އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަނެއްކާ ވެސް އެމްޑީޕީ އާ ގުޅިވަޑައިގެންފި އެވެ.
އެ ޕާޓީ އުފެއްދުމުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާ މޫސަ 8 އަހަރަށް ފަހު އެމްޑީޕީ އާ އަލުން ގުޅިވަޑައިގަތުމުން އެމްޑީޕީން ވަނީ މޫސައަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެ ޕާޓީގެ މެންބަރަކަށް ވުމަށް އަބަދު ވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވަމުން ގެންދަވާ މޫސަ ސަރުކާރުގެ ބައެއް ކަންތައްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އެންމެ ބޮޑަށް ފާޑުވިދާޅުވަނީ ރައީސް ނަޝީދުގެ މަސައްކަތް ޕުޅަށެވެ.
ކުރިން، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވުމަށްފަހު، އެ މަގާމުން އިސްތިއުފާ ދެއްވާ އޭނާ މަޑުން ހުންނެވީ، 2013 ވަނަ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ރަސްމީ ހައިސިއްޔަތެއް ނެތުމުން ކަމަށް ކުރިން ރީކޯ ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވުމަށް ފަހު، އެ ޕާޓީން ވެސް ވަކިވެވަޑައިގަތެވެ. އެއަށް ފަހު އިތުރު އެއްވެސް ސިޔާސީ ޕާޓީއަކާ އެކު އޭނާ މަސައްކަތެއް ނުކުރައްވަ އެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރިމައިމަރީ ވޯޓު ނަގަން ގާތްވެފައި ވަނިކޮށް، މޫސަ އެ ޕާޓީއާ ގުޅީވަޑައިގެންނެވިއިރު، ބޮޑަށް ލަފާ ކުރެވެނީ އޭނާ މަސައްކަތް ކުރައްވާނީ ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންނާ އެކުގަ އެވެ.
ރީކޯ މޫސަ، އެނބުރި އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރީކޯ މޫސަ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއްކަމުގަ އެވެ.
އެ ޓްވީޓްގައި ވިދާޅުވެފައިވަނި އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން ރީކޯ މޫސަ އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަކީ، އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
@MDPSecretariat އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން @ReekoMoosa މިޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، މިޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް. މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުޙަބާ. pic.twitter.com/Pxi29SddAA
— Ibrahim Mohamed Solih (@ibusolih) November 8, 2022