ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފި

ފެބުރުއަރީ ފަސްވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވައި ލައްވައިފިއެވެ.

45 ދުވަހަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އުވައިލެއްވިކަން އިއުލާން ކުރެއްވީ ރައީސް އޮފީގައި ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައިފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު ސަރުކާރުންވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އަދިވެސް އެތައް ބަޔަކު ބަންދުކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން އިއްޔެވަނީ ދޫކޮށްފައެވެ. ބައެއް މީހުންގެ ބަންދުގެ މުއްދަތު އިއްޔެވަނީ ކޯޓު މެދުވެރިކޮށް ޖަހައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން ކުރިން ގާނޫނު އަސާސީން ހިފެހެއްޓިފައިވާ މާއްދާތައްވެސް މިހާރުވަނީ ދޫކޮށްލެވި އާދައިގެ ހާލަތަށް ބަދަލުވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫނާއި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބަންދުކުރީ ރިޝްވަތު ދިނުމާއި، ހިފުމާއި އަދި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. އޭގެ އިތުރަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި، ދަނބި ދަރިކަލުން އަހުމަދު ނަދީމަށްވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައެވެ. އެބޭފުޅުންގެ އިތުރަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި، އަހުމަދު އަރީފްވެސް ބަންދު ކުރުމަށްފަހު އެ އެންމެނަށްވަނީ ސަރުކާރު ވައްޓާލަން އުޅުމަށް ވިދާޅުވެ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވައިލިޔަސް އެކަން ކުރައްވައިފައިވަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކާ އެއްކޮށްފައިފައިވާތީ ނޫންކަމަށް ލީގަލް އެފެއާޒު މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ.

މިމައްސަލަ ހިލިގަތީ ފެބުރުއަރީ ފުރަތަމަ ދުވަހުގެރޭ ސްޕްރީމް ކޯޓުގެ ފަސްފަނޑިޔާރުން ނެރުނު ހުކުމަކަށްފަހުއެވެ. އެ ހުކުމުގައި ވަނީ ސިޔާސީ ބޭފުޅުންވެސް ހިމެނޭ ގޮތަށް ޖަލުގައި ތިބި 9 ބޭފުޅަކު ދޫކޮށްލުމަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުވެސް ހިމެނެއެވެ. އެހެން ނަމަވެސް ސަރުކާރުން ބެއްލެވުމަށްފަހު ވިދާޅުވީ އެއީ ޖުޑިޝަރީ ތެރެއިން ގެންނަން އުޅުނު ބަޣާވާތެއް ކަމަށެވެ. އެ ހިސާބުން އެކަމުގައި ތުހުމަތު ކުރެވޭ އެންމެންވަނީ ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.