ފުލެޓުތައްދޭނެ ގިންތިތައް ހާމަކޮށްފި

ސަރުކާރުން ހުޅުމާލޭގައި އަލަށް އިމަރާތް ކުރަމުން ގެންދާ 7000 ފުލެޓް ދޭނެ ގިންތިތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަ ކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ރައީސް ޔާމީން މިހާރުވެސް ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް އެއްހާސް ފުލެޓްދޭން ނިންމައިފައެވެ.

މާކީ 6000 ފުލެޓު ބަހާފައިވަނީ ކައިވެނި ކޮށްގެންއުޅޭ 18 އަހަރާއި 40 އަހަރާ ދެމެދު މީހުންށް 1000 ފުލެޓް، މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް، މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓެވެ. އެމީހުންނަށް ފުލެޓް ދިނުމުގައި ދަފްތަރުގައިޖެހި ގިނަދުވަސްވެފައިވާ މީހުންނަށް ގިނަ ޕޮއިންޓް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުވަނީ ޑޮކްޓަރުންނާއި ނަރުހުންނަށްވެސް ފުލެޓްތައް ޚާއްސަ ކޮށްފައެވެ. އެމީހުންނަށްވަނީ 475 ފުލެޓް ކަނޑައަޅައިފައެވެ. އަދި ޓީޗަރުންނަށްވަނީ 625 ފުލެޓް ޚާއްސަކޮށްފައެވެ. ފުލުހުންނަށް 300 އަދި ސިފައިންނަށްވެސް 300 ފުލެޓް ޚާއްސަ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރަށް އެކަނިވެރި މައިންނާއި ބަފައިންނަށް 400 ފުލެޓްވަނީ ކަނޑައަޅައިފައެވެ. އަދި ނުކުޅެދޭ މީހުންނާއި އާއިލާތަކަށްވަނީ 200 ފުލެޓް ކަނޑައަޅައިފައެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅުން ފުލެޓް ގަތުމަށް ކުރިން ފައިސާ ދެއްކި މީހުންގެ ތެރެއިން ފުލެޓް ނުލިބި ތިބިމީހުންނާއި، ޓާޓާ ފުލެޓުން ފުލެޓް ލިބޭނެކަން ކަށަވަރުވެ ފައިސާ ނުދެއްކިގެން ނުލިބިފައިވާ މީހުންނަށްވެސް މިފަހަރު ފުލެޓް ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް މާފަންނު ކޮޅުގައި ވަރަށްނިކަމެތި ހާލުގައި އުޅެމުންދާ ބަޔަކަށްވެސް ފުލެޓް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުންނަކީ ކެޓަގަރީ ޝަރުތު ހަމަނުވެގެން ބޯހިޔާވަހި ކަމަށް އެދުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނެވެ.

މިނިސްޓަރ ވިދާޅުވީ ފުލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ހުޅުވައިލައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.