އިސްލާމްދީނުގައި މުޖުތަމަޢާއި އިޖުތިމާޢީ ދިރިއުޅުމާ ގުޅޭ ޙައްޤުތައް (1)

އިންސާނާ ތިމާ ދިރިއުޅޭ މުޖުތަމަޢުގައި އުޅޭންވާނީ އެއްވެސް ރޫޙެއް ނެތް މީހެއްގެ ގޮތުގައެއް ނޫނެވެ. ކަރުގައިއެޅޭ ވާފަށްވެސް ނައްޓައިނުލެވޭފަދަ، ކަންކަމާ އަޅައިނުލާ ފަރުވާކުޑަ މީހެއްގެ ގޮތުގައެއް ނޫނެވެ. "ކަންގައިނުގަންނަ" މީހެއްގެ ގޮތުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ކޮންމެ މީހަކުވެސް އެމީހަކު އުޅޭ ވެއްޓެއްގައި ނުފޫޛުހުރި ދައުރެއް އަދާކުރަންވާނެއެވެ. ޙަރަކާތްތެރި، ހިންމަތްތެރި ރޯލެއް ކުޅޭންވާނެއެވެ. އެއީ އޭނާއަށް ލިބިގެންވާ ފިޠުރީ ޙައްޤެކެވެ. މުޖުތަމަޢެއް ތަރައްޤީގެ މަގުގައި ކުރިއަށްދާނީވެސް އެ މުޖުތަމަޢެއްގެ ކޮންމެ މެންބަރަކުވެސް އޭނާއަށް ލިބިފައި ހުރި ޢިލްމާއި ޤާބިލިއްޔަތަކާއި، އޭނާއަށް ލިބިފައިވާ ހުނަރުވެރިކަމަކާ ގުޅޭގޮތުން މުޖުތަމަޢުގައި ޙަރަކާތްތެރިވެގެންނެވެ. އެކަމުގެ ފުރުޞަތު ލިބިގެންނެވެ. ކޮންމެ ފަރުދަކަށްވެސް ކަނޑައެޅި ބަޔާންވެފައިވާ ޙައްޤުތަކަކާއި އިޚްތިޔާރުތަކެއް ލިބިފައި އޮވެގެންނެވެ. ދުނިޔޭގެ ހުރިހައި ޖުމްހޫރީ ޤާނޫނުތަކެއްގައި ބަޔާންކުރެވިފައިވާ ގޮތުންވެސް Personal liberty (ޝަޚްޞީ މިނިވަންކަން) އަކީ އިންސާނާގެ އަސާސީ ޙައްޤެކެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާގެ މިނިވަންކަމުގެ ޙައްޤަކީ އަނެކެއްގެ މިނިވަންކަމަށް އަރައިގަތުމުގެ ވަސީލަތަކަށް ހަދާކަށެއް ހުއްދައެއް ނުދެއެވެ. އަނެކެއްގެ މިނިވަންކަން ނިގުޅައިގަތުމުގެ އަމުރެއް ނުދެއެވެ. އެހެންކަމުން ހަރުބަހެއްގައި އައިސްފައިވެއެވެ. މިނިވަންކަން ހަލާކުކޮށްލާކަށެއް މިނިވަންކަމެއް ނޯންނާނެއެވެ.

(There can not be freedom to destroy freedom)

ހަމައެފަދައިން ޝަޚްޞީ މިނިވަންކަމަށްވުރެ އިސްކަންދޭން ޖެހެނީ ޤައުމާއި ވަޒަނުގެ މަޞްލަޙަތަށެވެ. ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ޙައްޤު ބޭނުންކޮށްގެން ޤައުމާއި ވަޒަނަށް ގެއްލުންދިނުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އިންސާނާގެ ޝަޚްޞީ މިނިވަންކަމުގެ އެތައް ދާއިރާތަކެއްވެއެވެ. އިސްލާމްދީން ވަނީ އެ ހުރިހައި ކަމަކަށް އިޙްތިރާމްކުރުމަށް އިރުޝާދު ދީފައެވެ. އެއިން ކޮންމެ ކަމެއްގައިވެސް އިންތަކާއި މިންތައް އެކަށައަޅައިފައެވެ.

ފިކުރީ މިނިވަންކަން

އަރަހުށި މާތް اللّه އިންސާނާއަށް، ވިސްނުމާއި ބުއްދި ދެއްވިއެވެ. ކަންތައް ދެނެގަތުމާއި ވިސްނައިގަތުމުގެ އެކަށޭނަކަން ދެއްވައިފައިވުމަކީ އިންސާނާއަށް ލިބިފައިވާ އިމްތިޔާޒީ ސިފައެކެވެ. އިސްލާމްދީން އެދެނީ އިންސާނާގެ ކިބައިގައިވާ މިދެންނެވި ޤާބިލިއްޔަތު ކުރިއަރައި ތަރައްޤީވުމެވެ. ފުޅާވެ ތަނަވަސްވުމެވެ. އެކަމަށް ހުރަސްއެޅުމަށް ނުވަތަ އެކަމުގެ ދާއިރާ ހަނިކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކާ އިސްލާމްދީން ދެކޮޅުހަދައެވެ. ޚުރާފާތާއި ވަހުމުގެ ތެރެއިން އިންސާނުން ނެރުނީ އިސްލާމްދީނެވެ. ފިކުރުހިންގައި، ވިސްނައި، ބުއްދިކޮށް ހެދުމަށް އިންސާނާ ޝައުޤުވެރި ކުރުވީ އިސްލާމްދީނެވެ. އެކަމަށް ބާރުއަޅައި ހިތްވަރު ދިނީ އިސްލާމްދީނެވެ. ބުއްދިޔާ ޚިލާފު ގޮތްތައް ޚިޔާރު ކުރުމާއި، ދަލީލަކާ ނުލައި ކަމެއްގެ މައްޗަށް ބާރުއެޅުމާއި، ވިސްނުމަކާ ނުލައި ކަންކަން ނިންމުމަކީ އިސްލާމްދީނުގެ ނަޒަރުގައި އިންސާނާގެ ކަރާމަތާ އަރައިއަރަފޯދޭ ކަންކަމެއް ނޫނެވެ. އިސްލާމްދީން ވަނީ ކަނު ތަޤްލީދާއި، ވިސްނުމެއް ފިކުރެއްނެތި ކާބަފައިންގެ ގޮތުގައި ހިފެހެއްޓުމާއި، ބޯދާ އާދަކާދަޔަށް އަޅުވެތިވުމަށް ވަރަށް ހަރުކަށި ޢިބާރާތުން ފާޑުކިޔައިފައެވެ. އިސްލާމްދީން އަންގާ ގޮތުގައި ޤައުމުތައް ހަލާކުވެގޮސްފައިވަނީ މިދެންނެވި މުސްކުޅި ބަލީގެ ސަބަބުންނެވެ.

އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

أَمْ آَتَيْنَاهُمْ كِتَابًا مِنْ قَبْلِهِ فَهُمْ بِهِ مُسْتَمْسِكُونَ * بَلْ قَالُوا إِنَّا وَجَدْنَا آَبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آَثَارِهِمْ مُهْتَدُونَ * وَكَذَلِكَ مَا أَرْسَلْنَا مِنْ قَبْلِكَ فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آَبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آَثَارِهِمْ مُقْتَدُونَ * قَالَ أَوَلَوْ جِئْتُكُمْ بِأَهْدَى مِمَّا وَجَدْتُمْ عَلَيْهِ آَبَاءَكُمْ قَالُوا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ * فَانْتَقَمْنَا مِنْهُمْ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ (الزّخرف: ٢١ – ٢٥)

މާނައީ: "ނުވަތަ އޭގެކުރިން (އެބަހީ: قرآن ގެ ކުރިން) ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވައި، ފަހެ، އެއުރެން އެފޮތުގައި ހިފަހައްޓަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ. އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دينއެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ دين އެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް دين އަށްވުރެ حقّ ކަންބޮޑު دين އަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތް ކަމުގައި ވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ دين އަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި دين އަށް ތިމަންމެންވަނީ كافر ވެގެންނެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ދޮގުކުރާ މީހުންގެ ނިމުން ވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"

އިސްލާމްދީން އިންސާނާގެ ކިބައިގައި އުފައްދަނީ ކޮންމެ ކަމަކާމެދުވެސް ދަލީލުތަކުގެ މައްޗަށް ބިނާކޮށް ވިސްނައި ފިކުރުކުރުމުގެ މިޒާޖެވެ. އިސްލާމްދީން އެ ދީނާ ދެކޮޅުހަދާ ފަރާތްތަކާ ޝަކުވާކުރަނީ އެބައިމީހުން ބުއްދީގެ ބޭނުން ނުކުރާތީއެވެ. ވިސްނައި ފިކުރުކޮށް ނަހަދާތީއެވެ. އިސްލާމްދީން ދައްކާ ދަލީލުތަކާ މެދު ނުވިސްނާތީއެވެ. މިގޮތުން ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آَذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ (الأعراف: ١٧٩)

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަ ބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حقّ ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حقّ މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (حقّ އަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލުފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށްވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافل ވެގެންވާ ބަޔެކެވެ."

އިސްލާމްދީން ވިސްނައި ފިކުރުކުރުމަށް ބާރުއެޅުމާއެކުވެސް ވަނީ އިންސާނީ ބުއްދީގެ ދާއިރާގެ ހަނިކަން ޞަރީޙުކޮށް ބަޔާންކޮށްދީފައެވެ. ވިސްނައި ފިކުރުކޮށް އުޅުމަށްޓަކައި ރަނގަޅު ބިންގާތަކެއް އަޅައިދީފައެވެ. އިސްލާމްދީން އެދެނީ އިންސާނާއަށް ހިދާޔަތުގެމަގު ފެންނަ ގޮތަށް ވިސްނުމާއި ބުއްދި ބޭނުންކުރުމެވެ.

ޙަރަކާތްތެރިވެ އުޅުމުގެ މިނިވަންކަން

އަރަހުށި މާތް اللّه އިންސާނާ އުފައްދަވައިފައިވަނީ މަޖުބޫރުކުރެވިފައިވާ މީހެއްގެ ގޮތުގައެއް ނޫނެވެ. ބަނދެވި ހައްޔަރުކުރެވިފައިވާ މީހެއްގެ ގޮތުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީން އިންސާނާޔަށް ވަނީ ޙަރަކާތްތެރިވުމާއި މަސައްކަތްކޮށް އުޅުމުގެ މިނިވަންކަން ދީފައެވެ. އޭނާއަށް އޭނާގެ އަމިއްލަ ރުހުމާއި އިޚްތިޔާރުގައި ފިޔަވަޅުއަޅަމުން ކުރިޔަށް ދެވިދާނެއެވެ. ނަމަވެސް އެއްވެސް ލަގަނެއްނެތް މިނިވަންކަމަކީ ގެއްލުންހުރި މިނިވަންކަމެކެވެ. އެހެންކަމުން އިންސާނާ އޭނާގެ ޢަމަލުގެ މައިދާނުގައި ޙަރަކާތްތެރިވަމުން ދާއިރު ކޮންމެވެސް ކަހަލަ އިންތަކެއްގެ ތެރޭގައި ހުރުމަކީ ބޭނުންތެރި ކަމެކެވެ. ކުރިންވެސް ދެންނެވިފަދައިން އިސްލާމްދީން ވަނީ އިންސާނާއަށް ޙަރަކާތްތެރިވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ދީފައެވެ. ނަމަވެސް އިންސާނާ އޭނާގެ މުޖުތަމަޢަށް ގެއްލުން ހުރި އެއްވެސް ކަމެއް ކުރާކަށެއް އަދި ބިމުގައި ފަސާދަ އުފެދޭފަދަ އެއްވެސް ޢަމަލެއް ކުރާކަށެއް ހުއްދައެއް ނުދެއްވައެވެ. اللّه މިދުނިޔެއަށް ފޮނުއްވަމުން ގެންދެވި ނަބީބޭކަލުންގެ ޚާއްޞަ މަސައްކަތްޕުޅަކީވެސް މާތް اللّه ގެ ބިންމަތީގައި ފަސާދައިގެ ޢަމަލުތައް ހިނގިޔަ ނުދެއްވުމެވެ. އެކަންކަން ހުއްޓުވައި އިންސާނީ ދަރިފަސްކޮޅަށް އަމާންކަމާއި ހިތްހަމަޖެހުމުގެ ދިރިއުޅުމެއް ހޯއްދަވައި ދެއްވުމެވެ.

އަރަހުށި މާތް اللّه سبحانه وتعالى މަދުޔަނުގެ މީހުންގެ ގާތަށް شعيب عليه السّلام ފޮނުއްވިއެވެ. އެއްކައުވަންތަކަމުގެ ދަޢުވަތާއެކު އެކަލޭގެފާނު ގޮވައިލެއްވި ކަންކަމުގެ ތެރޭގައި މާތް اللّه ގެ ބިމުގައި ފަސާދަ އުފައްދައި އުޅޭއުޅުން ހުއްޓައިލުމަށްވެސް ގޮވައިލެއްވިއެވެ. މާތް اللّه ވަޙީކުރައްވައިފައިވެއެވެ.

وَإِلَى مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ قَدْ جَاءَتْكُمْ بَيِّنَةٌ مِنْ رَبِّكُمْ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ * وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَنْ سَبِيلِ اللَّهِ مَنْ آَمَنَ بِهِ وَتَبْغُونَهَا عِوَجًا وَاذْكُرُوا إِذْ كُنْتُمْ قَلِيلًا فَكَثَّرَكُمْ وَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ (الأعراف: ٨٥ – ٨٦)

މާނައީ: "އަދި مدين ގެ މީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ތިޔަބައިމީހުން، اللّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި ކިރުން ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ބިރުދައްކައި، ފޭރުމަށާއި، اللّهއަށް إيمانވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެ މަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދު ބަޔަކު ކަމުގައި ތިއްބައި، އެކަލާނގެ ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فسادކުރާ މީހުންގެ ނިމުން ހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ!"

ޘަމޫދު ބާގައިގެ މީހުންނަކީ ނުހަނު ތިޔާގިކަމާއި ތަނަވަސްކަމުގައި ދިރިއުޅުނު ބަޔެކެވެ. އެ ޒަމާނުގެ "ތަރައްޤީވެފައިވާ" ޤައުމެކެވެ. ނަމަވެސް އެ ޤައުމުގެ ލީޑަރުން ވަނީ ބިމުގައި ފަސާދަކުރުމުގެ މަގު ޚިޔާރުކޮށްފައެވެ. އެ މަގުފުރެދިފައިވާ ލީޑަރޝިޕާ ދެކޮޅަށް އަޑުއުފުއްލެވީ صالحގެފާނެވެ. صالحގެފާނު އެކަލޭގެފާނުގެ ޤައުމަށް ދަޢުވަތުދެއްވިއެވެ.

وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ * الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ * قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ (الشعراء: ١٥١ – ١٥٢)

މާނައީ: "އަދި ހައްދުފަހަނަޅައިދާ މީހުންގެ أمر އަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاح އެއް ނުކުރާ މީހުންނެވެ."

މަދީނާގެ އިސްލާމީ ދައުލަތަކީ ހެޔޮކަމާއި އިޞްލާޙާއި ޢަދުލުއިންޞާފުގެ މަރުކަޒެވެ. އެރޮނގުން ދުނިޔެއަށްޓަކައި ޤާއިމުވި އެންމެ މަތިވެރި ނަމޫނާއެވެ. ނަމަވެސް މުނާފިޤުން ގެންދިޔައީ އެބައިމީހުންގެ ފާސިދު ޙަރަކާތްތަކުން އެ ދައުލަތަށް ގެއްލުންދޭން މަސައްކަތްކުރަމުންނެވެ. ކީރިތި ޤުރްއާނުގައި އެތައްފަހަރަކު ވަނީ އެބައިމީހުންގެ ސިއްރު ޙަރަކާތްތަކުގެ ޚަބަރު ހާމަކުރައްވައިފައެވެ. މިގޮތުން އެއްތަނެއްގައި ވަޙީކުރައްވައިފައިވެއެވެ.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ * أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لَا يَشْعُرُونَ (البقرة: ١١ – ١٢)

މާނައީ: "އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަން އުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ."

މުޖުތަމަޢުގައި ޙަރަކާތްތެރިވެ އުޅުމާއި ޢަމަލީ މައިދާނުގައި މަސައްކަތްކޮށް އުޅުމަކީ އިންސާނާގެ ފިޠުރީ ޙައްޤެކެވެ. އިސްލާމްދީން އެކަމަށް އެއްވެސް ހުރަހެއް ނާޅައެވެ. ނަމަވެސް މުޖުތަމަޢު ފަސާދަކުރުމާއި ހަލާކުކުރުމާ ދިމާޔަށް ގެންދާ ކޮންމެ ކަމަކާ އިސްލާމްދީން ދެކޮޅުހަދައެވެ. އެކަންކަމުގެ އާޚިރު ނަތީޖާއަކީ ޚުދު އެކަން ކުރާ ބަޔަކާއި އެބަޔަކު ދިރިއުޅޭ މުޖުތަމަޢެއް ހަލާކުގެ ތެރެއަށް ވައްޓައިލުން ކަމުގައި ވާތީއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.