މާލޭ ބްލޮކް ރީޑިވެލޮޕްމެންޓް ނަމުގައި ޕްރޮޖެކްޓެއް ފަށަނީ

މާލެ ބްލޮކް ރީޑިވެލޮޕްމަންޓްގެ ނަމުގައި މަޝްރޫއެއް ފަށަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ 7000 ފުލެޓް ކެޓަގަރީތަކަށް ބެހިގޮތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ މާފަންނުކޮޅުގައި ކުދިކުދި ތަންތަނުގައި މިހާރު އުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއެކެވެ.

އެމަޝްރޫއުގެ ދަށުން ހުޅުމާލެއިން އެމީހުންނަށް 256 ފުލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ މީހުން އެފުލެޓްތަކަށް ބަދަލު ކުރުމަށްފަހު އެމީހުން އުޅުނު ގޯތިތައް ސަރުކާރަށް ނަންގަވައި އެސަރަހައްދުތަކުގައި ފުލެޓްއަޅާނީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭ ބޮލްކް ރީޑިވެލޮމެންޓް ޕްރޮޖެކްޓްގެ ދަށުން ގޭބިސީއަކަށް ފުލެޓެއް އަޅުގަނޑުމެން މި ކަނޑައެޅީ. އެއަށްފަހު މީހުން އުޅުނު ގޯތިތައް ހުސްކުރަނީ. އަދި އަލުން އެތަންތަން ރީޑިވެލޮޕްކުރާނީ. ރީޑިވެލޮޕްކުރީމައި ތަނަވަސް ފުލެޓުތަކެއް ހެދި ޕާކުތަކާއި އެކު ތަންކޮޅެއް ތަނަވަސް ނެއިބަހުޑުތަކެއް އެތަނުގައި ހެދުމުގެ ފުރުސަތުތައް ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާފަންނު ކޮޅުގައި އުޅޭ ބައެއް މީހުންނަކީ ރަށްރަށުން މާލެއަށް އައިސް ވަޒަންވެރިވެފައިވާ މީހުން ކަމަށެވެ. އެހެން ކަމުން އެއްވެސް ހައުސިން ސްކީމެއްގައި ބައިވެރިވުމުގެ ޝަރުތު އެމީހުންގެ ފުރިހަމަނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއު ފަށާނެ ތާރީޚެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.