މާދަމާ މުޒާހަރާ ބާއްވަން އެއްވެސް ފަރާތަކުން ހުއްދަ ނަގައިފައެއްނެތް: ޕޮލިސް

އިދިކޮޅު ފަރާތްތަކުން މާލޭގައި މާދަމާ ބާއްވާ ބޮޑު މުޒާހަރާ ބޭއްވުމުގެ ހުއްދައަކަށް އެދި ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅައިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ "މާދަމާގެ އެއްވުން ބޭއްވުމަށްޓަކައި ހުއްދައަށް އެދި އެކަމުގެ ގާނޫނީ ޒިންމާ އޮތް އެއްވެސް ފަރާތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިވޭ،" ކަމަށެވެ.

ޝިފާން ވިދާޅުވީ މަޖީދީމަގަށް ނުކުމެ ކޮންމެ ރެއަކު އެއްވަނީ މަދުބައެއް ކަމަށެވެ. އެމީހުންގެ ސަބަބުން އެސަރަހައްދުގައި އުޅޭމީހުންނަށް އުދަގޫވެގެން ފުލުހުންނަށް ޝަކުވާ ކުރަމުންދާ ކަމަށެވެ. އެ އެއްވުންތަކުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް މީހުންނަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަންކަމަކީ ގިނަރައްޔިތުން ހިތްވަރުދީގެން ނުވަތަ ޝާމިލްވެގެން ހިންގާ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން އަދިވެސް އިލްތިމާސްކުރަން މަދުބަޔަކު ނުކުމެ މިކުރާ ކަންތައްތަކުގެ ސަބަބުން ގިނަބަޔަކަށް މީގެ ގެއްލުންވާފަދަ ކަންކަން ތަކުރާރު ނުކޮށް ރާއްޖެއާއި މާލޭގެ އަމާންކަން ދެމިއޮތުމަށް މިފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަޅުގަނޑު ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.