ކުނޫޒާއި ރާއްޖެޓީވީ ބަންދުކުރަން ކަމަބޭހޭ ފަރާތްތަކަށް ގޮވާލަން: އަދުރޭ

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ މައިޖަގަހަ މ. ކުނޫޒާއި، ރާއްޖެޓީވީ ބަންދު ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މުޅި މާލެ ރޯކޮށްލައިގެން ވިޔަސް މިރޭ ވެރިކަން ބަދަލުކުރަންޖެހޭނެ ކަމަށް ގާސިމް އިބްރާހީމް ގޮވާލައްވައިފައިވާ ކަމަށް ވިދާޅުވެއެވެ.

"މުޅިމާލެ ރޯކޮށްލައިގެންވެސް މިރޭ ސަރުކާރު ނިންމާލަންޖެހޭ ކަމަށް ގާސިމް ވިދާޅުވި ކަމަށް އެބަމައުލޫމާތުލިބޭ. އެހެންވީމާ އަޅުގަނޑު ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން މިބަޣާވާތުގެ މައިޖަގަހަ ކުނޫޒު ހަމަމިހާރުން މިހާރަށް ބަންދު ކޮށްދެއްވާށޭ. މިހާރުން މިހާރަށް ބަންދުކުރައްވައި ރާއްޖެޓީވީވެސް ބަންދުކޮށްދޭށޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ އެތަންތަން ސިފަކޮށްފައިވަނީ ގައުމުގެ މަސްލަހަތު ނަގާލައި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ތަންތަނުގެ ގޮތުގައެވެ. "އެއީ ގައުމުގެ ސުލްހަ މަސްލަހަތު ނަގާލައި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ތަންތަން ޖެހޭނެ ބަންދުކުރަން. އެއީ ދީނީގޮތުންވެސް ވާޖިބުވާ ކަމެއް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ އިސްލާމްދީނުގެ ހަމަތަކާ އުސޫލުތައް މުގުރާލަން މަސައްކަތްކުރާ މީހުންނާއި ތަންތަނަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށެވެ. އެފަދަ ތަންތަނާއި މީހުން ބަންދުކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފަދަ މީހުންނާއި ތަންތަން "ހިފައި ހައްޔަރުކޮށް ބަންދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން. އަދި މަރާމާރީ ހިންގައި ރައްޔިތުންގެ މުދަލުގައި އަލިފާންޖަހައި ރޯކޮށް ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަކީ އެއްވެސް ތަނެއްގައި ބަލައިގަންނާނެ ކަމެއްނޫންނޭ،" އަދުރޭ ވިދާޅުވިއެވެ. އެފަދަ އަމަލު ހިންގާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް  ފުލުހުން އަޅަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.