މަޝްރޫޢުތައް ހުއްޓާލައި ކާޑާއި ބޭސް ފޯރުކޮށްދެއްވާ: މޫސަ

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ވެސް އޮތުމުން ސަރުކާރުން މިހާރު ކުރަންވީ ކަމަކީ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓާލައި ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑާއި އަސާސީކަންކަން ކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާމަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ވީޓީވިން މިއަދު ގެނެސްދިން "ގޮނޑިކޮޅު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމަގަށް އެކަން ކޮށްދެއްވައިފިޔާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ކޮންމެ ތަނެއްގައި އެމަނިކުފާނު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށެވެ.

"އަތުގައި ލާރިއެއް އޮތިއްޔާ ހަމަ ހިފަހައްޓައިގެން އެންމެން ތިބެންވީ. ރައީސް ސާލިހު ވިދާޅުވި ތަނެއްގައި ޕްރޮމޯޓުކުރަން ވެސް މަސައްކަތްކޮށްދޭނަން. އަޅުގަނޑު އެދެނީ ހަމަ އިގްތިސާދު ކޮޅެއްގައި ޖެހެންދެކަށް ޓޫރިޒަމް އެރައިވަލް އަލުންފެށެންދެކަށް ދައުލަތުން އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހިފަހައްޓައިބަހައްޓަވާފައި ހަމަ ލާރިން ރައްޔިތުންނަށް ކެއުމާއި ބޭހާއި ދެންހުރި އަސާސީ ކަންކަން ކޮށްދިނުން،" މޫސަ ވިދާޅުވިއެވެ.

މުސަ ވިދާޅުވީ މިވަގުތަށްހުރި ޕްރޮޖެކްޓްތައް ހުއްޓާލިޔަސް އެއީ އެއްވެސް މައްސަލައެއްނޫން ކަމަށެވެ. މިސާލަކަށް ފެންހޮޅި އަޅަންތިބޭ މީހުން ރުޅިއަންނާނެ އެއްރަށުން އަނެއްރަށަށް ނުދެވި ރަށު ބަންދުވީމާ. އެކަން މިކުރަނީ ބަޔަކު މީހުންނާ ހަވާލުކޮށްގެން. މިހާލަތުގައި އެ ޕްރޮޖެކްޓްތައް ނުހިނގުމުން، އެ ބަދުނާމު ބޮލުގައި އަޅުވައި ފަހުން ދައުވާކުރާނެ ތިމަންނައަށް ޕްރޮޖެކްޓް ހިންގިޔަ ނުދިނީޔޭ. ސަރުކާރުން ބަދަލުދޭށޭ،" މޫސަ ވިދާޅުވިއެވެ. އެކަން އެހެން ހިނގުމުގެ ބަދަލުގައި މަޝްރޫއުތައް މިވަގުތަށް ހުއްޓާލައި ދައުލަތުގެ ޔޫސެބަލް ރިޒާވްގައި ހުރިފައިސާއިން ރައްޔިތުންނަށް ޚަރަދު ކުރުން މާރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއވެ.

"އެޕްރީލްމަހު އެކަކުން ފެށިގެން ރާއްޖޭގެ އެރަވަލް މުޅިން ހުއްޓޭނެ. ޓޫރިޒަމަށް ބަރޯސާވެގެން މިތިބީ. ދެންއޮތީ މަސްވެރިކަން. މަހެއް އެކްސްޕޯޓު ކުރެވޭކަށްނެތް އެއީ ދައުލަތުގެ ކަމެއްނެތިގެނެއްނޫން، ގެންދާނެ ފުލައުޓެއްނެތް، ގަންނާނެ މާކެޓެއްނެތް، ގެންގޮސް ބަހައްޓާނެ ތަނެއްނެތް، ސަޝިމީ ކާނެ އެންމެވެސް އެތިބީ ދޮރުލައްޕައިގެން،" އޭނާ ވިދާޅުވިއެވެ.

މިހާލަތުގައި މަސްވެރިންނާއި ރައްޔިތުންނަށް ވެސް އެންމެ ރަނގަޅުވާނީ ދައުލަތުގައި ހުރިއްޔާ ހުރި ލާރިއެއް ހިފަހައްޓައިގެން އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ރައްޔިތުންނަށް ކާޑާއި ބޭހާއި އެހެން އެއްޗެހި ދީގެން ރައްޔިތުންގެ އަސާސީ ކަންކަން ހިންގާލުން ކަމަށް އޭނާ ވިދާޅުވިއެވެ. "ރައްޔިތުންވެސް އެއަށްވުރެ ބޮޑަށް އިތުރަށް ޑިމާންޑު ކޮށްގެންވެސް ނުވާނެ އެއްވެސް ކަމަކަށް. އެހެންވެއްޖެއްޔާ ރައްޔިތުންނެއްނޫން އެއީ. އެއީ ހަމަ އަމިއްލަ އެދުމާގެން އުޅޭ ބައެއް ކަމަށް އަޅުގަނޑު ބަލާނީ،" މޫސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެންއޮތް ގޮތަކީ މި ޙާލަތުން އަރައިގަތުމަށްޓަކައި މާތްﷲއަށް  އެންމެވެސް ސަރުކާރަށް އެއްބާރުލުންދީގެން އެމީހެއްގެ އަތުގައި އޮތް އެއްޗެއް އެމީހަކު ވީހާވެސް ބޮޑަށް އިގްތިސާދުކޮށްގެން ރައްކާތެރިވެގެން ތިބުން ކަމަށެވެ. "ކޮންމެހެން ރޯދައަށް ކޮންމެ މީހަކު ހަތަރު ގޮދަޑިއާއި އެނދާ ގަންނާނެ ކަމެއްނެތް. ކޮންމެހެން ވިޔަފާރިކުރާ މީހުންވެސް ރުޅިއަންނާނެ ކަމެއްނެތް އަޅުގަނޑު މިހެން ބުނެގެނެއް. މިވަގުތު ރަނގަޅީ ގޭގައި ހުރި އުނދުނާއި އެއްޗެހި ކުރީގައި ހަދާހެން ރޯދައަށް ގޮނޑުދޮށަށް ގޮސް ވަރަށް ރަނގަޅަށް ކަށިވެލީ ލާފައި އުނދުޅިއާއެއްޗެހި ސާފުކޮށްލުން. ގޭގައިހުރި އެއްޗެއްހި އުކާލައި އައުއެއްޗެހި ގަންނާނެ ކަމެއްނެތް،" މޫސަވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.