ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަން އުޅުނު "ބަޣާވާތު" ގައި ބެދި ސުންނާފަތި ވެގެންދިޔައީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ރައްޓެހީން ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެގޮތަށް އެކަން ވެގެންދިޔައީ ރައީސް ނަޝީދު ޖެއްސެވި ދަލުގައި ރައީސް މައުމޫން ޖެހިވަޑައިގެންނެވުމުން ކަމަށެވެ.
"މިބަޣާތުގައި ބެދި ސުންނާފަތި ވެގެން މިދިޔައީ މައުމޫނާއި މައުމޫނުގެ ރައްޓެހީން. އެއީ ހިތާމައަކީ. އެހެންވީމާ ވިސްނުންފުޅު ގެންގުޅުއްވާށޭ އެ އާއިލާތަކުން، މިއަދު މިހާލު ޖެހިގެން މިއުޅެނީ ތިމަންނާމެންގެ އަދަވާތެރިން، ތިމަންނާމެން މަގުފުރެއްދުމުގެ ނަތީޖާ،" މިހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މަޅިތަކިގައި ޖެހިވަޑައިނުގެން ރީތިކޮށް އުޅުއްވުމުގެ މަގުވެސް ރައީސް މައުމޫނަށް ވަރަށް ރީތިކޮށް ހުޅުވިފައި އޮތް ކަމަށެވެ. "އެގޮތަށް ވަޑައި ނުގަތުމުގެ މަގު ނުލާހިކު ރަނގަޅަށް ހުޅުވިފައިއޮތް. އެބޭފުޅުން އެވިދާޅުވާފަދަ ސިރާތުލް މުސްތަޤީމް ނިކަން ރީއްޗަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މިގައުމާއި މިގައުމުގެ ދީން އޮތްގޮތާއި މިގައުމުގެ ކަންތައްތައް އޮތްގޮތް. ނަމަވެސް އެހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ވަކި އަމިއްލަ ބޭނުމެއްގައި ނުކުމެވަޑައި ގަތީމައި ނަތީޖާ ވެގެންދިޔަގޮތަކީ މިއީ،" ނިހާން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމާއި އެމަނިކުފާނުގެ ތަރައްގީގެ ދުވަސްތަކާމެދު ހިތްހަމަނުޖެހިގެން އެންމެބޮޑަށް ވާހަކަ ދައްކައި ރައީސް މައުމޫންގެ އަބުރު ކިލަނބު ކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތްކުރީ ކެނެރީގެ މުހައްމަދު ނަޝީދު ކަމަށް އެންމެހާ ދިވެހިން ގަބޫލު ކުރައްވާނޭ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. އެގޮތަށް މަސައްކަތްކޮށް ނަޝީދު ވަނީ މައުމޫން މަގުފުރައްދައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ހަމަގައިމުވެސް މިފަހަރު އެއޮތީ ރައީސް މައުމޫން މަގުފުރައްދައި ނިންމައިފައި. ނިކަން ބައްލަވާ މިއަދު މިއީ ސްޓޭޓްއޮފް އިމަޖެންސީ ނިމިގެން މިދިޔައީ. ހައްޔަރީންގެ ތެރޭގައި ހިމެނެނީ ކިތައް އެމްޑީޕީ މީހުންތޯ ނިކަން ބައްލަވާ. އެމްޑީޕީގެ ބޮޑެއް ނުހިމެނޭ މިއަކު. މުޅިން ކަހަލަ ގޮތަކަށް މިއޮތީ ނަޝީދު އެމީހަކު ދެކެ ރުޅިއައި މައުމޫނާއި މައުމޫނުގެ އާއިލާއި މައުމޫންގެ ގާތްމީހުން. ގާތްގަނޑަކަށް ދުވަހަކުވެސް ބަޔަކު ނުދޭނެފަދަ ބޮޑު ލޮޓިއެއް މިއޮތީ ދީފައި. މާނައަކީ މަގު ފުރައްދައި ނިންމާފައި މިއޮތީ،" ނިހާން ވިދާޅުވިއެވެ.
"ރައީސް މައުމޫން ނެތިކޮށްލައި އެމަނިކުފާނު ބާޣީއަކަށް ހަދައިލުމަކީ ކެނެރީގޭ މުހައްމަދު ނަޝީދު އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އަދި އެ މުޅިއާއިލާއިންވެސް ބޭނުންވީ ކަމެއްއެއީ،" ނިހާން ވިދާޅުވިއެވެ.
ރައީސް ނަޝީދު އެ ނިންމަވައިލެއްވީ އެންމެފަހުން އެކުރަން އުޅުނު ބަޣާވާތުގައި ރައީސް މައުމޫން ރަނގަޅަށް ބައިވެރި ކުރުވައި މުޅި އެކަމުގެ ތެރެއަށް ރަނގަޅަށް ފެއްތުމަށްފަހު ކަމަށް ނިހާން ވިދާޅުވިއެވެ.
"އެންމެފަހުން ނިމިގެން މިދިޔަ މައްސަލައިގައި މިއައީ ރައީސް މައުމޫން މުޅި ގޮޅިއަށް ރަނގަޅަށް ފައްތާލުމަށް ކެނެރީގޭ މުހައްމަދު ނަޝީދާއި އޭނާގެ އެޓީމުގެ މީހުންކުރި ނުރައްކާތެރި ޝައިތާނީ ވިސްނުންތަކުގެ ތެރެއިން އެދަލުގައި ރައީސް މައުމޫނާއި ރައީސް މައުނޫނުގެ ޓީމް ޖެހިގެން. އެއީ ހިތާމައަކީ. ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ރައީސަކާމެދު އަޅުގަނޑުމެން މިއަދު ފަސްއެނބުރި ބަލާއިރު ދިމާވާ ވަރަށްބޮޑު ދައްޗެއް މިއީ،" ނިހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް އެކަންދިމާވީ ގައުމާ މެދު ލޯބިވުމުގެބައި ކޮންމެވެސް ހިސާބަކުން ރައީސް މައުމޫނަށް ދޫކޮށްލެވުމުގެ ސަބަބުން ކަމަށެވެ.