގެ މުޒާހަރާތަކުން ލިބުނު ހިތްވަރާއެކު ސީރިޔާގެ އާއްމު ރައްޔިތުން ސަރުކާާރާ ދެކޮަޅަށް ނުކުތެވެ. 15 މާރިޗު 2011 ވީދުވަހު ގިނަ އަދަދެއްގެ ބަޔަކު ވެރިރަށް ދިމިޝްގުގެ މަގުތަކަށް ނުކުމެ ޑިމޮކްރެޓިކް އިސްލާހުތަކަށާއި، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރިއެވެ. މުޒާހަރާ ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ހަތަރު މީހުން މަރުވިއެވެ.
ޖެހިގެން އައި ހުކުރު ދުވަހު (18 މާރިޗު) ވެސް ގިނަ އަދަދެއެްގެ ބަޔަކު ހުކުރު ނަމާދަށް ފަހު ދިމިޝްގު، ހިމްސް އަދި ދަރްއާގެ މަގުތަކަށް އެެއްވެ މުޒާހަރާކުރިއެވެ. މާރިޗު 20 ވަނަ ދުވަހު ދަރްއާގައި މުޒާހަރާކުރާ މީހުން ނުކުމެ ވެރިކަންކުރާ ބައަޘް ޕާޓީ މައި އޮފީހާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ރޯކޮށްލިއެވެ. އެދުވަހުގެ މުޒާހަރާތައް ނިމުނު އިރު އާއްމުންގެ 15 މީހުންނާއި، ފުލުުހުންގެ 7 އޮފިސަރުން މަރުވެފައި ވެއެވެ.

ދާޚިލީ ހަނގުރާމަފެށުން
ދަރްއާއަކީ ސީރިޔާގެ އިންގިލާބުގެ ރަމްޒު ކަމުގައިވެ އެރަށުގައި ކުރާ މުޒާހަރާތައް ދުވަހެއް ދުވަހަކަށް ވަރުގަދަވެ އޭޕްރީލް 2011 އާއި ހަމައަށް އައި އިރު ސީރިޔާ ސިފައިން އޮޓަމެޓިކް ހަތިޔާރާއި، ޓޭންކާއި، ބޮޑުބަޑިއާއި، ރޮކެޓު ލޯންޗަރު ފަދަ ބަރު ހަތިޔާރާއެކު ދަރްއާ ހިސާރުކުރިއެވެ. ގިނަދުވަސްތަކަަށް ހިސާރުކުރުމަށް ފަހު މޭ 2011 ގެ މެދުތެރޭގައި ޓޭންކުތަކާއެކު ސަރުކާރު ސިފައިން ދަރްއާއަށް އަރައި ގެތައް ފާސްކޮށް އެތައް ހާސް ބަޔަކު ހައްޔަރުކުރިއެވެ.
ސަރުކާރު ސިފައިން ބަރު ހަތިޔާރާއެކު ނުކުމެ ރައްޔިތުންނާ ކުރިމަތިލާން ފެށުމުން ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުން އިތުރުވިއެވެ. ދޭރައްޒޫރު، ލަތާކިޔާ، ދޫމާ، ހަމާ، ރައްްޤާ އަދި ބާނިޔާސް ފަދަ ރަށްރަށުގައި ސަރުކާރާ ދެކޮޅު މުޒާހާރައް ފެތުރި ސަރުކާރަށް ކޮންޓްރޯލު ނުކުރެވޭ ހިސާބަށް މުޒާހަރާތައް ހޫނުވިއެވެ.

ސަރުކާރާ ދެކޮޅަށް ހަތިޔާރާއެކު ނުކުތުން
ގަދަ ބާރުން ރައްޔިތުން މައިތިރިކޮށްގެން ނަމަވެސް ވެރިކަން ދަމަަހައްޓަން ރައީސު ބައްޝާރުލް އަސަދު ނިންމެވުމުން، އިދިކޮޅު ހަރަކާތުގެ ތެރެއިން ހަނގުރާމަވެރި ލަޝްކަރެއް އުފައްދައި ސަރުކާރު ސިފައިންނާ ދެކޮޅަަށް ނުކުތެެވެ. 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 'ފްރީ ސީރިޔަން އާމީ'ގެ ނަމުގައި އެކުލަވާލެވުނު ލަޝްކަރުގައި ސީރިޔާ ސިފައިން ދޫކޮށް ނުކުތް ގިނަ އަދަދެއްގެ އޮފިސަރުންނާއި، ސިފައިންނާއި، ޢާއްމުންގެ ތެރެއިން ސަރުކާރާ ހަނގުރާމަކުރުމަށް ތައްޔާރަށް ތިބި ގިނަބަޔަކު ބައިވެރިވިއެވެ. އަންދާޒާ ކުރެވޭ ގޮތުގައި ފްރީ ސީރިއަން އާމީ އުފެދިގެން އައި އިރު އެލަޝްކަރުގައި 70 ވަރަކަށް ހާސް ސިފައިން ތިއްބެވެ. ނަަމަވެސް ފަހުން އުފެދުނު ދެބަސްވުންތަކުގެ ސަބަބުންނާއި، އިސްލާމިކް ސްޓޭޭޭޓްގެ ބާރު ސޫރިޔާގައި ގަދަަވުމުގެ ސަބަބުން ފްރީ ސީރިޔަން އާމީ ގާތްގަނޑަކަށް ރޫޅި ދިޔައެވެ. މިހާރު އެއީ މަރުކަޒީ ކޮމާންޑެއް ނެތް ކުދި ގްރޫޕްތަކަކަށް ވަނީ ވެފައެެވެ.

ސީރިޔާގައި އިސްލާމިކް ސްޓޭޓްގެ ބާރު ގަދަކުރުން
ޖޯޑަނުގެ ރައްޔިތެއް ކަމުގައިވާ އަބޫ މުޞްޢަބު އަައްޒަރްޤާވީ ޖަމާޢަތުއްތައުޙީދު ވަލްޖިހާދުގެ ނަމުގައި އުފެއްދި ޖަަމާއަތް ފުރަތަމަ ހަކަރަކަތްތެރިވީ އަލްޤާޢިދާގެ އިރާގު ގޮފީގެ ގޮތުގައެެވެ. އިރާގުގެ ދާޚިލާ ހަނގުރާމައިގެ ތެރޭގައި ކާމިޔާބީތަކެއް ހާސިލްކުރުމަށް ފަހު 2006 ވަނަ އަހަރު އެޖަމާއަތުގެ ނަން އައްދައުލަތުލް އިސްލާމިއްޔާ ފިލްޢިރާޤި (އިސްލާމިކް ސްޓޭޓް އޮފް އިރާގް- އައިއެސްއައި) ގެ ނަމަށް ބަދަލުކުރިއެވެ. އަދި އިރާގުގެ ބާގޫބާ އަކީ އެޖަމާއަތް ވެރިިކަން ކުރާ ސަރަހައްދުގެ ވެރިރަށް ކަމުގައި ހެދިއެވެ.
2011 ވަނަ އަހަރު ސީރިޔާގައި ދާޚިލީ ހަނގުރާމަފެށި، ސީރިޔާގެ އިރާގާވީ ފަޅި (އިރުމަތީ ސަރަހައްދުތައް) މައި ސަރުކާރުގެ ކޮންޓުރޯލުގެ ދަށުން ބޭރުވުމާ، އިރާގުގައި އައިއެސްއައި ގެ ނުފޫޒު ކުޑަވަމުން ދިއުުމުގެ ސަބަބުން އެޖަމާއަތުން 2013 ވަނަ އަހަރު ސީރިޔާގެ ތެރެއަށް ވަންނަން ނިންމިއެވެ. އަދި އެޖަމާއަތުގެ ނަން އައްދައުލަތުލް އިސްލާމިއްޔާ ފިލްޢިރާޤި ވާއްޝާމް (ދާޢިޝް) (އިނގިރޭސިން ނަމަ: އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލެވެންޓް- އައިސިލް، އަދި އިނގިރޭސިން އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންްޑް ސީރިޔާ- އައިސިސް އޭވެސް ކިޔައެވެ.) ގެ ނަމަށް ބަދަލުކުރިއެވެ. ސީރިޔާގައި ދާޢިޝްގެ ބާރުގަދަކޮށް އެޖަމާއަތާ ގިނަ ހަނގުރާމަވެރިންތަކުގެ ގުޅުމުން 2014 ވަނަ އިރާގާއި ސީރިޔާގެ ގިނަ ސަރަހައްދުތަކެއް އެ ޖަމާއަތުން ހިފިއެވެ. އަދި އެޖަމާއަތުގެ ކޮންޓުލޯގެ ދަށުގައިވާ ސަރަހައްދުގައި އިސްލާމީ ޚިލާފަތެއް އިއުލާނުކޮށް، ޚަލީފާއަކި އަބޫބަކުރު އަލްބަޣުދާދީ ކަމުގައި އިއުލާންކުރިއެވެ. 2015 ވަނައަހަރާއި ހަމައަަށް އަައިިއިރު އެޖަމާއަތުން ސީރިޔާގެ ދެބައިކުޅަ އެއްބަޔާ، އިރާގުގެ އުތުރުގެ ބޮޑުބައެެއް ކޮންޓްރޯލުކުރަމުން ދިޔައެެވެ. (ނުނިމޭ) 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.