(30 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހައިމް ވައިޒްމަން
ހައިން ވައިޒްމަން (CHAIM AZRIEL WEIZMANN, 27 NOV 1874 – 9 NOV 1952) އަކީ، ރަޝިޔަން އެންޕަޔަރ ދަށުގައި ޕޯލެންޑް އޮތް ދުވަސްވަރު، އެރަށަށް އުފަންވި މީހެކެވެ. ބައްޕައަކީ، ލަކުޑި ވިޔަފާރި ވެރިއެކެވެ. ލިބުނު، 15 ދަރިންގެ ތެރެއިން ވައިޒްމަން އަކީ، 3 ވަނަ ދަރިފުޅެވެ. ޢުމުރުން، 11 އަހަރުގައި ހައިސްކޫލަ އަށް ވެއްދިއެވެ. ހައިސްކޫލްގެ ކުރިން ކިޔަވައިދިނީ، ރަށްވެހި އެލަމަންޓްރީ ސްކޫލެއް ގައި ޖުޑޭޒިއަމް އާއި ޢިބްރާނީ (ألعبرانية) ހީބްރޫ ބަހާއި އަމިއްލަ ޘަޤާފަތާއި ވައްޓަފާޅިއެވެ. 1892 ގައި ކެމިސްޓްރީ ކުޔެވުމަށް ޖަރުމަން ވިލާތުގެ ޑަރމްސްޓަރޑް ޕޮލިޓެކްނިކް އިންސްޓިޓިއުޓް އަށް ފޮނުވިއެވެ. އަދި، 1894 ގައި ބާލިން އަށް ބަދަލުވެ، ޓެކްނިކަލް ޔުނިވަރސިޓީ އޮފް ބާލިންއަށް ދިޔައެވެ. ފަހުން، 1897 ގައި ސްވިޓްޒަލޭންޑަށް ބަދަލުވެ، ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ވިއެވެ. އަދި، 1899 ގައި، އޯގަނިކް ކެމިސްޓްރީން ޕީއެޗްޑީ ޙާޞިލް ކުރިއެވެ. އެއަށް ފަހު، ޖެނީވާ ޔުނިވަރސިޓީ ގައި އެސިސްޓަންޓް ލެކްޗަރަރ އަކަށް ޢައްޔަން ކުރެވުނެވެ. ދެން، 1910 ގައި، ވައިޒްމަން އިނގިރޭސި ރައްޔިތަކަށްވެ، 1948 ގައި އިސްރާއީލީ ދައުލަތް އުފެދެންދެން، އިނގިރޭސި ރައްޔިތެއްގެ ޝަރަފްގައި ދެމި ހުންނެވިއެވެ.
އާދެ! 1901 ވަނަ އަހަރުން ފެށިގެން ބާއްވަން ފެއްޓި، ޒައޮނިސްޓުންގެ ހުރިހާ ކޮންފަރެންސް ތަކަށާއި، ހުރިހާ އެއްވުން ތަކެއްގައި ވަރަށް އިސްރޯލެއް ވައިޒްމަން އަދާކުރެއްވި އެވެ. ދަތުރުފަތުރުގެ ސަބަބާހުރެ ހާޒިރު ނުވެވުނީ، 1897 ގައި ސްވިޓްޒަލޭންޑް ގައި ބޭއްވުނު، ޒައޮނިސްޓުންގެ އެންމެފުރަތަމަ ކޮންފަރެންސް އަށެވެ. ފަހެ، ވައިޒްމަން އަކީ، އޯގަނިކް ކެމިސްޓްރީއަށް ވަރަށް ޝައުޤުވެރިކަން ހުންނަ، އެމައިދާނުގައި އަވަދިނެތި ހީވާގިކަމާއި މުރާލިކަމާ އެކު މަސައްކަތް ކުރައްވާ، އެހާމެ ޢިލްމީ، ހުނަރުވެރި ބޭފުޅެކެވެ. އާދަޔާޚިލާފަށް މޮޅު ކެމިސްޓް އެކެވެ. އެކިއެކި ކެމިކަލްސް އަމިއްލަ އަށް އުފައްދާއި ވިއްކުމުގެ ކުޅަދާނަ މާހިރެކެވެ. ދުނިޔޭގެ، 5 ވަނަ ޒައޮނިސްޓް ކޮންގްރެސް އަށް އަމިއްލަ ދާއިރާއާ ގުޅޭގޮތުން މުހިންމު ޕޭޕަރެއް ހުށަހެޅުއްވި އެވެ. ވަރަށް ޚާއްޞަ ގޮތެއްގައި ސައިންސް އާއި އެންޖިނިއަރިންގެ ފީލްޑްގައި ޔަހޫދި ޒައޮނިސްޓުން ކުރިޔަށް ގެންދިއުމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބިނާކޮށެވެ. މިކަރުދާހުގެ ނަތީޖާއެއްގެ ގޮތުން، 1912 ގައި ޓެކްނަން އިސްރާއީލް އިންސްޓިޓިއުޓް އޮފް ޓެކްނޮލެޖީ ޙައިފާގައި ވުޖޫދަށް ގެނެވުނެވެ. 1904 ގައި ވައިޒްމަން އަކީ، ޔުނިވަރސިޓީ އޮފް މަންޗެސްޓަރގެ ކެމިސްޓްރީ ލެކްޗަރަރ އެކެވެ. އިސާހިތަކު މާގިނަ ދުވަހެއްނުވެ، ވައިޒްމަން އިނގިރޭސި ޒައޮނިސްޓުންގެ އެންމެމަތީ ފަޑީގެ އިސްބޭފުޅަކަށް ވެއްޖެއެވެ. ރޮތްޗައިލްޑް ޢާއިލާގެ ރުހުމާއި ލޯބި، އެންމެމަތީ ދަރަޖައަށް ވައިޒްމަން އަށް ލިބިގެން ދިޔައެވެ. ގުޅުން ބަދަހިވެ އެންމެގާތް މީހުންނަށް ވެއްޖެއެވެ. ހަމަ އެދުވަސްވަރު، ޖޭމްސް ބަލްފޯރ މަންޗެސްޓަރ ޑިސްޓްރިކްޓުން ކޮންޒަވޭޓިވް ޕާޓީ، ތަމްސީލްކުރާ އެމްޕީއަކަށް ވުމަށް ކެންޕޭންއަށް ނުކުމެވަޑައި ގަތެވެ. އަދި މިކެންޕޭން ތެރޭގައި ޖޭމްސް ބަލްފޯރ އައި ވައިޒްމަން، ބައްދަލުވެ، ވަރަށްގާތް ގުޅުމެއް އުފެދުނެވެ. އަދި އެލެކްޓޯރަލް ކެންޕޭނުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން، ވަރަށް ގާތްގުޅުމެއް މިދެބޭފުޅުންގެ މެދުގައި އުފެދުނެވެ. ނަތީޖާ އަކަށްވީ، ޖޭމްސް ބަލްފޯރ ވެސް ފަލަސްޠީނުގައި ޔަހޫދި ޒައޮނިސްޓުން ނަށް ޤައްމީވަޠޮނެއް ބިނާކޮށް ދިނުމަށް ރުހި ތާއީދުކޮށް ދިނީއެވެ. އަދި ވަރަށް އެކުގައި، އެއްރޫޙް އެއްގައި، އެމަސައްކަތަށް ވާގިވެރިވެ މަދަދުދޭން ފެށީއެވެ. ވައިޒްމަން އާއި ރޮތްޗައިލްޑް އަކީ، ވަރަށް ބޮޑެތި މުއްސަނދި ސައުދާގަރުން ނެވެ. ހެސްކިޔާފަ ފައިސާ ހުރި ފަރާތްތަކެވެ. އިނގިރޭސި މުޖްތަމަޢުގެ ވަރަށް ބާރުގަދަ ފަތާރްތަކެވެ. ޒައޮނިޒަމްގެ ޙަރަކާތްތައް މުޅި ދުނިޔެއަށް ފަތުރާއި އަމިއްލަ ވަޒަނެއް ފަލަސްޠީން ގައި ބިނާކުރުމަށް ހިންގާ ހަރަކާތްތަކުގެ އެންމެއިސް ވެރިން ކަމުގައި ވެގެން ހިގައްޖެއެވެ.
އާދެ! ވައިޒްމަން ފުރަތަމަ ފަހަރަށް ފަލަސްޠީނު ބިމަށް ޒިޔާރަތްކުރީ، 1907 ގައެވެ. އެދަތުރުގައި ފަލަސްޠީން ގައި ހުންނަވައިގެން ޕަލަސްޓައިން ލޭންޑް ޑިވެލޮޕްމަންޓް ކޮމްޕަނީއެއް އުފެއްދިއެވެ. މަޤްޞަދް އަކީ، ޒައޮނިސްޓުން އެބިމުގައި ގެވެހިވުމަށް ދެކެމުންދިޔަ ހުވަފެންތަކަށް ޢަމަލީ ސިފައެއް ގެނެސް ދިނުމަށް މަގުކޮށުމެވެ. ވައިޒްމަން އަކީ، ކެމިކަލް އެނޖިނޭރަކަށް ވާތީ އާއި ސިޔާސީގޮތުން އަރާހުންނެވި، އެހާމެ އިޖްތިމާޢީ ޝަޚްޞިއްޔަކަށް ވާތީ، އިނގިރޭސި ސަރުކާރުން ވެސް، ވައިޒްމަން ރުއްސަން އިންތިހާއަށް ބޭނުންވެއެވެ. ވައިޒްމަން އަކީ، ބްރިޓިޝް އެޑްމިރަލްޓީސް ލެބޯޓްރީސް ތަކުގެ ހެޑްއެވެ. އިނގިރޭސި ނޭވީންގެ ހަނގުރާމަ މަތީ، މަނަވަރު ތަކުގައި ބޭނުން ކުރެވެމުންދާ ވަޒަންތަކާއި ހަނގުރާމަމަތީ ޖެޓްތަކުގައި ބޭނުންކުރާ ބޮންތަކާއި އެހެނިހެން ހަތިޔާރުތަކުގައި ކެމިކަލްސް ބޭނުން ހިފުމުގަޔާއި މިރޮގުން ހަތިޔާރުތައް އިތުރަށް ތަރައްޤީކޮށް، ޔޫރޭނިއަމް ފައްކާކޮށް ބޭނުން ހިފުމަށް ބޭނުންވާ ކެމިކަލްތައް އުފެއްދުމަށް، ވައިޒްމަންގެ އެހީތެރިކަން އިންތިހާއަށް، އިނގިރޭސި ސަރުކާރަށް ބޭނުންހިފަން މަޖްބޫރެވެ. އެހެންވެ ކޮންމެ އަގެއްދީފައި ވެސް، ވައިޒްމަން ލައްވާ މިކަންކުރުވުމަށް އެނާ ރުއްސަން ޖެހެއެވެ. ފަހެ، ކެމިކަލް ހަތިޔާރުތަކުގެ އަގަށްވާ ފައިސާ ސަރުކާރުން ވައިޒްމަންގެ ކުންފުންޏަށް ދޭންޖެހޭތީވެ، ފައިސާގެ ބަދަލުގައި ވައިޒްމަން ބޭނުންވީ، ބަލްފޯރ ވަޢްދު ފުއްދާށެވެ. އަދި ފަލަސްޠީން ގައި ޒައޮނިސްޓުން ވީހާ އަވަހަށް ރައްވެހިކޮށް ދިނުމަށެވެ. ސަރުކާރުގައި އޭނާއެދުނީ، ފައިސާގެ ބަދަލުގައި އޭނާއަށް މިކަން ވީހާ އަވަހަށް ކޮއްދިނުމަށެވެ. ފައިސާއެއް ބޭނުމެއް ނުވިއެވެ. ބޭނުންވީ ޒައޮނިސްޓުން ވަޒަންވެރިވާނެ އަމިއްލަ ބިމެކެވެ.
އާދެ! ވައިޒްމަންގެ ވަރުގަދަ ސިޔާސަތުގެ ދަށުން، ހާޒަލް މެން ދުވަސް ވަރު، އިނގިރޭސިން ގެންގުޅުނު، އެފްރިކާގެ ޔޫގެންޑާގައި ޔަހޫދީ ވަޒަނެއް ޤައިމުކޮށް ދިނުމުގެ ވިސްނުން ވަނީ، އެކުގައި ހެން ބަދަލުކޮށް ލާފައެވެ. ވައިޒްމަން އާއި ވޯލްޓަރ ރޮތްޗައިލްޑް މެންގެ އާފިކުރުގައި ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ވުޖޫދަށް ގެނެވެން ޖެހޭނީ، މުސްލިމުންގެ ފަލަސްޠީން ގައެވެ. އަލަށް ގެނެވުނު މިފިކުރުގެ ކުރިން، 1900 ގެ އަހަރު ތަކުގައި ތިއޮޑޯރ ހާޒަލް މެންގެ ފިކްރާއި ވިސްނުންތަކައި ގުޅިގެން އިނގިރޭސިންގެ ވިސްނުން އެދުވަސްވަރު ގެންގުޅެފައި ވަނީ، އީސްޓް އެފްރިކާގެ ޔޫގެންޑާއިން ބިމެއް ކަނޑައި ދިނުމަށެވެ. ކުރީގެ މުސްކުޅި ފިކުރާއި އާފިކުރެއް އުޅޭތީ، އެންމެ ފަހުން، 1903 ގައި ހާޒަލް ގްރޫޕުން، މިހަރަކާތުގައި އިސްކޮށް އުޅުނު މީހުން ބޭނުންވީ، ސްވިޓްޒަލޭންޑް ބާޒުލްގައި، 1903 ގައި އޮތް ޒައޮނިސްޓުންގެ، 6 ވަނަ ކޮންގްރެސް އަށް މިކަންތައް އެޖެންޑާކޮށް، ބަހުސްކުރާ ށެވެ. އެންމެންގެ ތާއީދާއެކު ގޮތެއް ނިންމާށެވެ. ކޮންގްރެސްގެ މިބައްދަލުވުން ވެގެންދިޔައީ ހޫނުގަދަކޮށް މިބަހުސް ހިނގި ޖަލްސާއަކަށެވެ. ބަހުސް ހޫނުވީ، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ފަލަސްޠީނު ބިމުގައި ޒައޮނިސްޓުން ނަށް ހޯމްލޭންޑެއް ބިނާ ކުރުމުގެ މައްޗަށެވެ. އަދި ޔޫގެންޑާ ޤަބޫލްކޮށް ފިނަމަ، ފަލަސްޠީން މުޅި ޢުމުރަށް ނުލިބި ހިނގައިދާނެ ކަމުގެ ބިރުއޮތް ކަމުގެ މައްޗަށެވެ. އަދި މާތް ވެގެންވާ، ޤުދުސް އަބަދަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުގެ މައްޗަށެވެ. އަދި އީސްޓް އެފްރިކާ އާއި ހީބްރޫ މުޖްތަމަޢުއާ އެއްވެސް ކަހަލަ ގުޅުމެއް ނެތްކަމުގެ މައްޗަށެވެ. ދެފިކުރުގެ މީހުންގެ ދެމެދުގައި ވަރަށް ހޫނުކޮށް ބަހުސް ހިނގިއެވެ. ރަޝިޔާ ވަފުދު ހޫނުބޮޑު ވެގެން، ޖަލްސާ މެދުކަނޑާ ލާފައި ބޭރަށް ނުކުންނަ ހިސާބަށް މި ބަހުސް ކުރިއަށް ދިޔައެވެ. އެހިސާބުން ދެން ތިބި މީހުންގެ މެދުގައި ވޯޓެއް ނަގައިގެން ނިންމުނީ، އިންވެސްޓިގޭޓަރ ކޮމިޝަނެއް ވީހާ އަވަހަށް އެސަރަޙައްދަށް ފޮނުވައިގެން ރިޕޯޓެއް އެކުލަވާ ލުމަށެވެ. މިކޮމިޝަނުން، އެފްރިކާއަށް ގޮސް ބަލާފައި، ތަޙްޤީޤެއް ހެދުމަށް ފަހު، ގެނައި ރިޕޯޓްގެ ނަތީޖާއަކަށް ދެއްކީ، އެބިމުގައި ވަޙުޝީ ސިންގާތަކުންނާއި އެހެނިހެން ބައިވަރު މަޚްލޫޤާތް ތަކުން ފުރިގެންވާ ނުރައްކާތެރި ބިމެއް ކަމަށެވެ. އެއްގޮތަކަށް ވެސް ޒައޮނިސްޓުން ވަޒަން ވެރިވާން އެކަށީގެންވާ ބިމެއް ނޫންކަމަށެވެ.
ދެން މިމައްސަލަ ހުށަހެޅުނީ، 1905 ވަނަ އަހަރުގައި އޮތް، ޒައޮނިސްޓުންގެ ކޮންގްރެސް އަށެވެ. މިޖަލްސާއިން ފާސްކޮށް ނިންމީ އިނގިރޭސިންގެ ޔޫގެންޑާ މަޝްރޫޢު އަނބުރާރައްދު ކޮށް، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ފަލަސްޠީން ބިމުންގައި ޔަހޫދީ ޒައޮނިސްޓުން ނަށް އަމިއްލަ މިނިވަން މުސްތަޤިއްލު ޤައުމީ ބިމެއް ކޮންމެހެން ވެސް ގައިމުކުރަން ޖެހޭކަމަށެވެ. މިނިންމުމަށް ފަހު، ޒައޮނިޒަމް ޖަމާޢަތްތަކުން ފަލަސްތީނު ބިމުގައި ހޯމްލޭންޑެއް ގައިމުކުރުމުގެ މަސައްކަތް އާރޫޙެއްގައި ފަށައިގަތީއެވެ. އެންމެ ގަދަޔަށް މިމަސައްކަތް ޢަމަލީގޮތުން ކުރެވުނީ، އިނގިރޭސިވިލާތު ގައެވެ. އިސްކޮށް ތިބީ، ރޮތްޗައިލްޑް ޢާއިލާ އާއި ވައިޒްމަން އާއި ޖޭމްސް ބަލްފޯރ އެވެ. މިއެންމެން ވެގެން، މިމަސައްކަތް ކުރިޔަށް ގެންދިޔައީ އިންތިހާއަށް ޖޯޝާއި ފޯރީގައެވެ. ވައިޒްމަން ފެށުނީއްސުރެ ވެސް ގަދައަޅާ ބޭނުންވީ، ޒައޮނިސްޓް ދައުލަތެއް ސީދާ ފަލަސްޠީންގެ މުސްލިމުނެގެ ބިމުގައި ވުޖޫދަށް ގެންނާށެވެ. އެހެންވުމުން، ޖޭމްސް ބަލްފޯރ އަށް މަޖްބޫރުވީ، ވައިޒްމަން އާއެކު މިމަސައްކަތް ކުރިޔަށް ގެންގޮސް ޒައޮނިސްޓް ޔަހޫދީންނަށް މުސްލިމް ފަލަސްޠީން ބިމުން، އަމިއްލަ މިނިވަން ޤައުމީ ވަޒަނެއް ހޯދައި ދިނުމުގެ މަޤްޞަދުގައި، ބަލްފޯރ ވައްދު، ވައިޒްމަން އާއެކު ވާށެވެ. ވަޢްދު ކުރިޔަށް ގެންދާށެވެ.
ޙަޤީޤަތުގައި އިސްލާމުންނާއި އަސްލު ޔަހޫދީންނާ ދެމެދު މާގިނަ މައްސަލަ ތަކެއް އެއް އިރެއްގައި ވެސް ނޯވެއެވެ. މިދެބައި މީހުން އެންމެ ޤަދީމީ ޒްމާނުއްސުރެ ދިރިއުޅެމުން ގެންދިޔައީ އެކުގައެވެ. އެއްބިމެއްގައި އެއް މުޖްތަމަޢެއް ގައެވެ. އަބަދުވެސް ދިރިއުޅެމުން ގެންދިޔައީ އިޚްވާނުންގެ ގޮތުގައެވެ. އެއްބައެއްގެ ގޮތުގައެވެ. އެކިނަބީންގެ ދުވަސްވަރުން ފެށިގެންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުން ފެށިގެން ވެސް އިސްލާމުންނާއި ޔަހޫދީންނާ، އަދި މަސީޙީން ވެސް ދިރިއުޅެމުން ގެންދިޔައީ އެއް މުޖްތަމަޢެއްގެ ތެރޭގައެވެ. އަހްލުބައިތުން، ފޮތްތަކުގެ އަހްލުވެރިންގެ ގޮތުގައެވެ. ސަރަޙައްދީ ޙުދޫގެ މައްސަލަ ތަކެއް ނުޖެއެވެ. ބިމުގެ މައްސަލަތަކެއް ނުޖެހެއެވެ. އަދި ކްރިސްޓިއަނުން ޔަހޫދީންނާ އެކު، އަރާރުންވެ، އެ އަރާރުންގަނޑު ޙައްދުން ނެއްޓިގެން ދާދަނޑިވަޅު ތަކުގައި ޔަހޫދީންނަށް ޙިމާޔަތްދީ އެހީތެރިވަނީ މުސްލިމުންނެވެ. އަދި ޔަހޫދީން ވެސް ވާގިއާއި މަދަދަށް އެދެނީ މުސްލިމުންގެ ގާތުންނެވެ. އެހެން ވުމާއެކު، އަސްލު ޔަހޫދީންނަށް މުސްލިމުންނާ އެކު މުސްލިމުންގެ މުޖްތަމަޢު ތަކުގައި ދިރިއުޅުމަކީ، އޭރު އެއްވެސް މައްސަލައެއް ނޫނެވެ. އިސްލާމީ ދައުލަތް ތަކުގައި މަސީޙީންނާއި ޔަހޫދީން ދިރިއުޅެމުން ގެންދިޔައީ އިންސާނީ ވަންތަ ކަމާއި އުޚުއްވަތްތެރި ކަމާއެކު ގައެވެ. މިދެދީނުގެ އަސްލު މީހުންނަށް، ބައެއް ޢަރަބި ދައުލަތް ތަކުގެ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިތައް ވެސް ބެހެއްޓުނެވެ. އެފަދައިން މިޞްރު ޕާލަމަންޓްގައި ބެހެއްޓުނު ގޮނޑިތައް ހުސްކޮށް ހުންނަން ޖެހުނީ، އަލަށް އުފެދުނު ޒައޮނިޒަމް މަޒްހަބުގެ ޔަހޫދީންނާ ހެދިއެވެ.
ފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިޔަށް ބެއްޔަސް އެއާދަތައް ފެނެއެވެ. ގޯސްވެގެން މިއުޅޭ ސަބަބަކީ، ޔޫރަޕުން މީގެތެރެއަށް ވަދެ، ޔަހޫދީ ޒައޮނިސްޓުންގެ ނަމުގައި ދުނިޔޭގެ އެތަންމިތަނުން، އަމިއްލައަކަށް އުފެދިގެން ނުކުތް ބަޔަކު، ޔަހޫދީންގެ ނަސްލު ބޭނުން ހިފާއި، އަމިއްލައަށް އަހްލުކިތާބީން ނަށް ވެގަނެގެން ހަރުކަށި ޔަހޫދީންގެ ގޮތުގައި ޒައޮނިޒަމް ވުޖޫދަށް ގެނެސް، އެދަރިކޮޅު ވަރުގަދަ ކުރަންއުޅޭން ފެށުމުންނެވެ. އަހުލުވެރިބަޔަކު ޒަމާނުއްސުރެ ދިރިއުޅެމުން ދިޔަ ބިމަކުން ގަދަކަމުން ނެރެލާއި އެބިމަށް ގަދަފަދަ ކަމާއެކު އަރައިގަނެ ފޭރިގަނެގެން އުޅޭތީއެވެ. ޒައޮނިސްޓް ޔަހޫދީންނަކީ، ޔޫރަޕްގެ އެތަންމިތަނުން ނުކުމެގެން އައިސް ޔަހޫދީ ޒައޮނިސްޓުން ނަށް ވެގަނެ ފަލަސްޠީންގެ ބިމަށް ބާރާއެކު ގަދަކަމުން އެރިބައެކެވެ. ފަލަސްޠީންގެ އަހުލުވެރިން ނަކީ، ކަންޢާނީ ދަރިކޮޅުގެ މުސްލިމުން ނެވެ. ޢަރަބިންނެވެ. ފަހެ، އިސްލާމުންނަށް ޒައޮނިޒަމް ޤަބޫލްކުރަން ދަތިވަނީ، އަދި ޤަބޫލް ނުކުރަނީ، އިސްތިޢުމާރީ ލާދީނީ ޚުރާފި މަޛްހަބް އަކަށް ވާތީއެވެ. އިންސާނީ ތަފާތު ކުރުމަކުން އުފެދިގެން އައި ޖަމާޢަތަކަށް ވާތީއެވެ. އަސްލެއް ނެތް ބަޔަކަށް ވާތީއެވެ. ނަސްލީތަފާތު ކުރުމާއި ރޭސިޒަމް (RACISM) ކުރިއަރުވާތީ އެވެ. އިރާން އާއި އިސްލާމީ ދައުލަތް ތަކުންނާއި ޢަރަބި ދައުލަތް ތަކުގެ ރައްޔިތުން ނަގަމުން ގެންދާ މައްސަލަ އަކީ މިއެވެ.
އާދެ! ރޭވި އިންތިޒާމް ކުރެވިގެން ޒައޮނިޒަމް އަމަލީގޮތުން ކުރިއަރުވަން ފެށީ، 1897 ގައި ބާއްވަން ފެށި، އެމީހުންގެ ފުރަތަމަ ކޮންގްރެސް އިން ފެށިގެން، ބޮޑު ހަނގުރާމައައި ހަމައަށެވެ. ޒައޮނިސްޓް ދައްލަތެއް ރަސްމީކޮށް އުފެދުމުން، މިހަރަކާތް ތައް ދުނިޔޭގައި ފަތުރަމުން ކުރިޔަށް ގެންދިޔައީ އެދައްލަތުން ނެވެ. ޒައޮނިޒަމްގެ ބާވަތްތަކާއި ގޮފިތައް ދުނިޔޭގެ އެތަން މިތަނަށް މިހާރު ފެތުރިފައި ވެއެވެ. އޭގެ ތެރެއިން އެންމެ އާންމު ބަޔަކީ، ޖެނެރަލް ޒައޮނިސްޓުން ނެވެ. އާންމު ޒައޮނިސްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ، ޔޫރަޕްގެ މިޑްލްކްލާސް މީހުންގެ ތެރެއިން އެތަން މިތަނުން އަމިއްލައަކަށް އުފެދި، ބިންހޯދުމުގެ ބޭނުމުގައި ޔަހޫދީ އަކަށް ވެގެނެގެން ނުކުތް، ޒައޮނިސްޓުން ނެވެ. ދުނިޔޭގެ ތަންކޮޅު ތަކުގައި ލީޑަރުންގެ ގޮތުގައި ތިއްބެވީ، އެފަންތީގެ ބޭފުޅުންނެވެ. އެއްގޮތަކަށް ވެސް އަޞްލު ޔަހޫދީން ނެއް ނޫނެވެ. މިމީހުންގެ ތެރެއިން ފާހަގަކޮށް ލެވޭ އެންމެ ވަރުގަދަ ލީޑަރެއް ކަމުގައިވާ ހައިމް ވައިޒްމަން އަކީ ވެސް، ރަޝިޔަން ދަރިކޮޅަކުން ވަޑައިގެން ހުންނެވި، ޒައޮނިސްޓެކެވެ. ފޮތުގެ އަހްލު ވެރިންގެ ތެރެއިންވާ ޔަހޫދީއެއް ނޫނެވެ. ގިނަ ޒައޮނިސްޓުން ނަކީ، ސާފު އަޞްލު ޔަހޫދީންނެއް ނޫނެވެ. އަމިއްލައަށް ހެދިގެން އުޅޭ، ޔަހޫދީން ނެވެ. މުސްލިމުންގެ ފަލަސްޠީނަށް ވެރިވެގެން މިއުޅެނީ، މުޅިން ވެސް ހެދިގެން އުޅޭ ޚުރާފީ ޔަހޫދީން ނެވެ. ފަހެ ޒައޮނިޒަމް އަކީ، އިސްތިޢްމާރީ، އަދި ޚުރާފީ މަޛްހަބް އެކެވެ. ބަޔަކު އަމިއްލައަށް އުފެއްދި ފިކްރު އެކެވެ. މަޒްހަބެކެވެ. ނާސިޒަމް (NAZISM) އަކީ ވެސް މިކަހަލަ ޚުރާފީ ފިކުރުއެކެވެ. ޢަލަވީންނަކީ ވެސް، ސުންނީންނާ ދެކޮޅަށް ސޫރިޔާގައި ފަރަންސޭސީންގެ އެހީގައި ގަދަފަދަ ވެގެން އުޅޭ، ޚުރާފި އަދި އިސްތިޢްމާރީ މަޛްހަބް އެއްގެ ބައެކެވެ. މިވައްތަރުގެ ހުރިހާ ނަސްލީ ތަފާތުކުރުމެއް ވުޖޫދަށް ގެނައީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބާވި ޞަޙާބީނާއި ތާބިޢީންނާއި ތަބަޢުތާބިޢީންގެ ލަޝްކަރު، އަހްލުއް ސުއްނަތުގެ އަހުލުވެރި ސުންނީންގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން، އިނގިރޭސިންނާއި ޔޫރަޕުން ނެވެ. އެމީހުން އަޑީގައި ތިބެގެން ދުނިޔެއަށް އުފަންކުރި ޚުރާފީ އަދި ސިޔާސީ މަޒްހަބު ތަކެވެ. ނަޖްދުކަރައުގެ ސުންނީންނަށް، ވައްހާބިޒަމްގެ ނަމުން ނަންދީ، މުޅި ދުނިޔެއަށް މަޝްހޫރުކުރީ ވެސް އިނގިރޭސިންނެވެ. ފަހެ، މިއީ އިނގިރޭސިން ދީގެން އުޅޭ ތާކުންތާކު ނުޖެހޭ ނަމެކެވެ. އަމިއްލައަކަށް އެއްވެސް ބަޔަކު އެމީހުންގެ ޒާތަށް ދީގެންއުޅޭ ނަމެއްނޫނެވެ. މިއަދު ވެސް އިސްލާމުން ބައިބައި ކުރުމުގެ މިޒާތުގެ މިކަންތައް ކުރިޔަށް ގެންދަނީ ހަމަ އެމީހުންނެވެ. އިސްލާމް ދީނަށް ތަބާވެ މަދީނާގައި ވެރިކަންކުރި، ސުންނީންގެ އިސްލާމީ ލަޝްކަރު ދެކެގަންނަ ބިރުންނެވެ.
އާދެ! ބޮޑު ހަނގުރާމަ އަށް ފަހު، 3 ޖަނަވަރީ 1919 ގައި، ފައިޞަލް ވައިޒްމަން އެގްރީމަންޓް (FAISAL – WEIZMANN AGREEMENT) ގައި ސޮއި ކުރެވުނީ، ބަލްފޯ ވަޢްދު އަސްލަކަށް ބިނާކޮށް ގެންނެވެ. ދުނިޔޭގެ އެތަން މިތާގައި ޒައޮނިސްޓުންގެ ޖަމްޢިއްޔާ (WORLD ZIONIST ORGANIZATION) ތައް ވުޖޫދަށް ގެނެސް ރަސްމީކޮށް ގޮފިތައް ގައިމުކޮށް ދެފަހަރެއްގެ މަތިން، ހައިމް ވައިޒްމަން ވޯލްޑް ޒައޮނިސްޓް އޯގަނައިޒޭޝަންގެ ރައީސް ކަމުގައި ހުންނެވިއެވެ. ފުރަތަމަ ފަހަރު، 1921 އިން ފެށިގެން، 1931 އަށެވެ. ދެވަނަ ފަހަރު، 1935 އިން ފެށިގެން، 1946 އަށެވެ.
ފަހެ، ފައިޞަލް ވައިޒްމަން އެއްބަސްވުން އެކުލެވިގެން ވަނީ، 9 ނުކުތާއެއްގެ މައްޗަށެވެ. މިއެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް ފަހު، އަނެއްދުވަހު، 4 ޖަނަވަރީ ގައި، ވައިޒްމަން ފުރުއްވީ، ޕެރިހުގައި، 18 ނޮވެންބަރ 1919 ގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ، ޕީސް ކޮންފަރެންސް ގައި ބައިވެރިވުމަށް ކަޑައެޅި ފައިވާ، ޒައޮނިސްޓް ޓީމާއެކު، އެމީހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ. ޕީސް ކޮންފަރެންސް ގައި އިސްރާއީލީ ދައްލަތެއް އުފެއްދުމަށް ބޮޑު ހަނގުރާމައިގާ ބައިވެރިވި ހުރިހާ ޤައްމު ތަކަކުން އެއްބަސްވެ ނިންމީ، ބަލްފޯރ ވަޢްދު އާއި ފައިޞަލް ވައިޒްމަން އެއްބަސް ވުމާ، މިދެ އެއްބަސްވުމުގައި ވާގޮތުގެ މަތިންނެވެ. އެދެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށެވެ. އެހިސާބުން ޢަރަބި ފައިޞަލް ޢާއިލާގެ ރުހުމާއެކު އިސްރާއީލީ ދައުލަތެއް ފަލަސްތީނުގައި ޤައިމު ކުރުމުގެ ޤަރާރެއް ކަނޑައެޅި ފާސްވެ ނިމުނީއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ، 1939 އިން ފެށިގެން، 1945 ގައި ނިމި، ގިނަގުނަ މަޝްވަރާ ތަކަކަށް ފަހު، ޔުނައިޓެޑް ނޭޝަންސް (UN) 24 އޮކްޓޯބަރ 1945 ގައި އުފައްދައި 17 ފެބްރުއަރީ 1949 ގައި، ސްޓޭޓް އޮފް އިސްލާއީލް ވުޖޫދަށް ގެނެވުނީ، ކުރިންވެފައިވާ ވަޢްދުތައް އަޞްލަކަށް ބަލައިގެން، އެބިންގަލުގެ މަތީގައެވެ. އިސްރާއީލީ ދައުލަތުގެ ފުރަތަމަ ރައީސް އަކަށް ވެވަޑައިގަތީ، ހައިމް ވައިޒްމަން އެވެ. ބާނީ އަކީވެސް ވައިޒްމަން އެވެ. 9 ނޮވެންބަރ 1952 ގައި އަވަހާރަ ވަންދެން ވައިޒްމަން ހުންނެވީ ރައީސް ކަމުގައެވެ. އަވަހާރަވީ އިރު ޢުމުރަކީ، 77 އަހަރެވެ.
ބޮޑު ހަނގުރާމައަށް ފަހު ފަލަސްޠީން
ބޮޑު ހަނގުރާމައަށް ފަހު، ފަލަސްޠީން ޢުޘްމާނީ ޚިލާފަތުން ނެއްޓި، އިނގިރޭސި މޭންޑޭޓްގެ ދަށަށް ދިއުމުން، ފަލަސްޠީން އަށް އެންމެ ފުރަތަމަ ފޮނުވި ހައިކޮމިޝަނަރ އަކީ، ހަރބަރޓް ސަމްޔޫލް (HERBERT LOUIS SAMUEL, 6 NOV 1870 – 2 FEB 1963) އެވެ. ސަމްޔޫލް ފަލަސްޠީން އައި ހަވާލުވެގެން ހުންނެވީ، 1 ޖުލައި 1920 އިން ފެށިގެން، 30 ޖޫން 1925 އަށެވެ. ސަމްޔޫލް އަކީ، އިނގިރޭސި ލިބަރަލް ޕާޓީއަށް ނިސްބަތްވާ، ވަރަށް ފުންނާބު އުސް ސިޔާސީ ބޭފުޅެކެވެ. ލިބަރަލް ޕާޓީގެ ރައީސްކަން، 1831 އިން ފެށިގެން، 1935 އަށް ކުރެއްވި އެވެ. އަދި ސަމްޔޫލް އަކީ، އިނގިރޭސި ކެބިނެޓަށް ވެންނެވި، ގަވައިދުން ޔަހޫދީ ދީނަށް އަޅުކަން ކުރަމުން ގެންދެވި، އެންމެ ފުރަތަމަ ބޭފުޅާއެވެ. އެއީ، 1902 އިން ފެށިގެން، 1914 އަށެވެ. އަދި ޕޯސްޓްމާސްޓަރގެ މަޤާމްގައި، 1915 އިން ފެށިގެން، 1916 އަށް ހުންނެވިއެވެ. އެއަށް ފަހު ވެވަޑައިގަތީ، ޑިޕްލޮމޭޓް އަކަށެވެ.
އާދެ! ފަލަސްޠީން ގައި އިނގިރޭސިންގެ ވެރިއެއްގެ ހައިސިއްޔަތުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ސަމްޔޫލްގެ ނައިބެއްގެ ގޮތުގައި، ފަލަސްޠީން ގައި އިނގިރޭސިން ބެހެއްޓީ، ބެންތޯސް (NORMAN DE MATTOS BENTWICH, 28 FEB 1883 – 8 APR 1971) އެވެ. ފަހެ، މިދެބޭފުޅުންގެ މަސައްކަތަކަށްވީ، ޞަހްޔޫނީ ޖަމާޢަތްތަކުގެ އެހީގައި ފަލަސްޠީން އަށް ހިޖްރަ ކުރަމުން ގެންދިޔަ، ޔަހޫދީންނަށް ބޭނުންވާ އެކިކަންތައްތައް ހަމަޖައްސައި ދިނުމެވެ. 1918 ގައި ބޮޑު ހަނގުރާމަ ނިމުނު އިރު ފަލަސްޠީން ގައި ޔަހޫދީން ތިބީ، ފަންސާސް ހަހާސް އެވެ. އަދި ފަލަސްޠީން ގައި ޢަރަބިން ތިބީ، ހަލައްކަ ސާޅީސް ހަތަރުހާސް އެވެ. މިޢަދަދަކީ، ހުޅަގުގެ އެންމެ ޤައުމެއްގައި މިއަދު، މުސްލިމުން ވަޒަންވެރި ވެގެން އުޅޭ ވަރުގެ ޢަދަދެކެވެ. ފަލަސްޠީން ގައި ޒައޮނިސްޓުން ހެދި ގޮތަށް އޭގެތެރެއިން ޤައުމަކަށް، ބޭރުން އަރައި ވަޒަންވެރިވެ ތިބި މުސްލިމުން ގަދަފަދަވެ ގަނެ، އެތަން ހިފައިފިއްޔާ ކިހިނެތްވާނެތޯ މިއީ ހަމަ އުފައްދަން ޖެހޭ ރަގަޅު ސުވާލެކެވެ. އެހެނަސް ފަލަސްޠީންގައި އިނގިރޭސިން ނާއި ޔޫރަޕުން ކަންކުރީ މިފަދަކަމަކަށް ބަލައިލުމެއް ނެތި، ވަރަށް ވަޙުޝީކޮށެވެ. އިންތިހާއަށް އަނިޔާވެރި ކޮށެވެ. ފަހެ، ސަމްޔޫލް އާއި ބެންތޯސްގެ ބުރަ މަސައްކަތުން ވަރަށް ބާރަށް ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. 1948 ގައި ފަލަސްޠީން ގައި ޔަހޫދީންގެ ޢަދަދަކީ، ހަތްސަތޭކަ ހާސް އެވެ. އަދި ފަލަސްޠީން ގައި ޢަރަބިންގެ އަދަދަކީ، އެއްމިލިއަން ތިންސަތޭކަ އައްޑިހަ ހާސް އެވެ.
އާދެ! 1914 ގައި ބޮޑު ހަނގުރާމަ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ފެށިތާ، ދެމަސް ފަހުން، ސަމްޔޫލް “ފިއުޗަރ އޮފް ފަލަސްޠީން” ގެނަމުގައި މެމަރަންޑަމެއް އިނގިރޭސި ކެބިނެޓް މިނިސްޓަރުން ނަށް ހުށަހެޅިއެވެ. އަދި އެލިޔުން ބަހާ ހެދިއެވެ. މީގައި ބުނާގޮތުން ޔަހޫދީންގެ ހޯމްލޭންޑް އަކަށް ވާންޖެހޭނީ ފަލަސްޠީން އެވެ. ސަމްޔޫލް އަކީ، ޒައޮނިޒަމް ހަރަކާތުގައި އިސްކޮށް ނަގާކިޔަން އުޅުނު އެދުރެ ކަލޭގެ އެވެ. ފަހެ، ސަމްޔޫން ފަލަސްޠީން އަށް ވަޑައިގެން އެންމެފުރަތަމަ އެޅުއްވި ފިޔަވަޅު ތަކުގެ ތެރޭގައި ފަލަސްޠީންގެ ރަސްމީ ތިންބަހުގެ ތެރެއިން އެއްބަހަކަށް ހީބްރޫބަސް ކަނޑަ އެލުއްވި އެވެ. ސްކޫލްތަކާއި މަޢްހަދު ތަކާއި ޔުނިވަރސިޓީ ގައި ހީބްރޫބަސް މަޖްބޫރު ބަހަކަށް ހެދިއެވެ. ޢަރަބި ބަހަށް ވުރެ އިސްކަންދީ ސަރުކާރު ތެރޭގަޔާއި އެހެނިހެން ލިޔެކިޔުންތައް ހީބްރޫ ބަހަށް މުޅިން ބަދަލުކުރި އެވެ. ޒައޮނިޒަމް ކުރިއެރުވުމުގެ ހަރަކާތްތައް އިންތިހާއަށް ފުޅާކޮށް ބާރުސްޕީޑްގައި ކުރިޔަށް ގެންދިޔައެވެ. މިކަންކަމާ ހެދި، ފަލަސްޠީން ގައި ތިބި، ޒައޮނިސްޓް ޔަހޫދީން ސަމްޔޫލް އަށް ލޯބިދީ، މަރްޙަބާ އޮއްސަމުން ގެންދިޔައެވެ. އެހެނަސް ސަމްޔޫލްގެ މިޢަމަލުތަކުން، ޖެނެރަލް އެލަންބީއާއި އެނާގެ ލަޝްކަރުގެ އިސްވެރިން މިކަމާ ނުރުހުން ފާޅުކޮށް ނޯޓިސް ކޮށް ހަދާފައި ވެއެވެ. އެލަންބީ، ސަމްޔޫލްގެ މިޢަމަލުތައް ސިފަ ކުރައްވާފައި ވަނީ، ޓެކްނިކަލީ، ހައިލީ ޑޭންޖަރަސް ކަމެއް ކަމުގައެވެ. ފަހެ، އިނގިރޭސިން ނަކީ، މަސީޙީންނެވެ. ފޮތުގެ އަހްލު ވެރިންނެވެ. ޒައޮނިސްޓް ފިކްރުއަށް، އެހާތާއީދު ދޭބައެއް ނޫނެވެ. އަދި ސަމްޔޫލްގެ މިޢަމަލު ތަކުން ޢަރަބިން ދެކޭނީ، ސަމްޔޫލް އަކީ، އިނގިރޭސިން ތަމްސީލްކޮށް ދޭމީހެއްގެ ބަދަލުގައި ދުނިޔޭގެ ޒައޮނިސްޓުން ތަމްސީލް ކުރާ މީހެއްގެ ގޮތުގައި ކަމަށް ފާހަގަކޮށް ސިފަކޮށް ފައި ވެއެވެ.
ފަހެ، 1925 ގައި އެނބުރި އިނގިރޭސި ވިލާތަށް ސަމްޔޫލް ގެންނަވައި އަނެއްކާ ވެސް އިނގިރޭސި ކެބިނެޓްގެ ހޯމް މިނިސްޓަރ ކަން ދެއްވިއެވެ. މިގޮތުގައި ސިޔާސީ ކަންކަމުގައި ހަރަކާތް ތެރިވެލައްވައި އުޅުއްވިއެވެ. އަދި، ޢުމުގެ ފަހު ކޮޅުގައި، ތިން ފޮތެއް ލިޔުއްވި އެވެ.
އާދެ! މިހާތަނުން އަޅުގަނޑު އުފައްދަން ޖެހޭ ސުވާލަކީ، އިނގިރޭސި ޒަމާންވީ ކްރިސްޓިއަން، މަސީޙީ ސަރުކާރުން ޒައޮނިޒަމް އަށް ތާއީދުދީ މިހާބޮޑަށް ރުހުންހޯދަން ޖެހުނީ ކީއްވެތޯއެވެ؟ އަދި ޒައޮނިޒަމް އަށް މިހާބޮޑު ތައީދެއް ދިނުމުން އިނގިރޭސި ދައްލަތަށް ލިބިގެންދަނީ ކޮންފައިދާ އެއްތޯ ބަލައިލުމަ ށެވެ. (ނުނިމޭ)