އިބޫ ބަންދުކުރީ އިސްލާހީ މަސައްކަތަށް ހުރަސް އަޅަން:އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ފުލުހުންގެ ބަންދަށް ގެންދެވީ އިދިކޮޅު ފަރާތްތަކުން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބަންދަށް އިބޫ ގެންގޮސްފައިވަނީ މާރިޗުގެ މަހުގެ 16 ވަނަދުވަހުގެ ރޭގައެވެ. އޭނާ ބަންދުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެމްޑީޕީން ބުނެފައިވަނީ އިބޫ ބަންދު ކުރުމަށްފަހު ދޫނިދުއަށް ގެންގޮސްގެން ފުލުހުން އޭނާއާމެދު ކަމްކަންތައް ކުރަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާހީ މަސައްކަތްތަކަށް ހުރަސްއެޅުމަށް" ކަމަށެވެ.

އިބޫއަކީ ހިތުގެ މައްސަލައެއް ހުރުމުން ދާއިމީކޮށް ބޭސް ކާންޖެހޭ ބޭފުޅަކަށްވާތީ ބޭހާއި އަންނައުނު އިބޫއަށް ފޮނުވުމަށް އާއިލާއިން ފުލުހުންނާ ހަވާލުކުރި އެއްޗެހި އަދިވެސް ފުލުހުން އިބޫއާ ހަވާލު ނުކުރާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. އެތަކެތި ފުލުހުންނާ އާއިލާއިން ހަވާލުކުރީ ހޮނިހިރު ދުވަހު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިބޫ މިހާރު ލަނީ ބަންދުކުރިރޭ ލައިގެން ހުންނެވި ހެދުން ކަމަށާއި އެއީ ފުލުހުން ޕެޕަސްޕްރޭ ޖަހައިފައިވާ ހެދުމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. "މީގެ އިތުރުން އިބޫއަށް ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައިވީނަމަވެސް ފުލުހުން އެކަންވެސް ނުކޮދޭ ކަމަށް އެބަޔާނުގައިވެއެވެ.

ދޫނިދޫގައި އިބޫ ބަހައްޓައިފައިވަނީ ފަންކާ ހަލާކުވެފައިވާ ވަކިންހުން ކުޑަގޮޅިއެއްގައި ކަމަށާއި އެހެންކަމުން އެތަނުގައި ހޫނު ވަރަށްގަދަ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އަންނަނީ ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ ރަހުމްކުޑަ ގޮތަކަށް އަމަކުރަމުން ކަމަށާއި އެއީ އެމްޑީޕީން ކުށްވެރިކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

އޭގެ ބަދަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ފޯރުކޮށްދިނުމާއި، އިބޫގެ އާއިލާއިން އޭނާއާ ހަވާލު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި އޭނާއަށް ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސައި ދިނުމަށް އެމްޑީޕީން އެދިފައިވެއެވެ.

އޭގެ އިތުރަށް "ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާމެދު އޯގާތެރިކަމާ، އިޙްތިރާމާއެކު ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.