ގައުމީ ސަލާމަތަށް ދިމާވެފައިވާ މައްސަލަ އަދިވެސް ފިލައިނުދޭ:ރައީސް އޮފީސް

ފެބުރުއަރީ 5 ވަނަ ދުވަހުގެރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި 45 ދުވަސް ފަހުން އެހާލަތު އުވައިލިޔަސް ގައުމީ ސަލާމަތާގުޅިފައިވާ މައްސަލަތައް މުޅިން ފިލައި ނުދާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އެ ހާލަތު މިއަދު އުވައިލެއްވީ ގައުމީ ސަލާމަތަށް މާބޮޑު ނުރައްކަލެއް ކުރިމަތިވިޔަ ނުދީ ދައުލަތުގެ ކަންކަން ކުރިޔަށް ގެންދެވިދާނޭ ކަމަށް ކަމާބެހޭ މުއައްސަސާތަކުން ލަފާ ދެއްވާތީ ކަމަށްވެސް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ގައުމީ ސަލާމަތަށް ކުރިމަތިވި ނުރައްކަލުގެ ސަބަބުންނެވެ. އެކަން ނުރައްކަލަކަށްވީ ދިވެހި ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ސިޔާސީ ބައެއް ފަރާތްތަކާ ގުޅިގެން، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ އަމަލުތަކުގެ ސަބަބުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގައުމީ ސަލާމަތަށް ނުރައްކަލެއް ދިމާވެ، އަދި ދުސްތޫރީ އޮނިގަނޑުގެ ބޭރުން ދައުލަތުގެ ކަންކަން ހިނގަން ފެށުމުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިއުލާން ކުރެއްވިޔަސް އެއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅުނީ، ގައުމުގެ ސަލާމަތާ ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ދުސްތޫރީ އޮނިގަނޑު ޙިމާޔަތްކުރުމަށް ކޮންމެހެން ބޭނުންވެގެން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކުރީ 15 ދުވަހަށެވެ. އެފަހުން ރައްޔިތުންގެ މަޖިލީހުންވަނީ އެ މުއްދަތަށް އިތުރު 30 ދުވަސް އިތުރު ކޮށްދެއްވައިފައެވެ.
ކުއްލި ނުރައްކަލުހެ ހާލަތު އިއުލާން ކުރެއްވީ 1 ފެބްރުވަރީ ގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވިގެން ތަހުގީގު ކުރެވޭ މީހުންނަށް އެކަންޏެނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.