(9 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިނގިރޭސިން ރޭވި ނުލަފާ ރޭވުންތައް
ބޮޑު ހަނގުރާމައިގެ ކުރީއްސުރެ ވެސް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް މިޞްރު ގައި ބްރިޓިޝް ހައިކޮމިޝަނަރ އެއްގެ ގޮތުގައި އިނގިރޭސިން ބަހައްޓާފައި ހުރީ ސިޔާސީ ގޮތުން ވަރަށް ތަޖްރިބާ ހުރި، އިނގިރޭސި ޑިޕްލޮމޭޓެއް ކަމުގައިވާ ސަރ ހެންރީ މެކްމަހަން (SIR HENRY MCMAHON, 28 NOV 1862 – 29 DEC 1949) އެވެ. އެވަޒީފާގައި ހުންނެވީ، 1915 އިން ފެށިގެން، 1917 އަށެވެ. ކުރިން މީނާ އަކީ އިންޑިޔާގެ ޢަސްކަރިއްޔާ ގައި އިނގިރޭސިންގެ ފަރާތުން ޚިދުމަތް ކުރެއްވި އިނގިރޭސިން ވަރަށް އިތުބާރު ކުރާ އަދި ބޮޑު ވަޒީރުގެ ވަރަށް އަރިސް ބޭފުޅެކެވެ. ބްރިޓިޝް އިންޑިޔާގެ އެޑްމިނިސްޓޭޓަރ ކަމާއި ބްލޯޗިސްތާނު ގައި ޗީފްކޮމިޝަނަރ އެއްގެ މަޤާމް އަދާކުރައްވާ ފައިވާ ގަދަފަދަ ހަރުކަށި ޢަސްކަރީ ބޭފުޅެކެވެ. އަދި މީނާއަކީ، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި ހުރި އިސްލާމުންގެ ބިންތަކަށް ގަދަވެގަނެ، ވެރިވުމަށާއި އެބިންތަކުގެ ސިޔާސީ ހައިސިއްޔަތު ތައް ކަނޑައެޅުމަށް އިނގިރޭސި ބާރުން ހަވާލު ކޮށްފައިވާ މޭސްތިރިޔާ އެވެ. އެހެން ވުމާއެކު މީނާގެ ޒިންމާ އިދާރީގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ފުރިހަމައަށް އަދާ ކުރަމުން ގެންދިޔައެވެ. އިނގިރޭސި ބާރުން އަންގަމުން ދިޔަ ގޮތަށް މީނާގެ މަސައްކަތް ތޫނުފިލި ކަމާއެކު ބާރަށް ކުރިޔަށް ގެންދިޔައެވެ. އިސްލާމުން ބައިބައިކޮށް ވެރިކަން ކުރުމަށް ސިއްރު ޕްލޭންތަކެއް ރާވައިދީ އަދި ސިއްރު ވަޢްދު ތަކެއް ވަމުން ގެންދިޔައެވެ. މުސްލިމުންގެ ތެރޭގައި ޤައުމިއްޔަތާއި ވަޠޮނިއްޔަތު ދިރުވުމުގެ ނަމުގައި އިނގިރޭސިންގެ މަދަދާއި އެހީގައި ހެދިފައި ހުރި ޖަމްޢިއްޔާތައް މެދުވެރިކޮށް ސިޔާސީ ގޮތުން ވަރަށް އިސް ރޯލެއް އަދާކުރެއްވި އެވެ. ޙުރުމަތް ވެގެންވާ ދެޙަރަމް ފުޅު ބެލެހެއްޓުމަށް ޒަމާންތަކެއް ވަންދެން ތިއްބެވި ޝަރީފުންނާއި އަމީރުންގެ ހިތްޕުޅުތަކަށް ޢަރަބި ޤައުމިއްޔަތާއި ވަޠޮނިއްޔަތުގެ ވިސްނުމާއި ފިކުރު ވެއްދުވިއެވެ. ޢަރަބިންނަށް މިލްކުވެގެންވާ ޢަރަބި ބޮޑު ދައުލަތެއްގެ ހުވަފެން ދެއްކިއެވެ. ޢުޘްމާނީ ޚިލާފަތުން ވަކިވެ، އަމިއްލަ ވަކިވެރިކަމެއް އުފެއްދުމުގެ ވާހަކަތައް ފާޅުކޮށާއި ސިއްރުން ދެކެވެން ފެށީއެވެ.
އަދި ދުރާލައި ރޭވުމަށް ފަހު، ސިޔާސީ ހަރުދަނާ ވިސްނުން ތަކަކާ އެކު، މައްކާގެ ޝަރީފް ނުވަތަ މައްކާގެ އަމީރު ކަމުގައި ހުންނެވި، ޙުސައިން ބިން ޢަލީ އަލްހާޝިމީ އާއެކު ރަސްމީކޮށް ލިޔެ ކިޔުމުންނާއި ނުރަސްމީކޮށް ވާހަކަތައް ދެކެވުނެވެ. އަދި މިޒިންމާތައް ތަންފީޒު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ހިންގުމަށް މެކްމަހަން އޭނާގެ ވަރަށް ގާތް އަރިސް ރަހްމަތްތެރި އަކު ކަމުގައިވާ ލޯރަންސް އޭ ކިޔުނު އިނގިރޭސި އަކު މައްކާ އަށް، ޝާހީ ޢާއިލާ އައި ގުޅުން އުފެއްދުމަށް، މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައި ފޮނުވިއެވެ. މައްކާގައި ލޯރެންސްގެ މިސިއްރު މަސައްކަތް ފުރިހަމައަށް ކާމިޔާބު ކުރިއެވެ. ނަތީޖާ ހޯދިއެވެ. އަދި މައްކާގެ ޢަރަބިން އުޘްމާނީ ޚިލާފަތާ ދެކޮޅަށް ފާޅުގައި ނުކުމެ ހަނގުރާމަ ކުރީ، އިނގިރޭސިންގެ ނުލަފާ މިރޭވުންތަކުގެ ދަށުންނެވެ. އެމަޅީގައި މައްކާގެ އަރަބިން ރީތިކޮށް ޖެހިގެންނެވެ. މުސްތަޤިއްލު ޢަރަބި ދަޢްލަތެއްގެ ރަސްކަމުގެ ދަހިވެތި ކަމުގައެވެ.
މައްކާ ޝަރީފް
މައްކާ ޝަރީފްގެ ނަންފުޅަކީ، ޙުސައިން ބިން ޢަލީ އަލްހާޝިމީ (HUSSEIN BIN ALI AL-HASHIMI, 1854 – 4 JUN 1931) އެވެ. މިބޭފުޅާ މައްކާ ޝަރީފް އެއްގެ ނުވަތަ އަމީރެއްގެ ގޮތުގައި ހުންނެވީ، 1908 އިން ފެށިގެން، 1924 އަށެވެ. އަދި، ބޮޑު ހަނގުރާމަ ތެރޭގައި، 10 ޖޫން 1916 އިން ފެށިގެން ޙިޖާޒުގެ ރަސްގެފާނުގެ ގޮތުގައި މުސްތަޤިއްލު ޢަރަބި ރަސްކަމެއް އިއުލާނު ކުރެއްވިއެވެ. ޙިޖާޒުގެ ރަސްކަމުގައި، 3 އޮކްޓޯބަރ 1924 އައި ހަމައަށް ހުންނެވިއެވެ. އެއަށް ފަހު، އެރަސްކަން ދަރިކަލުން، ޢަލީ ބިން ޙުސައިން އައި ޙަވާލް ކުރެއްވީއެވެ. އަދި، 1916 އިން ފެށިގެން ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް އިނގިރޭސިންގެ އެހީއާއި މަދަދާއެކު އުފެއްދިގެން ދިޔަ، ޢަރަބި ޤައުމިއްޔަތާއި ވަތޮނިއްޔަތު ފަތުރާއި ދިރުވުމުގެ އެކިއެކި މަސައްކަތުގައި އަވަދިނެތި އުޅުއްވިއެވެ. ޖަމާއަތްތަކާއި ޖަމްޢިއްޔާތަކާއި ޤަބީލާތައް ސިޔާސީ ގޮތުން ޢަމަލީ ކުއްލި ހަރަކާތަށް ގެނައެވެ. ދޮރުންދޮރަށް މި ހަރަކާތްތައް ހިނގުނެވެ. ނަތީޖާ އަކަށްވީ، އިސްލާމީ ޚިލާފަތާ ދެކޮޅަށް ޢަރަބި ވަންތަ ވަތޮނީ ހަނގުރާމައެއް، ލޯރެންސްގެ އެހީއާއި މަދަދުގައި ޢަމަލީގޮތުން ކުރިޔަށް ގެންދަން ފެށީއެވެ. އިސްލާމީ އުންމަތުގެ އެތެރޭގައި ދާޚިލީ ހަނގުރާމަތަކެއް ފެށީއެވެ. އެއީ، 1916 އިން ފެށިގެން، 1918 އަށެވެ. މިދުވަސް ވަރު ރަސްގެފާނު ހުންނެވީ، ސުލްޠޯން އޮފް އެރަބްސް ގެ ނަމުގައެވެ. ޢަރަބިންގެ މާތްވެގެންވާ ރަސްގެފާނެއްގެ ގޮތުގައެވެ. އެއައްފަހު، އިސްލާމީ ޚިލާފަތު ތުރުކީ ޕާލަމެންޓުން، 3 މާރޗް 1924 ގައި ނިމުމަކަށް ގެނައުމުން ދޮށީ ދަރިކަލުން، ޢަލީ ބިން ޙުސައިން އަކީ، މުސްލިމުންގެ ޚަލީފާއެއް ކަމުގައި އަމިއްލަފުޅަށް ވިދާޅުވަމުން ގެންދެވީއެވެ. މައްކާ ޝަރީފް ކުޅުއްވި ދައްރަކީ މިއެވެ. އިނގިރޭސިންނާއި އިނގިރޭސި އެޖެންޓްގެ އަވާގައިޖެހި ގެނބިގެންގޮސް އިސްލާމީ އުންމަތުގެ އެއްބައި ވަންތަކަމަށް ވުރެ ބޮޑަށް އަމިއްލަ ރަސްކަމެއްގެ މާތްވެގެންވާ ރަސްކަލަކަށް ތަޛްތުގައި ވޮޑުވުމުގެ ޝަރަފް ލިބިގަތީއެވެ.
އާދެ! މައްކާގެ ޝަރީފް އަކީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ، 40 ވަނަ ދަރިކޮޅުން ވަޑައިގެން ހުންނެވި، ހާޝިމީ ވަންހައިގެ ބޭފުޅެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިން ފެށިގެން، 700 އަހަރު ވަންދެން މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ބަލަހައްޓަވަމުން ގެންދަވާފައި ވަނީ، މިޢާއިލާ އިންނެވެ. އެހެންވެ މުޅި އިސްލާމީ ޚިލާފަތުގައި ވެސް، މިކަން ދެމިގެން ގޮސްފައި ވަނީ، ހަމަ މިގޮތަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢާއިލާއަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން، އެއްވެސް ޚަލީފާއަކު މިކަމަށް ބަދަލެއް ނުގެންނަވައެވެ. މިމާތްކަން އެޢާއިލާއަށް ސިލްސިލާއެއްހެން ދެމިގެންދާ ގޮތަށް ބޭއްވެވީ އެވެ.
އާދެ! ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، 1916 ގައި ޚިލާފަތު ތެރޭގައި އުފެދުނު ތުރުކީގެ ޤައްމިއްޔަތާއި ވަތޮނިއްޔަތު ދިރުވުމުގެ ހަރަކާތްތަކާއި މައްކާގެ ޝަރީފް ޙުސައިންގެ ބޭފުޅުންނާއި އިނގިރޭސިންނާ ގުޅުން އުފެދި ބަދަހިވެ، ޙިޖާޒު ކަރާގައި ވެސް ޢަރަބިންގެ ޤައްމިއްޔަތާއި ވަތޮނިއްޔަތު ދިރުވާއި ކުރިއެރުވުމުގެ ގަދަ އޮއިވަރެއް، ލޯރެންސްގެ މަދަދާއި އެހީގައި ހިނގައި ގަތެވެ. މިހުރިހާ ކަމެއް ހިންގީ، އިނގިރޭސިން އަޑީގައި ތިބެގެންނެވެ. ވަރަށް ބުއްދި ވެރިކަމާއެކު އެމުޖްތަމަޢަކާ ގުޅޭގޮތުގެ މަތިން ރާވައިގެން ނެވެ.
ބޮޑު ހަނގުރާމައިގެ މާކުރިން ވެސް މައްކާ ޝަރީފް ޙުސައިން، ޢުޘްމާނީ ޚިލާފަތާ ވަކިވުމުގެ ޚިޔާލު، އިނގިރޭސިން ނަށް ހުށަހެޅުއްވި ކަމުގެ ހެކިތައް މިހާރު، އިނގިރޭސި ޢަރުޝީފުގައި ފެންނަން އެބަހުއްޓެވެ. އޭރު އެދުވަސް ވަރު، އިނގިރޭސިންގެ މާބޮޑު އެދުމެއް ނެތުމުން އެކަމާ އަޅާނުލައި މަޑުން ތިބެފައި، ބޮޑު ހަނގުރާމަ ފެށުމުން، ޚިލާފަތާ ދެކޮޅަށް ޢަރަބި ޝާހީ ޢާއިލާގެ ޒުވާނުން ސިޔާސީގޮތުން ހަރަކާތްތެރި ކުރުވައި، ޢަރަބި ހަނގުރާމައެއް، އިސްލާމީ ޚިލާފަތުގެ ތެރޭގައި ލޯރެންސް ލައްވާ އަމަލީގޮތުން ފެއްޓުވީއެވެ. ޢަރަބިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ ދުނިޔެއަށް މަޝްހޫރު، ޓީ.އޯ ލޯރެންސްގެ ވާހަކަ ފަހުން ގެންނާނަމެވެ. إن شاء الله!
އާދެ! އެދުވަސްވަރު ނަޖްދުކަރާގައި ހަމަ އިނގިރޭސިންގެ ރުހުމާއި މަދަދާއެކު، ޢަބްދުލް ޢަޒީޒު އާލުސުޢޫދް ގެ ދަރިކޮޅާއި ޙިޖާޒުކަރައިގެ ރަސްގެފާނު ޙުސައިން ބިން ޢަލީ ގެ ދަރިކޮޅައި ދެމެދު، ސިޔާސީ ހަމަނުޖެހުން ތަކެއް މެދުވެރިވެ މައްސަލަތަކެއް ހިލިގެން ދިޔައެވެ. މިކަމުގެ އަޑީގައި ވެސް ފޮރުވިގެން ތިބީ، ފަރަންޖީ އިނގިރޭސިންނެވެ. އެއްފަހަރައި ޙިޖާޒު ކަރައިގެ ވެރިންނާއި ނަޖްދުކަރައިގެ ވެރިންނާ އެކު ޑަބްލް ޑީލްތައް ސިއްރުން ހަދަމުން ގެންދިޔައެވެ. އަދި މިދެފަރާތައި ދެމެދު ހަނގުރާމަ ކުރެވި، ޙިޖާޒުކަރައިގެ ޖިއްދާއާއި މައްކާ އާއި މަދީނާ، އާލުސުޢޫދުގެ ޢަސްކަރީ ލަޝްކަރުގެ ދަށަށް، 1932 ގައި ވެއްޓިގެން ދިޔައީ އެވެ. އެތެރޭގެ ދާޚިލީ ހަނގުރާމަ ފެށި، ޙަމަލާތައް ގަދަވުމުން، 1924 ގައި ދަރިކަލުން، ޢަލި ބިން ޙުސައިން އައި، ޙިޖާޒުކަރައިގެ ރަސްކަން ހަވާލުކުރެއް ވުމަށް ފަހު، މައްކާ ޝަރީފް ޙުސައިން ފުރާ ވަޑައިގަތީ، ޤުބްރުޞް (CYPRUS) އަށެވެ. ދެން ފަހުން ވަޑައިގަތީ، އަނެއް ދަރިކަލުން، ޢަބްދުﷲ އެކެއް ބިން ޙުސައިން ރަސްކަމުގައި ހުންނެވި، ޓްރާންސް ޖޯރޑަންގެ ވެރިރަށް އައްމާން އަށެވެ. ފަހެ، އަވަހާރަވީ ޖޯރޑަންގެ ވެރިރަށް އަންމާނުގައެވެ. އަދި ފަސްދާނު ލެވުނީ، 1931 ގައި ޤުދުސް ގައެވެ. ފަހެ، އިނގިރޭސިންގެ ނުލަފާ ރޭވުމުގެ ދަށުން އަބަދުވެސް ހަނގުރާމަ ކުރަން މިޖެހެނީ މުސްލިމުން ނާއި މުސްލިމުން ނެވެ. އެމީހުން ހަތިޔާރާއި ފައިސާ ދީފައި މަންޒަރުބަލަން ތިބެނީއެވެ. އިސްލާމީ ޚިލާފަތާއި މައްކާ ޝަރީފްއައި ހަނގުރާމަ ކުރުވާއި އާލު ސުޢޫދާއި މައްކާގެ ޝަރީފް ޢާއިލާއައި ދެމެދު ވެސް ހަނގުރާމަ ކުރުވައި އިސްލާމީ އުންމަތް ބައިބައި ކޮށްލީ މިބީދައިން އިނގިރޭސިން އަޑީގައި ތިބެގެންނެވެ.
މައްކާ ޝަރީފްގެ ތިން ބޭފުޅުން
ޢަލީ ބިން ޙުސައިން
މައްކާ ޝަރީފްގެ ދޮށީ ދަރިކަލުން ނަކީ، ޢަލީ ބިން ޙުސައިން (ALI BIN HUSSEIN, FEB 1882 – 20 JUL 1951) އެވެ. މިބޭފުޅާގެ ބައްޕާފުޅަށް ފަހު، މިބޭފުޅާ، 3 އޮކްޓޯބަރ 1924 އިން ފެށިގެން، 19 ޑިސެންބަރ 1925 އައި ހަމައަށް މައްކާ ޝަރީފް ކަމާއި ޙިޖާޒުކަރައިގެ ރަސްކަން ކުރެއްވިއެވެ. ޢަލީ ބިން ޙުސައިން އަކީ ބައްޕާފުޅަށް ފަހު، މުޅިޙިޖާޒުގެ ރަސްގެފާނެވެ. ބައްޕާފުޅުގެ ފަރާތްޕުޅުން އިސްލާމީ އުންމަތުގެ ރަސްގެފާނަށް ވާތީވެ، އިސްލާމީ ޚިލާފަތަށް ނިސްބަތްކޮށް އަމިއްލަފުޅަށް ޚަލީފާ ކަމުގެ ދަރަޖަ ދުވަސްކޮޅެއް ވަންދެން ލިބިގަނެގެން ގެންގުޅުއްވިއެވެ. އެހެނަސް އެލަޤަބުވެގެން ދިޔައީ ހުސް ނަންފުޅަކަށެވެ. އެހެންކަމެއް ނެތެވެ. ބަލާގަތް ފަރާތެއް ނެތެވެ. އެކަމާއަޅާލި ފަރާތެއް ނުވިއެވެ. ފަހެ، މާގިނަ އަހަރުތަކެއްނުވެ ޙިޖާޒުކަރަ، އާލުސުޢޫދުގެ ދަށަށް ވެއްޓި، ސަޢޫދީ ޢަރަބިއްޔާ އުފެދުމުން، ޢަލީ ބިން ޙުސައިން އާއި ޢާއިލާ އެކުގައި ކޮއްކޯފުޅު ރަސްކަމުގައި ހުންނެވި ކަރަ ކަމުގައިވާ، ޢިރާޤަށް ވަޑައިގަތީއެވެ. ރަސްމީކޮށް އަލްމަމްލަކަތުލް ޢަރަބިއްޔަތުލް ސަޢޫދިޔާ އުފެދުނީ، 23 ސެޕްޓެންބަރ 1932 ގައި ޙިޖާޒުކަރައާއި ނަޖްދުކަރަ އިއްތިހާދުވެ ގުޅިގެންނެވެ. ފައުންޑަރަކީ، ޢަބްދުލް ޢަޒީޒު އާލްސުޢޫދް (15 JAN 1876 – 9 NOV 1953) އެވެ. އެބޭފުޅާ މަޝްހޫރު ވެފައި ވަނީ، އިބްނު ސަޢޫދުގެ ނަމުންނެވެ.
އާދެ! ޢަލީ ބިން ޙުސައިން އަވަހާރަވީ، ޢިރާޤްގެ ބަޣްދާދު ގައެވެ. އޭރު ޢިރާޤްގެ ރަސްކަލަކީ، ޢަލީ ބިން ޙުސައިންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ފައިޞަލް ބިން ޙުސައިން އެވެ. ޢަލީ ބިން ޙުސައިން ދުނިޔެ ދޫކުރެއްވީ، އެއްދަރި ކަލަކާއި ހަތަރު ދަރިކަނބަލުން ދުނިޔެއަށް ދޫކުރައްވާ ފައެވެ.
ޢަބްދުﷲ ބިން ޙުސައިން
މައްކާ ޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލަކީ، ޢަބްދުﷲ އެކެއް ބިން ޙުސައިން (ABDULLAH 1 BIN HUSSEIN, FEB 1882 – 20 JUL 1951) އެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ޢަބްދުﷲ އެކެއް އަށް އިނގިރޭސިން ދިނީ، ޓްރާންސް ޖޯރޑަން އެވެ. އެއީ ޢުރުދަން އެވެ. ޢަބްދުﷲ އެކެއް އަކީ، ފުރަތަމަ ކިންގް އޮފް ޖޯރޑަން އެވެ. ޢަބްދުﷲ އަކީ، އޭނާގެ ބައްޕާފުޅު މައްކާ ޝަރީފްއާއި މިޞްރުގައި ހުންނެވި އިނގިރޭސި ސަފީރު، ސަރ މެކްމަހަން އައި ރައްޓެހިކޮށް ރަހްމަތްތެރިކަމުގެ ގުޅުން ގުޅުވައިދިން މެދުވެރި އެއްގެބައި އެންމެ ބޮޑަށް ކުޅެދެއްވި ބޭފުޅާއެވެ. އަދި އިނގިރޭސި ގޮރެއްލާ ހަނގުރާމަ ވެރިއެއް ކަމުގައިވާ، ޓީއީ ލޯރެންސްއާ އެކު، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ކުރެވުނު ޢަރަބި ހަނގުރާމައިގާ އެންމެ އިސްކޮށް އަމަލީގޮތުން އުޅުއްވި ރަސްގެފާނެވެ. ފަހެ، މިޢަބްދުﷲ އަކީ، އިނގިރޭސިން ސޫރިޔާގެ ބިމުން، ބައެއްނަގާފައި ޓްރާންސް ޖޯރޑަން އުފެއްދުމަށް ފަހު، 1921 އިން ފެށިގެން، 1941 އަށް ރަސްކަމުގައި ވެޑުވި ރަސްކަލެވެ. ޖޯރޑަން އިނގިރޭސިންގެ ގޮނޑިކޮއްކޮ އަކަށް ވެގެން ދިޔައީ މިހާ ހިސާބުންނެވެ. އެބިމަކީ މިދަރިކޮޅަށް އިނގިރޭސިން ނަގައިދީފައިވާ ބިންކޮޅެކެވެ. އާދެ! މުޅިން އާރަށެއް ޖޯރޑަންގެ ނަމުންނަން ކިޔާފައި އަބްދުﷲ އަށް އުފައްދައި ދިނީއެވެ. މިރަށަށް ފުރަތަމަ ކިޔުނު ނަމަކީ، ޓްރާންސް ޖޯޑަން (TRANCE JORDEN) އެވެ. ޓްރާންސް ޖޯރޑަންގެ ވާހަކަ ފަހުން ގެނެސްދޭ ނަމެވެ. إن شاءالله!
އަދި، ހާޝިމީ ކިންގްޑޮމް އޮފް ޖޯރޑަން (HASHEMITE KINGDOM OF JORDAN) އުފެދުމަށް ފަހު ވެސް، 1946 އިން ފެށިގެން، 1951 އަށް ރަސްކަން ކުރެއްވީ ވެސް، މިޢަބްދުﷲ އެކެއް އެވެ. ޢަބްދުﷲ އެކެއް އަވަހާރަވީ، 20 ޖުލައި 1951 ގައި، ޢުމުރު ފުޅުން، 69 އަހަރު ގައި ޤުދުސްގެ މަސްޖިދުލް އަޤްޞާއަށް އަށް ކުރެއްވި ޒިޔާރަތެއް ގައި ފަލަސްޠީނު މީހެއް ފޮނުވާލި ވަޒަނެއް އަރައި ގެންނެވެ. މިސްކިތަށް ހުކުރަށް ވަޑައިގެންނެވި މަގުމަތީގައެވެ. ޢަބްދުﷲ ގެ ކާފަ ދަރިކަލުން، ޒުވާން ޙުސައިން ބިން ޠޮލާލް އެދުވަހު އަރިހުގައި ހުންނެވިއެވެ. އެހެނަސް، 15 އަހަރުގެ ޙުސައިން ބިން ޠޮލާލް އަވަހާރަ ނުވެ ސަލާމަތްވީ، ކާފަ ހަދިޔާއަކަށް ދެއްވާފައިވާ ރަނުގެ މެޑަލްއެއް މޭމަތިގައި ޖަހާފައި އިންދައި އެމެޑަލްގައި ވަޒަނެއް ޖެހި، ހަށިގަނޑަށް ނޭރުމުންނެވެ. ޢަބްދުﷲގެ ދަރިކަލުން، ޠޮލާލް އަށް ފަހު، ޖޯރޑަންގެ ވެރިކަން ކުރެއްވީ، މިދެންނެވި ޙުސައިން ރަސްގެފާނެވެ. މިއީ އިނގިރޭސިން ނާއި ވަރަށް ދޯޅު، އަދި އެހާމެ މަޝްހޫރު ރަސްކަލެކެވެ. ޢަބްދުﷲ އެކެއް އަވަހާރަކޮށް ލުމަށް، ފަލަސްޠީނު ޤާތިލް ކަލޭގެ ނިޔަތްގަތީ، ޢަބްދުﷲ އެކެއް ރަސްގެފާނު އިޒްރޭލާއެކު އެއްބަސްވުމެއް ހަދާފާނެ ކަމުގެ އަޑުތަކެއް ފެތުރިފައި އޮތުމުގެ ސަބަބުން އެކަން ވިޔަނުދިނުމުގެ ބޭނުމުގަ ކަމަށް ބުނެވެއެވެ.
ފައިޞަލް ބިން ޙުސައިން
މައްކާ ޝަރީފް ޙުސައިންގެ ތިންވަނަ، އަދި އެންމެހަގު ދަރިކަލުން ނަކީ، ފައިޞަލް ބިން ޙުސައިން ބިން ޢަލީ އަލްހާޝިމީ (FAISAL BIN HUSSEIN BIN ALI AL-HASHIMI, 20 MAY 1885 – 8 SEP 1933) އެވެ. ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސިން، ފައިޞަލް ބިން ޙުސައިން ފުރަތަމަ ބެހެއްޓީ، ޢަރަބި ކިންގްޑޮމް އޮފް ސޫރިޔާގެ ރަސްކަމުގައެވެ. މިއީ، 8 މާޗް 1920 އިން ފެށިގެން، 8 ޖުލައި 1920 އައި ހަމައަށެވެ. އެއީ އިނގިރޭސިން ގްރޭޓަރ ސޫރިޔާގެ ހުވަފެން ދެއްކި ދުވަސްވަރެވެ. އެހެނަސް ކުޑަ ދުވަސްކޮޅަކަށް ފަހު، މިކަން ބަދަލުވެގެން ގޮސް، ޢިރާޤްގެ ރަސްކަލަކަށް، 23 އޯގަސްޓް 1921 އިން ފެށިގެން، އިނގިރޭސިން ވެޑުވީއެވެ. މިގޮތުގެ މަޔިން، 8 ސެޕްޓެންބަރ 1933 އައި ހަމައަށް، ޢިރާޤްގެ ރަސްކަމުގައި ފައިޞަލް ހުންނެވިއެވެ.
އާދެ! މިއީ ބަނޫހާޝިމް ވަންހައަށް ނިސްބަތްވާ ބޭފުޅުންނެވެ. ބަނޫ ހާޝިމްގެ ދަރިފަސްކޮޅު ފެށިފައި ވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުނިކާފާފުޅު، ހާޝިމް އައި ހަމައިންނެވެ. ފަހެ، ފައިޞަލް ބިން ޙުސައިން އުފަންވީ، މައްކާ ގައެވެ. ބޮޑުފުޅުވީ، ޤުސްޠުންޠޫނިޔާ (CONSTANTINPOLE) ގައެވެ. އެއީ މިހާރުގެ އިސްޠަންބޫލް އެވެ. ބައްޕާފުޅު (ޙުސައިން ބިން ޢަލީގެ) އަރިހުން، ލީޑަރޝިޕްގެ ހުނަރާއި ފަންނުތައް އުނގެނި ވަޑައިގަތެވެ. އަދި، 1913 ގައި ޖިއްދާސިޓީގެ ފަރާތުން، ޢުޘްމާނީ ޚިލާފަތުގެ ޕާލިމަންޓުގެ މެންބަރަކަށް ހޮވިވަދައި ގަތެވެ. ފައިޞަލްއަކީ، މައްކާ ޝަރީފް ޙުސައިން ބިން ޢަލީގެ ދަރިކަލުންގެ ތެރެއިން، ޓިއީ ލޯރެންސް އައި އެންމެ ގާތްގުޅުމެއް ބޭއްވި ބޭފުޅާއެވެ. 1916 ގައި ޤުސްޠުންޠޫނިޔާގެ މިޝަނެއްގައި ދެފަހަރެއްގެ މަތިން، ދަމިސްޤް (DAMASCUS) އަށް ވަޑައިގެންނެވި އެވެ. އަދި ޓިއީ ލޯރެންސްގެ އެހީގައި ޢަރަބި ޤައްމިއްޔަތް އާއި ވަޠޮނިއްޔަތު ދިރުވުމުގެ ޖަމްޢިއްޔާ އެއް ކަމުގައިވާ ޖަމްޢިއްޔަތުލް ޢަރަބިއްޔަތުލް ފަތާތު (AL-FATAT, THE YOUNG ARAB SOCIETY) ގެ އިސްވެރިންނައި ބައްދަލު ކުރެއްވިއެވެ. އޭރު އަލްފަތާތުގެ ސެކްޓެރަރީ ޖެނެރަލް އަކީ، މުޙައްމަދު ޢިއްޒަތު ދަރޫޒާ (1888 – 1984) އެވެ. އަލްފަތާތު އަކީ، 1911 ގައި ފްރާންސް ގެ ޕެރިސްގައި ޢަރަބި ޒުވާނުންތަކެއް އިސްވެ ތިބެގެން، ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި ޤައުމިއްޔަތް އާއި ވަޠޮނިއްޔަތު ދިރުވުމަށް، އުފެއްދި ސިއްރު ޖަމާޢަތެކެވެ. ހަރަކާތްތެރި ވަމުން ދިޔައީ ސޫރިޔާގައެވެ. މަޤްޞަދަކީ، ޢުޘްމާނީ ޚިލާފަތު ބަލިކަށި ކުރުމެވެ. އަދި އެގޮތުން ކުރަންޖެހޭ ސިޔާސީ ކަންކަން ރާވައި ހުންގުމެވެ. ފައިޞަލް އައި ފުރަތަމަ، ޓީ.އީ ލޯރެންސް އައި ބައްދަލުވުން ހިނގީ ސޫރިޔާގެ އަލްޙަމްރާ (ALHAMRA) ގައެވެ. އޭރުވެސް ލޯރެންސް އަކީ، އިނގިރޭސި ޢަސްކަރިއްޔާގެ ޖާސޫސީ އޮފިސަރެކެވެ. ބޮޑު ހަނގުރާމަ އަށް ފަހު، މިނިވަން ޢަރަބި ސްޓޭޓެއް އުފެއްދުމުގެ އުންމީދުތަކާއި ވިޝަން އޮތް މީހެކެވެ. މިބައްދަލު ވުމަށް ފަހު މީނާއަކީ، ފައިޞަލްގެ ވަރަށްގާތް ރަހްމަތްތެރި އެކެވެ. އަދި ފައިޞަލް ބައްޕަ ޙުސައިން ބިން ޢަލީގެ ވެސް މާއަރިސް މީހެކެވެ. ފައިޞަލް އަކީ، ބޮޑު ހަނގުރާމަ އަށް ފަހު، ބިންތައް ބަހާއި ވަޢުދުތަކާއި އެއްބަސްވުންތައް ތަންފީޒު ކުރުމަށް، 1919 ގައި ފެރިހުގައި ބޭއްވުނު ޕީސް ކޮންފަރެންސް އަށް ދިޔަ ޢަރަބި ވަފުދުގެ އިސް ވެރިޔާއެވެ. މިކޮންފަރެންސް އަށް، ފައިޞަލް އަރިހުގައި ޓީ.އީ ލޯރެންސް ވެސް ގެންދެވިއެވެ. ބިންތައް ބެހުމާއި ވަޢްދުތައް ފުއްދުމުގެ ހުރިހާކަމެއް ރާވައި ހިންގީ މިކޮންފަރެންސް ގައެވެ.
އާދެ! ޢިރާޤްގެ ރަސްކަމުގައި ހުންނަވާފައި، ފައިޞަލް ރަސްގެފާނު އަވަހާރަވީ، 8 ސެޕްޓެންބަރ 1933 ގައި ޢުމުރުފުޅުން، 48 އަހަރުގައި ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރން (BERN) ގައެވެ. ބުނެވެނީ ހިތްފެއިލް ވެގެން ކަމަށެވެ. ވަޑައިގަތީ އާންމު މެޑިކަލް ޗެކެއް ހެއްދެވުމަށެވެ. އަވަހާރަވީ އިރު، ތިން އަންހެން ދަރިކަލުންނާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި ތިއްބެވިއެވެ. ފިރިހެން ބޭފުޅާ އަކީ، ޣާޒީ ބިން ފައިޞަލް އެވެ. ފައިޞަލް އަށް ފަހު، ޢިރާޤްގެ ރަސްކަން ކުރެއްވީ ޣާޒީ އެވެ. މައްކާ ޝަރީފްގެ ތިން ދަރިކަލުންނަކީ ވެސް ރަސްކަން ކުރެއްވި ރަސްކަލުން ނެވެ. އިނގިރޭސިން ނަށް މިޢާއިލާ ބަލެހެއްޓުން ވަނީ، ބަލަދު އަރާފައެވެ. އެހެންވެ މިބިންތަކުގެ ރަސްކަންތައް އެބޭފުޅުންނައި ހަވާލު ކުރަން ޖެހުނީއެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ޢަލީ ބިން ޙުސައިން އަކީ، ޙިޖާޒުގެ ރަސްގެފާނެވެ. ޢަބްދުﷲ ބިން ޙުސައިން އަކީ، ޖޯރޑަންގެ ރަސްގެ ފާނެވެ. އަދި ޙުސައިން ބިން ޢަލީގެ ހަގުދަރިކަލުން، ފައިޞަލް ބިން ޙުސައިން އަކީ، ޢިރާޤްގެ ރަސްގެފާނެވެ. އިނގިރޭސިން މިކަން މިގޮތަށް ކުރީ، ޤުދުސް ޒައޮނިސްޓު ޔަހޫދީންނަށް ހިބަކޮށް ދިނުމުގެ ބަދަލުގެ ގޮތުން، މައްކާ ޝަރީފް ޙުސައިން ބިން ޢަލީގެ ޢައިލާ ވަޢުދުތަކައި އެއްގޮތަށް ރުއްސާއި އުފާކުރުމަށެވެ. މިކަންކުރީ، މައްކާޝަރީފް ޙުސައިން ބިން ޢަލީ އާއެކު، އިނގިރޭސިން ވެފައިވާ ވަޢްދުތަކުން ބައެއް ނަމަވެސް ފުއްދައި ދިނުމުގެ މަތިވެރި ބޭނުމުގައެވެ. ދެން، އަޅުގަނޑު ޖެހިލާނީ އިނގިރޭސިންގެ ޖާސޫސް، ޓީއީ ލޯރެންސް އައި ދިމާއަށެވެ. (ނުނިމޭ)