އިދިކޮޅުން މަސައްކަތް ކުރަނީ އުސޫލާ ޚިލާފަށް ކަންކުރަން:އެމްޕީ ޝިޔާމް

ސަރުކާރާ އިދިކޮޅު ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަނީ އުސޫލާ ޚިލާފަށް ކަންކަން ކުރަން ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ނިއުސްޓޯކުގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ކަންކަން އޮޅުވާލައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް މިބޭފުޅުން އިސް މިކުރަނީ އޮޅުވާލުން. ދޭ މައުލޫމާތެއް ކަމަށްވިޔަސް ކުރާކަމެއް ކަމަށްވިޔަސް އޮޅުވާލުން އެންމެ ކުރިއަށް މިގެންނަނީ. ކަންކަމުގެ ހަގީތަކާ ޚިލާފަށް ނުވަތަ އުސޫލުތަކާ ޚިލާފަށް ކަންތައްތައް ކުރުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ގެންގުޅޭތަން މިފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުވެސް އެމީހުން ބޭނުން ނުކުރި ކަމަށެވެ. އެމީހުން ބޭނުންވަނީ ގުޅިފައިވާ ޕާޓީތައް އެއްކޮށް އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަރ އާ ބައްދަލު ކުރަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އެމީހުން ބޭނުމެއްނުވޭ ވަކިވަކި ޕާޓީތައް ބައްދަލުކުރަން. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ވަކިވަކިން ބައްދަލު ކުރައްވަން ނިންމަވާނީ ވަރަށް ޒިންމާދާރު ކަމާއެކު. އެކަމަށް މަރުހަބާވެސް ކިޔަން،" ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަނީ ބޮޑު އިލެކްޝަނެއް ކުރިމަތީގައި އޮތީމައި ވީހާވެސް ބޮޑަށް ރާއްޖޭގެ ސިޔާސީ މަސްރަހު ދެނެގަތުން ކަމަށެވެ. ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފެށްޓެވީ ވީހާވެސް ބޮޑަށް ދެފުށް ފެނަނަ އިލެކްޝަނެއް ބޭއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެކަތިގަނޑެއް ކަމަށް ދައްކަން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރިޔަސް ބައެއްކަންކަން ވަކިވަކިން ކުރަމުން ގެންދާ ކަމަށެވެ. މިހާރުވެސް އެމްޑީޕީއާއި، ޖޭޕީވެސް ގެންދަވަނީ މެނިފެސްޓޯވެސް ވަކިން ހަދަމުން ކަމަށެވެ. އެހެން ވީމާ ޕާޓީތަކަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތުންވެސް އިލެކްޝަންސް ކޮމިޝަނަރ ބައްދަލު ކުރައްވަން ޕާޓީތަކުން ދިޔުމަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެފައިވަނީ ޕާޓީތަކާ އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރެއްވުމަށް ނިންމެވުމުން އެ ކޮމިޝަނުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.