އައްޑޫ ކުނިކޮށި ކައިރީގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ

އައްޑޫސިޓީ ކުނިކޮށްޓާ ދިމާ ލިންކުރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިންގެންނެވެ.

އެކްސިޑެންޓުގައި ނިޔާވެފައިވަނީ ފިރިހެނެކެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ. ހިތާދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.

މި އެކްސިޑެންޓުގައި ރިޔާޒުގެ އިތުރަށް 3 މީހަކުވެސް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް ނަޖީބު ވިދާޅުވިއެވެ. އެ ތިން މީހުންނަކީވެސް ފިރިހެނުންނެވެ. އޭގެ ތެރެއިން އެކެއްގެ ލޯލަށް ގެއްލުންވެފައިވުމުން އޭނާގެ ހާލު ތަންކޮޅެއް ސީރިއަސް ކަމަށް ނަޖީބު ވިދާޅުވިއެވެ. އަނެއް ދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި މަރުވެފައިވަނީ ސައިކަލް ދުއްވަންއިން މީހާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ ލިއޯ ކުންފުނީގެ ބަސް ޑްރައިވަރަކަށް މަސައްކަތްކުރާ ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒެވެ.

"އޭނާ މަރުވެފައިވަނީ މިރޭ ހަތަކުން ފެށޭ ޑިއުޓީއަށް ދިޔަ މަގުމަތީގައި. އޭނާ ލަސްވެގެން ހަތަކުން ޑިއުޓީ ނިމޭ މީހާވެސް އޭނާއަށް ވަރަށްގުޅި. އަދި ކުންފުނީގެ އައްޑޫ ވެރިމީހާވެސް ގުޅި. އެކަމަކު ފޯނެއްނުނަގައިގެން ހަތަކުން އޮތް ދަތުރުވެސްކުރީ މިހާރު ޑިއުޓީގައިހުރިމީހާ. އޭނާ މަރުވިކަން އެނގުނީ އޭނާގެ ޚަބަރެއް ނުވެގެން މަސައްކަތް ކުރަމުންދަނިކޮށް،" ލިއޯ ކުންފުނީގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

އޭނާ ބުނީ ރިޔާޒަކީ ގަޑިޖެހުމުގެ ދިހަމިނިޓް ކުރިން އަބަދުވެސް ޑިއުޓީއަށް އަންނަ މީހެއް ކަމަށެވެ. އެހެންނަމަވެސް މިއަދު ލަސްވެގެން ބޮޑުމީހާވެސް އޭނާއަށް 6:54 ގައި ގުޅި ކަމަށެވެ. ރިޔާޒަކީ ވަރަށް ފަހުން ލިއޯގައި މަސައްކަތްކުރަން ފެށި މީހެއް ކަމަށްވެސް މައުލޫމާތު ދިން މީހާބުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި ރިޔާޒުގެ ހަށިގަނޑަށްވަނީ ވަރަށްބޮޑެތި ގެއްލުންވެފައެވެ. ގުވަންތަކަށްވެސް ވަރަށް ބޮޑަށް އަނިޔާވެ ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދިވެސް އެކްސިޑެންޓް ހިންގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.