ސީރިޔާގެ ދާޚިލީ ހަނގުރާމަ: ކާކު ކޮން މަގުސަދެއްގައި؟- 6

ސީރިޔާގެ ވެރިރަށް ދިމިޝްގު

(27 އެޕްރީލް 2018 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ހައްލެއް ނުގެނެވިގެން އުޅެނީ ކީއްވެ؟
ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ހަތް އަހަރުވެގެން ދިޔައިރުވެސް، ހަނގުރާމަ ނިމި، ސީރިޔާ ރައްޔިތުންނަށް އަމާންކަމާއި، މިނިވަންކަމާ އެކު ދިރިއުޅެވޭނެ ދުވަހެއް އަދި ފެންނަ ހިސާބުގައި ވެސް ނެތެވެ. ހަނގުރާމައިގައި 5 ލައްކައަށްވެރެ ގިނަ މީހުން މަރުވެ، ގައުމު ސުންނާފަތިވެ، އެތައް މިލިއަން މީހުން ގައުުމުދޫކޮށް ދިއުމަށް ފަހުވެސް ސީރިޔާގައި ހަނގުރާމަކުރާ ފަރާތްތަކާއި އެމީހުންނަށް އެހީވާ ފަރާތްތަކުން ހަނގުރާމަ ހުއްޓާލަން ބޭނުންނުވަނީ ހެއްޔެެވެ؟
ހަނގުރާމަ ހުއްޓަން މަސައްކަތްކުރަން ތިބީ އަމިއްލަ މަސްލަހަތަށްޓަކައި، ހަނގުރާމައިގެ ތެރޭގައި ކޮންމެވެސް ކޮޅަކަށް ޖެހިފައި ތިބި ފަރާތްތަކެވެ. އދ. އިން ސީރިޔާއަށް މަންދޫބަކު ކަނޑައަޅައިގެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެފަރާތްތަކުގެ ބައިވެރިވުމާއި، އެއްބާރުލުން ނެތި އޭނާގެ މަސައްކަތް ކާމިޔާބެއް ނުވާނެއެވެ.
ސީރިޔާގެ މައްސަލައާއި އެންމެ ބޮޑަށް މަސްލަހަތު ގުޅިފައިވާ އެއްގައުމަކީ ސީރިޔާގެ އުތުރު ސަރަހައްދު ގުޅިފައިވާ ތުރުކީއެވެ. ސީރިޔާގެ މައްސަަލައަށް ހައްލެއް ގެނައުމަށް ތުރުކީގެ މައިގަނޑު ތިން ޝަރުޠެއް ވެއެވެ. އެއީ، ސީރިޔާ ބައިބައިނުކޮށް މިހާރުވެސް އޮތް ގޮތަށް ބޭއްވުމާއި، އުތުރުގައި ކުރުދީންނަށް ދާޚިލީ މިނިވަަކަން ނުދިނުމާއި، ނަސްލުގެ މައްޗަށް ބިނާކޮށް ވެރިކަމުގެ ބާރުތައް ގާއިމުނުކޮށް ހުރިހާ ފަރާތަަކަަށް ހަމަހަމަގޮތެއްގައި ވެރިކަމުގައި ބައިވެރިވެވޭނޭ ގޮތް ހެދުމެވެ. ސީރިޔާގެ އާބާދީގެ %10 ކަމުގައިވާ ކުރުދީންނަށް ސީރިޔާގައި ބާރު ލިބޭގޮތްވުމަކީ ތުރުކީ ކަންބޮޑުވާ ކަަމެކެެވެ. އެހެންކަމުން ހަގީގަތުގައި ސީރިޔާގައި އިންސާފުވެރި ހައްލަކަަށް ތުރުކީގެ އެއްބާެރުލުން ނުލިބެއެވެ.
ސަރަހައްދުން ގުޅިފައި ނެތަސް ސީރިޔާގެ ދެކުނުން އޮތް ބޮޑު އަވަށްޓެރިއަކީ ސައޫދީ އަރަބިއްޔާއެވެ. ސައޫދީން ސީރިޔާގައި ގެންގުޅެފައިވާ ސިޔާސަތަށް ބަލާއިރު އެމީހުންވެސް ސީރިޔާގެ މައްސަލައަށް ބޭނުންވަނީ އެމީހުުންގެ މަސްލަހަތު އެކެލެވޭ ހައްލެކެވެ. އެމީހުންގެ ސިޔާސަތު އެކިފަހަރު ބަދަލުވަމުން އައިސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސައޫދީން އެންމެ ފުރަތަމަ ނުކުތީ ކޮންެމެ ގޮތަކުން ނަމަވެސް ބައްޝާރުލް އަސަދު ވެރިކަމުން ވައްޓާލުމަށެވެ. އެކަމަށް އެމީހުން ބިލިއަނުުުުން ޚަރަދުކޮށް އިދިކޮޅު ފަރާތްތަކަށް ހަތިޔާރުގެ އެހީ ދިނެވެ. ދެން ދުވަސްކޮޅަކުން ފެނިގެން ދިޔައީ އިސްލާމިކް ސްޓޭޓް ސީރިޔާ ބޮޑު ބައެއް ހިފައި ސީރިޔާގައި ގަދަކޮށްލުމުން ސައޫދީންގެ އަމާޒަކަށް އިސްލާމިކް ސްޓޭޓްވީ ތަނެވެ. ޖަބްހަތުއް ނުޞްރާއާއި ޖައިޝުލް އިސްލާމް ފަދަ އިސްލާމީ ހަނގުރާމަވެރި، ނަމަވެސް އައިއެސް އާ ދުޝްމަން، ޖަމާއަަތްތައް ބާރުގަދަ ވެގެން ދިޔައީ ސައޫދީ އެހީގައި ކަމަށް ބުނެވެއެވެ.
ފާއިތުވި އަހަރާ ހަމައިން ސައޫދީންގެ އަމާޒަކީ ބައްޝާރުލް އަސަދު ވެރިކަމުގައި ބަަހައްޓައިގެން، ބައްޝާރުގެ ސަރުކާރުވެސް ރުހޭ، އިދިކޮޅު ފަރާތައްވެސް ދެކޮޅު ނަހަދާ، މިހާރު ސީރިޔާގެ ތިއްބެވި ބައެއް ޝަޚުޞިއްޔަތުތައް ހިމަނައިގެން އެއްބައިވަންތަ ސަރުކާރެއް ގާއިމުކުރުމުވެ. މިއީ އެންެމެ ފަހުގެ ސައޫދީ ހައްލެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ތުހުމަތުކުރާ ގޮތުގައި އިދިކޮޅު މީހުންގެ ސަރުކާރެއް ސޫރިޔާގައި ގާއިމުވާން ސައޫދީން ނޭދެނީ، އެމީހުންގެ އިންގިލާބު ކާމިޔާބު ވެއްޖެނަމަ އެއީ ސައުދީން އެފަދައިން ސަރުކާރާ ދެކޮޅަށް ނުކުތުމަށް ލިބޭ ހިތްވަރަކަށް ވެދާނެތީއެވެ. އެހެންކަމުން، ސައޫދީ ހައްލަކީ ވެސް ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ އިންސާފުވެރި ހައްލެއް ކަމުގައި ނުބެެލެވެއެވެ.
ސީރިޔާގެ ހަނގުރާމައިގައި ބައްޝާރަށް ތާއީދުކޮށް އަމަލީ ގޮތުން އެކަމުގައި ބައިވެރިވަމުންދާ ދެގައުމަކީ ރަޝިޔާއާއި އީރާނެވެ. އެ ދެގައުމުން ކުރެ ގައުމެއް އިދިކޮޅު ފަރާތްތަކަށް ބާރުލިބޭ ހައްލެއް ސީރިޔާއަށް ގެންނަން ބޭނުން ނުވެއެވެ. އެ ދެގައުމުގެ ވެސް ސިޔާސަތަކީ ބައްޝާރުލް އަސަދުގެ ބާރު ސީރިޔާގައި ދެމި އޮތުމެވެ. އަމިއްލަ މަސްލަަހަތު އެކަމުގައި އެކުލެވޭތީއެވެ. ބައްޝާރުގެ ވެރިިކަން ހިނގައްޖެނަމަ މެދުއިރުމަތީގައި އޮތް ރަޝިޔާގެ އެންެމެ ބޮޑު ބައިވެރިޔާ ރަޝިޔާއަށް ގެއްލުނީއެވެ. އީރާނުގެ ފުރިހަމަ ތާއީދާއެކު ހިނގާ ޝީޢީ ވެރިކަމެއް ނެތިގެން ގޮސް، އެެމެރިކާއަށް ތާއީދުކުރާ ސުންނީ ސަރުކާރެއް ސީރިޔާގައި އުފެދޭނެއެވެ. އެހެންކަމުންވެސް މި ދެގައުމުގެ ހައްލަކީވެސް ސީރިޔާއަށް އިންސާފުވެރި ހައްލަކަށް ނުވެއެވެ.
ސީރިޔާގައި ބަސްކިޔާ އެންމެ ބޮޑު ބާރަކީ އެެމެރިިކާއެވެ. އެމެރިކާ ސިފައިން އިރާގަށް އަަރާފައި ފޭބި ފަހުން އިރާގު އޮތް ހާލަތު އޮތީ ފެންނާށެވެ. އިރާގުގެ ކުރުދީންނަށް ދާޚިލީ މިނިވަންކަމުގެ ހުވަފެން ދައްކައިގެން، އެމީހުންނާ އިރާގު ސަރުކާރާ މައްސަލަ އުފެއްދިއެވެ. ސީރިޔާގައި އިރާގަށްވުރެ ކުރުދީން މަދު ނަމަވެސް ސީރިޔާގައިވެސް އެމެރިކާގެ ސިޔާސަތަކީ އެއީ ކަމަށް ބެލެވެއެވެ.
ސީރިޔާގެ މައްސަލައާ ގުޅޭގޮތުން އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ގްރޫޕް އޮފް ފައިވް (އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ސައޫދީ އަރަބިއްޔާ، ޖޯޑަން) ގެ ބައްދަލުވުމެއް ފާއިތުވި ޖެނުއަރީ މަހު މެދުތެރޭގައި ވޮޝިންޓަންގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި އެކުލަވާލި މަޝްރޫއު ސިއްރުކޮށްފައި ވީނަމަވެސް ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން އެ މަޝްރޫއުގެ މައުލޫމާތު ހާމަކޮށްފައި ވެއެވެ. ހާމަވީ މައުލޫމާތުން އެނގޭ ގޮތުގައި އެމެރިކާގެ ސިޔާސަތަކީ ސީރިޔާ ބައިބައިކުރުމެވެ.
އެމެރިކާއިން ބޭނުންވަނީ ސީރިޔާގައި ބާރުތައް ކުޑަ މަރުކަޒީ ސަރުކާރެއް އޮވެފައި، ބާރުގަދަ ސަރަހައްދީ ސަރުކާރުތަކެއްގެ މައްޗަށް އެކުލެވޭ ފެޑެރަލް ސަރުކާރެއް ގާއިމްކުރުމެވެ. މިއީ ކުރުދީންގެ ބާރުގަދަ ކުރުމަށް ކުރެވިފަިއިވާ ކަމެއް ކަަމަށް ބެލެވެއެވެ. މި މައުލޫމާތު ތަކުން އިތުރަށް އެނގޭ ގޮތުގައި ކުރުދީންގެ ދާޚިލީ މިނިވަންކަން ލިބިފައިވާ ސަރުކާރަށް މެޑިޓަރޭނިއަން ކަނޑާ ހަމައަށް ވާސިލުވެވޭނެ ގޮތް އެމެރިކާއިން ހަދައިދޭނެއެވެ. އަދި ކުރުދީ ސަރުކާުރު ތަމްސީލުކުރާ އޮފީހެއް އެމެރިކާ މެދުވެރިވެގެން އދ.ގައި ގާއިމުކޮށްދޭނެއެވެ. ވީއިރު، މިއީވެސް ސީރިޔާއަށް ހަމަޖެހުން ގެނުވާނެ ހައްލެއް ނޫނެވެ.
ހައްލަކީ ކޮބާ؟
ސީރިޔާއަށް ސުލްހަވެރި ދާއިމީ ހައްލެއް ގެނެވޭނީ ސީރިޔާގެ މަސްރަހުގައި ހަރަކާތެްތިރިވާ ބޭރުގެ ހުރިހާ ފަރާތަކުންވެސް ވަކި ބަޔަކު ހިމާޔަތް ކުރުން ދޫކޮށްލައި، އަމިއްލަ އެދުން ކުރިއަށް ނުނެރެ، ސީރިޔާ ރައްޔިތުން އެދޭ ގޮތަށް އެބައިމީހުންގެ މައްސަލަތައް ހައްލުކުރަން ފުރުސަތު ދީގެންނެވެ. އަދި ސީރިޔާގެ ވާދަވެރި ފަރާތްތަކުންވެސް އެއްބަޔަކު އަނެއްބަަޔަކު ނައްތާލަން މަސައްކަތްކުރުމުގެ ބަދަލުގައި ދޫދީގެން މެދުމިނުގެ ހައްލަކަށް އެއްބަސް ވެވިގެންނެވެ.
މިއީ ބުނެލަން ފަސޭހަ ވާހަކައެެއް ނަމަވެސް، މިއީ އަދި މާ ކައިރި މުސްތަގުބަލެއްގައި ހަގީގަތަކަށް ވެދާނެ ކަމެއް ކަމުގައި މިހާރުގެ ހާލަތު ނުދައްކައެވެ. (ނިމުނީ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.