އިންތިޚާބުގެ ކުރިން ރާއްޖެ އާދެވޭނެ ކަމަށް އުންމީދު އެބަކުރަން: ޑރ. ޖަމީލް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެއަށް ވަޑައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ފުޅަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ޑރ. ޖަމީލު އާފަތިހަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އަބަދުވެސް ރާއްޖެއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި ބޭރު ގައުމެއްގައި އެގޮތަށް އުޅުއްވުމަކީ ފަސޭހަފުޅު ކަމެއް ނޫންކަމަށެވެ. "އެހެންވީމާ އުންމީދު މިކުރަނީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެއަށް ދެވޭނެ ކަމަށް،"

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ ކަންކަން މިހާރުވަނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތުން ވަރަށްބޮޑަށް ރަނގަޅުވެފައި ކަމަށާއި އެއީ އަވަހަށް ރާއްޖެއަށް ދެވިދާނެކަމުގެ ނިޝާނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ މަސްރަހަކީ އޮޅިފައިވާ ކަންވާރު ބޮޅެއްނަމަ އަޅުގަނޑުމެންގެ މަސައްކަތުން ވަނީ އެ އޮޅުންބޮޅުން ފިލުވައި ގާތްގަޑަކަށް ނިމިފައި. ކައްޓެޅި ބާނަން ދޫކުރާހާ އަޑިއަށް ދޫކުރެވޭ ވަރަށްވުރެވެސް ބޮޑަށް އެކަންވާރު މިވަނީ ފިލުވައިފައި. އެހާ އަޑިން ކޮއްޓާލިޔަސް ކުޅަދާނަ ކެޔޮޅަކަށް ނޫނީ ނޭނގޭނެ،" ސަމާސާ ރާގަކަށް އެކަމަކު ސީރިއަސްކޮށް ޑޮކްޓަރ ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ބަދަލުތަކެއް ސިޔާސީ މަސްރަހަށް އައުމަކީ ބައެއްގެ މިންނެތް މަސައްކަތް ކަމަށާއި އެމަނިކުފާނުގެ މުޅިދިރިއުޅުއްވުން ރާއްޖޭގެ ކަންކަން އިސްލާހު ކުރެއްވުމަށް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ސިޔާސީ ވާދަވެރިކަން ބޮޑުވެގެންގޮސް ޒާތީ ކަމަކަށް އެކަންކަން ބަދަލުވެގެން ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. "ނިކަން ބައްލަވަ މެލޭޝިއާ. ޑރ. މަހާތީރާއި އަންވަރު އިބްރާހީމާ ދެބޭފުޅުން. މަހާތީރުގެ ވެރިކަމުގައި އެންމެ ފުރަތަމަ އަންވަރު އިބްރާހީމް ޖަލަށް ލެއްވީ. އެކަމަކު ގައުމަށް ޚާއްސަ ހާލަތެއް ދިމާވުމާއެކު އެ ދެބޭފުޅުން އެއްގަލަކަށް އަރުއްވައިގެން ނޫންތޯ މަސައްކަތްޕުޅު އެކުރެއްވީ. ޖަލުގައި ހުންނަވައިގެން ތިމަންނަ އިންތިޚާބުގައި ވާދަކުރަން ބޭނުމޭ ވިދާޅެއް ނުވޭ. އިންތިޚާބުގައި މަހާތީރު ކެންޑިޑޭޓަކަށް އައީ ކޯލިޝަނުން. އެމަނިކުފާނުގެ ޕާޓީން. ޕްރައިމް މިނިސްޓަރަކަށް ހެއްދެވީ އަންވަރު އިބްރާހީމްގެ ޕާޓީން. ރާއްޖަށް ދިމާވެފައިވާ ހާލަތުގައިވެސް އެގޮތަށް މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އެބަހުރީ ނޫންތޯ. އެގޮތަށް މަސައްކަތް ކުރައްވަންވީ ނޫންތޯ،" ޑ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގައި އަންވަރު އިބްރާހީމާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމުގައި އަންވަރު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާބެހޭ މައުލޫމާތު އޮޅުން ފިލުވައިފައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. "ރާއްޖޭގެ ޚަބަރުދަބަރު ވަރަށް ބޮޑަށް އެއްސެވި. އަޅުގަނޑު ވަރަށް ތަފްސީލްކޮށް ރާއްޖޭގެ ހާލަތު ދެންނެވިން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.