ދައުލަތުގެ ކަންކަން އަންނަނީ ހަމަމަގަށް އެޅެމުން: މޫސަ

ރާއްޖޭގައި މިހާރު ދިމާވަމުންދާ ހާލަތްތަކާ ގުޅިގެން ދައުލަތުގު ވަރަށްގިނަ ކަންކަން އަންނަނީ ހަމަމަގަށް އެޅެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މުސާރަ ނަގަނީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެހެން ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީސް އޮންނަންވާނީ ރައްޔިތުން އެދޭގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކަށް އަޅުގަނޑުމެންގެ ދައުލަތް ވަރަށް ނިކަމެތިވެގެން އުޅުނަސް އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި ފުދުންތެރިކަންހުރި ފޯރުންތެރި ބަޔަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރުގައި ދައުލަތަށް ލިބޭ އާމްދަނީއަކުން ބަޔަކު ބޭކާރު ޚަރަދުތައް ކުރަންޏާ އެކަން ހަމަމަގަށް އަޅުވަންޖެހޭނެ،" މޫސަ ވިދާޅުވިއެވެ. އޭނާ އެވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާއިރު ބައެއް މެންބަރުން ޖަލްސާތަކުގައި ބައިވެރިނުވެ ސޮއިކުރެއްވުމަށްފަހު ވަޑައިގަންނަވާތީ އެކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރުހުރި ގޮތުން އެފަދަ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރެވެންޖެހޭނެ ކަމަށެވެ. އެކަންކަން އިސްލާހު ނުވަންޏާ ނުވަތަ ވާޖިބު އަދާ ނުކޮށް ރައްޔިތުންގެ ފައީސާ ބޭނުން ކުރަންޏާ ރައްޔިތުންގެ ފައިސާއިން އެކުރެވެނީ އިސްރާފު ކަމަށް އޭނާ ވިދާޅުވިއެވެ. "އިސްރާފް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެއް. މިސާލަކަށް މަޖިލިސް މެންބަރަކު ރައީސް ޔާމީން ދެކެ ރުޅިއައުމަކީ އޭނާގެ ގާނޫނީ ވާޖިބު އަދާކުރަންދާން ނުޖެހެންވީ ކަމެއްނޫން. އަޅުގަނޑު ރައްޔިތުންގެ މަޖިލިހަށްވަނީ ދެހާސް ފަސްވަނަ އަހަރު. އޭރު ރައީސް މައުމޫން ވެރިއަކަށް ހުންނެވީ. ރައީސް މައުމޫނަށް ފާޑުކިޔަންވެސް އޭރު އަޅުގަނޑު މަޖިލިހަށް ވަންނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް މެންބަރުން މިއަދު މަގުމަތީގައި ވާހަކަ ނުދައްކަވައި މަޖިލީހަށް ބިލްހުށަހަޅައިހެން ކުރިއަށްގެންދަންޖެހޭ ކަމަށެވެ. "ބިލެއް ލައިގެން ފާސް ނުވެދާނެ. އެދޭގޮތަކަށް ދުނިޔޭގައި ހުރިހާ ކަމެއް ނުވެދާނެ. އެމީހާ ބޭނުންވާ ކަމެއް ހާސިލްނުވާ ކޮންމެ ފަހަރަކީ މުޅި މުޖުތަމައު ދެކެ ރުޅިއައިސް، މުޅި ދައުލަތްދެކޭ ރުޅިއައިސްގެން އުޅެންޖެހޭ ކަމެއްނޫން. ކެތްތެރި ކަމާއެކު އުޅެން އެނގެންޖެހޭނެ. ތިމާއާއި ތިމާގެ ދާއިރާ ދެކޭގޮތް މަޖިލީހުގައި ތަންފީޒު ކުރެވެންވާނެ،" މޫސަ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކިދިމަދިމާގައި މަޝްރޫއުތައް ހިންގަވަމުންދާއިރު އެކަންކަމާބެހޭ ގޮތުން ބަސްބުނަންވެސް އެބޭފުޅުން މަޖިލީހަށް ވަޑައިގަންނަވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.