އަންނަ އަހަރުގެ ބަޖެޓުން މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިޤްތިޞާދީ ދާއިރާއިން ކުރުމަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދުގައި" ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިޤްތިޞާދީ ހަރަކާތްތައް ރޭވިފައި ވަނީ ޓޫރިޒަމަށް ބަރޯސާވެފައި އޮތްއޮތުން ކުޑަކޮށް އިޤްތިޞާދު ފުޅާކުރުމަށް ކަމަށެވެ. އެގޮތުން މަސްވެރިކަމަށް ބޮޑެތި އިންވެސްޓް މަންޓްތަކެއް ރޭވިފައިވާކަން ފާހަގަކުރެއްވިއެވެ. އޭގެތެރާގައި ރާއްޖޭގެ މަސްވެރިކަން މާރކެޓްކޮށް މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިކަމަށް މިޒަމާނާ ގުޅާ އުޅަނދެއް ފަރުމާކޮށް ނެރުންވެސް ހިމެނެއެވެ. މީގެ އިތުރުން ގިނަ ދުވަހު މަސްވެރިންނަށް މަހަށް ނުކުމެ އުޅެވޭ ފަދަ އުޅަނދެއް ހޯދައި ތަޖުރިބާކުރުމުގެ ގޮތުން އެއުޅަނދުގައި އީއީޒެޑްގެ މަސްވެރިކަން ފެށުންވެސް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މަސްވެރިކަން ތަރައްގީ ކުރުމުގެ ގޮތުން އަންނަ އަހަރު މިފްކޯއަށް 30 މިލިއަނާ 40 މިލިއަނާ ދެމެދުގެ އަދަދަށް ޑޮލަރު އިންވެސްޓް ކުރުމަށް ހަމައްޖައްސަވައިފައި ވާކަމަށް ވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
" މަސްވެރިކަމުން އެންމެ ރަނގަޅު ނަފާ ހޯދައި ދިނުމަށް މިފްކޯއަށް ވަރަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރާނެ. މިއޮތްހާ ޒަމާނުގައި ވެފައި އޮތް ގޮތަކީ، ސަރުކާރުތަކުން މިފްކޯއަށް އިންވެސްޓްކޮށްފައެއް ނެތް. ރަނގަޅު ބޯޓުގަނޑެއް ވެސް ނެތް. މިފްކޯއިން މަސްކިރާ ސްޓޯ ކުރަން ހުންނަ ބޯޓަށް ވުރެ މިހާރު މަސްވެރިން ގެންގުޅޭ ދޯނި ބޮޑު. އެހާލަތުގައި މިއޮތީ. ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ ހުރީ 5500 ޓަނުވަރު." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިފްކޯއިން މަސް ގަންނަނީ މާކެޓްގައި ހުންނަ އަގަށްވުރެ ބޮޑުކޮށް ކަމަށެވެ. އެހެންކަމުން ގަންނަ ހިސާބުން ވެސް ގެއްލުންވާކަމަށެވެ. ނަމަވެސް އެކަން އެހެން ކުރަމުން އައީ އިޖްތިމާއީ ގޮތުން މުހިންމު ކަމަކަށްވާތީ ކަމަށް ފާހަގަ ކުރެއްވިއެވެ. ސްޓޯ ކުރެވޭނެ ގޮތްނެތުމުން އިތުރަށް ގެއްލުން ވަމުންދާކަން ވެސް ފާހަގަ ކުރެއްވިއެވެ.
"އިތުރު ގެއްލުންވޭ، ފުރަތަމަ ބޮޑު އަގުގައި ގަނެފައި ސްޓޯ ކުރެވޭކަށް ނުހުރޭ. ސްޓޯކުރެވޭނެ ގޮތެއް ނެތުމުން އެއް ކޮޅުން ގަނެފައި އަނެއް ކޮޅުން އުކާލަން ޖެހެނީ. ބޭންކޮކަށް ފޮނުވަން މިޖެހެނީ، ބެހެއްޓޭނެ ގޮތެއް ނެތުމުން އެމީހުން ބުނި އަގެއްގައި ވިއްކަން ޖެހެނީ." މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ސްޓޯރޭޖް ކެޕޭސިޓީ 12 ހާސްޓަނު އިތުރުކުރުމަށް ކަނޑައެޅިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފެލިވަރުގައި 4000 ޓަނާއި ކޫއްޑޫގައި އިތުރު 2000 ޓަނު ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރެވޭނެކަމަށް ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ކުރީ ސަރުކާރުން ގާއިމްކުރި 1500 ޓަނާއި މިހާރުހުރި ކެޕޭސިޓީއާއެކު އިތުރު ހަހާސް ޓަނު ގެ ކެޕޭސިޓީ ގާއިމް ކުރުމުން 11500 ޓަނާ ހިސާބަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުވެގެން ދާނެކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން ފެލިވަރު ކޭނިން ކެޕޭސިޓީ އިތުރުކުރުމަށްވެސް އިންވެސްޓް ކުރުމަށް ހަމެޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތާޒާ އަދި ފްރޯޒަން މަސް ބޭރުކުރުން ހުއްޓާލައި، ސަތޭކަ ޕަސަންޓް ދަޅުމަސް ނުވަތަ އެނޫން ގޮތްގޮތަށްވެސް ވެލިޔު އެޑްކޮށްގެން ދިވެހި ކަނޑުމަހަށް ފުރިހަމަ އަގު ހޯދުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިޒަމާނަށް ފެތޭ އާ މަސްއޮޑިއެއް ޑިޒައިން ކުރުމުގެ ކޮންސަލްޓެންސީއަކަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށެވެ. އެއުޅަނދުގައި މަސް ފިނިކުރާނެ ނިޒާމާއި އެނޫންވެސް ޒަމާނަށް ފެތޭ ވަޞީލަތްތައް ގާއިމްކުރެވޭނެކަމަށެވެ. މިފަދަ މަސްވެރިކަމުގެ ޒަމާނީ އުޅަނދުތަކެއް ތައްޔާރުކޮށް މަސްވެރިންނަށް ލިބޭ އިންތިޒާމު ހަމަޖައްސަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
އީއީޒެޑްގައި ދިވެހިން މަސްވެރިކަން ކުރާނެ ގޮތެއް ހޯދަން، ގިނަ ދުވަހު މަސްވެރިކަމުގައި އުޅެވޭކަހަލަ ބޯޓެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ޖަޕާނުން އެފަދަ ބޯޓެއް ހޯދައި އަޖުމަ ބެލުމަށް ފަޅުވެރިންގެ ގޮތުގައި ދިވެހިން ލައިގެން މިފްކޯއިން އެއުޅަނދުގައި މަސްވެރިކަން ކުރުމަށް ރާވައިފައވާކަމަށް ވެސް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"މިފްކޯ އަކީ އޮޑިވެރިޔާ، ފަޅުވެރިންނަށް ލިބޭނީ މަސްބައި ބަހާގޮތަށް ފުދޭވަރެއްގެ ބޮޑު މަންފާއެއް." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މަސްވެރިކަން އިތުރަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރެވޭނީ ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެއްވިއެވެ.