ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރައްވާ ގޮތަށް ބިލަށް ބަދަލު ގެންނަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރައްވާ ގޮތަށް އާއްމުޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ބިލަށް ބަދަލު ގެންނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިހެން ވިދާޅުވީ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި އޮތް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާހުގެނައުމުގެ ބިލަށް ޚިޔާލު ހޯދުމަށް ރޭ ބޭއްވި ފޯރަމްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަދުވަސްތަކެއްވާންދެން ކުރައްވައިފައިވާ، އަދި މަޖިލީހުގެ ނާއިބް ރައީސްކަންވެސް ކުރައްވައިފައިވާ ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަޙުމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަނީސާ ސުވާލުކުރެއްވީ ޤާނޫނުއަސާސީއާ އެއްގޮތްކުރެއްވުމަށް ޤާނޫނަށް އިސްލާޙު ގެންނަކަމަށް  މެމްބަރުން ވިދާޅުވާއިރު ޤާނޫނުއަސާސީގައި ބުނާގޮތަށް، ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބިލުގައި ނުލިޔުއްވީ ކީއްވެތޯއެވެ.  ޤާނޫނު އަސާސީއާ ތަޢާރަޒުވާއިރު އެއްބައި އެއްގޮތްކޮށްފައި އަނެއްބައި ދޫކޮށް ލެއްވުމުން ޤާނޫނު އިޞްލާޙުކުރާތާ ދުވަސްކޮޅެއްފަހުން އަނެއްކާވެސް ޖެހޭނީ ޤާނޫނަށް އިޞްލާޙު ގެންނަންކަން އަނީސާ ފާހަގަ ކުރެއްވިއެވެ.  

އަނީސާގެ ސުވާލަށް ޖަވާބު ދެއްވަމުން ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން އަފީފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަންޖެހޭކަމެއްގޮތުގައި ބޭއްވުމަށް ބަހުސްގައި މެމްބަރުން ވެސް ޚިޔާލު ފާޅުކުރައްވައިފައިވާކަމަށެވެ. އެބަދަލު ކޮމެޓީ މަރުޙަލާގައި ބިލަށް ގެނެވެނެކަމަށް ދެކެވަޑައި ގަންނަވާކަމަށެވެ. އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ކުރުމުގެ ބާރަކީ ވަޒީރަށް އޮންނަންޖެހޭ ބާރެއް ނޫންކަމަށް މެމްބަރުންނަށް ވެސް ފާހަގަ ކުރެއްވިފައިވާކަމަށް އަފީފު ވިދާޅުވިއެވެ.

ބިލް ހުށަހެޅުއްވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ވިދާޅުވީ އެ ބަދަލު ކޮމެޓީ މަރުހަލާގައި ބިލަށް ގެނެވިދާނެކަމަށެވެ. ބިލަށް ގެންނަންޖެހޭ އެންމެ މުހިންމު އިޞްލާހަކީވެސް އެއީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭރުން ޤާނޫނު އަސާސީއާ ފުށުއަރާ ފުށުއެރުންވެސް ޙައްލުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ ބިލް އިޞްލާޙުކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް ޤާނޫނުއަސާސީން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަށް ވުރެ ފުޅާދާއިރާއެއްގައި ޤާނޫނީ ބާރެއްގެ ބޭނުން ކުރުމުގެ ބާރު ވަޒީރަކަށް ލިބިދޭތީ އެކަމަށް ޙައްލެއްހޯއްދެވުން ކަމަށެވެ. ޤާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަ ވަނީ 30  ދުވަހަކަމަށާއި އަދި މަޖިލީޖހަށް ހުށަހަޅައި އުނިއިތުރު ގެނައުމުގެ ބާރު އޮންނަކަމަށެވެ. ނަމަވެސް ވަޒީރަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ ބޭފުޅަކަށްވާއިރު ވަކި މުއްދަތެއް ނެތި ވަޒީރަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރެވޭކަމަށާއި ފުރިހަމަ ކުރަންޖެހޭ އިޖްރާތުތަކެއްވެސް ނުހުންނަ ކަމަށެވެ. އަދި ޤާނޫނު އަސާސީން ލިބިދޭ އެތައް ޙައްޤެއް ހިފެހެއްޓޭކަން ވެސް ބިލް ހުށަހެޅުއްވި މެމްބަރ ފާހަގަ ކުރެއްވިއެވެ.

ބިލް ދިރާސާ ކުރަމުންދާ ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރުމުގައި އެންމެ ރަނގަޅު ގޮތަކަށް ވާނި ވެސް ޞިއްޙީ ބޭފުޅުންގެ ލަފާފުޅުގެ މަތިން ވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ރައްޔިތުންނަށް ޓަކައި ނިންމާންޖެހޭ ނިންމުމެއްގެ ގޮތުގައި ޤާނޫނަށް އިޞްލާޙު ގެނައުން ކަމަށެވެ. ކޮމެޓީ މަރުޙަލާގައި އެ ގޮތަށް ބިލަށް އިޞްލާހު ގެނެވިދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބިލްދިރާސާކޮށް ނިންމުމުގެ ކުރިން ޞިއްޙާ މާހިރުންނާއި އެނޫންވެސް ކަމާ ގުޅުންހުރި ބާބޭފުޅުންގެ ޚިޔާލު ފުޅާދާއިރާއެއްގައި ހޯއްދަވާނެކަމަށް މެމްބަރ އިންތި ފާހަގަކުރެއްވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.