މެންބަރުންނަށް ދެމިނިޓުގެ ކޯލަކުން ޖަލުން ނުކުމެވިދާނެ:އަލީ ހުސައިން

ޖަލުގައި މިހާރު ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ 7 މެންބަރުން ޖަލުގައި އެތިއްބެވީ އެބޭފުޅުންނަށް ގޮތެއްނެތިގެން ނޫންކަމަށާއި އެބޭފުޅުން ކުރައްވާ ދެމިނިޓުގެ އެންމެ ފޯންކޯލަކުން  އެބޭފުޅުންނަށް ޖަލުން ނުކުމެ ވަޑައިގަނެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން މިހާރުވެސް އެބޭފުޅުން ބޭނުންފުޅުވާ ކަމަށެވެ. އެހެން ކަމުން އެބޭފުޅުން އަލުން ޕީޕީއެމަށް ގެންދިޔުމަށްް ތަފާތު އޮފާތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޖަލުގައި އެތިއްބެވި ހަތް މެންބަރުންވެސް ޖަލުން ނުކުތުމަކީ އެބޭފުޅުންނަށް ވަރަށް އާދައިގެ ކަމެއް. ދެމިނިޓު، އެއްމެ މިނިޓަކުން ކޮށްލާ ކޯލަކުން އެބޭފުޅުންނަށް ޖަލުން ނުކުތުމަކީ ވަރަށް އާދައިގެ ކަމެއް. ދެމިނެޓް އެންމެ މިނެޓަކުން ކޮށްލާ ކޯލަކުން އެބޭފުޅުންނަށް ޖަލުން ނުކުމެވިގެން އާދެވިދާނެ. ރައީސް ޔާމީނާ ގުޅިގެން ރައީސް ޔާމީނަށް މަސައްކަތްކޮށްދޭން އެދިގެން އައިމާ އެކަން އެނިމުނީ،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް  އެބޭފުޅުންނާއި މަޖީލީހުގެ ބައެއް އެހެން މެންބަރުންތައް އެގެންދަވަނީ ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ވަމުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ ޖުޑިޝަރީއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އޭނާއަކީ އަބަދުވެސް ރާއްޖޭގެ ޖުޑިޝަރީގައިހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ. ޖުޑިޝަރީގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި އެކަންކަން ރަނގަޅުކޮށް މުސްތަގުބަލަށްޓަކައި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ގާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި ގާނޫނީ ހުކޫމަތު އަލުން އަބުރައި މިގައުމަށް އިޔާދަކުރުމަށްޓަކައި ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުންވެސް އެބޭފުޅުންގެ ޒިންމާ އަދާކުރައްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ހިތަށް އަރަނީ ކޮންބައެއް ކޮންކަމެއް ނުކޮށްގެން ބާވައޭ ދިވެހި ރައްޔިތުންނަށް މިހާލުގައި އުޅެންޖެހިފައި މިވަނީ. ﷲ ގަންދީ ހުވައެއް ކޮށްގެން ތިއްބެވި އަށް ހާހެއްހާ ބޭފުޅުން ތިއްބަވާނެ. ގާނޫނޫ އަސާސީ ދިފާއު ކުރުމަށާއި ގާނުނީވެރިކަން ހިމާޔަތް ކުރުމަށް،" އަލީ ވިދާޅުވިއެވެ. ހިމާޔަތް ކުރަންޖެހެނީ ގޮށްމުށުގެ ބާރުގެ ވެރިކަމެއް ނޫންކަމަށާއި ހިމާޔަތް ކުރަންޖެހޭނީ ގާނޫނޫ ވެރިކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގާނޫނީ ވެރިކަމަކީ އިންސާފާއި އަދުލާއި ގާނޫނު އަސާސީއާ އެއްގޮތަށްކުރާ ވެރިކަން. ހަމައެގޮތަށް ދިވެހިރައްޔިތުންގެ ހައްގުތައް ސަލާމަތް ކުރުމަށާއި ގައުމު ހިމާޔަތް ކުރުމަށާއި، ޑިމޮކްރަޓިކް އިންސްޓިޓިއުޝަންސްތައް ހިމާޔަތް ކުރުމަށް ހުވައި ކުރައްވައގެން ތިއްބެވި ބޭފުޅުން ތިއްބަވާނެ. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ، އަޅުގަނޑުމެންކުރާ އުންމީދަކީ އެބޭފުޅުންވެސް އެބޭފުޅުންގެ ގާނޫނީވާޖިބު އަދާކުރައްވާނެ ދުވަސް. އުންމީދު ކުރަނީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޯޓުތައް ފަދައިން އެބޭފުޅުންވެސް ފެބުރުއަރީ އެކެއްގެ ހުކުމް އެގޮތަށް އަލިފުން ޔާއަށް ތަންފީޒުކޮށްދެއްވާނެ ކަމަށް،" އަލީ ހުސައިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.