މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ތަފާތު 3 އޮޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ތިން އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެކެވެ.
މިމީހުންގެ ތެރެއިން 21 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މިމީހުންގެ ތެރެއިން 23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 08:18 ހާއިރު ޔޫއެލް ފްލައިޓަކުން ރާއްޖެ އައިތަނުން އޭނާގެ ލަގޭޖްގައި މަސްތުވާތަކެތި ފޮރުވާފައިހުރިކަމަށް ބެލެވިގެން ކަސްޓަމްސްއިން އޭނާގެ ލަގޭޖްތައް އިތުރަށް ބަލައިފާސްކުރިއިރު ލަގޭޖްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމުގައި ހަޝިޝް އޮއިލް ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ގަނޑު ފެނުމާއި ގުޅިގެންނެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 3.142 ކިލޯގްރާ ހުއްޓެވެ. އަދި މިމައްސަލައާއި ގުޅިގެން 25 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން 26 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އިންޑިޔާއިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރިއިރު އެނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ޕެކެޓް މަސްތުވާތަކެތި ފެނުމާއި ގުޅިގެންނެވެ. މި ފެނުނު ތަކެތީގެ ބަރުދަނުގައި 2.74 ކިލޯގްރާމް ހުއްޓެވެ.
27 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ 12:15 ހާއިރުއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަންގައި އިންޑިޔާއިން ރާއްޖެއައި ދިވެހި އަންހެނެއްގެ ފޮށިތަންމަތި ކަސްޓަމްސް އޮފިސަރުން ސްކޭންކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފޮރުވާފައި ހުރިކަމަށް ބެލެވިގެން އިތުރަށް ބަލައިފާސްކުރިއިރު އޭނާގެ ލަގެޖުން ހަޝިޝް އޮއިލްކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ. އަދި އެތަކެތީގެ ބަރުދަނުގައި ތަކެތީގެ ބަރުދަނުގައި 1.032 ކިލޯގްރާމް ހުއްޓެވެ.
މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
(ޚަބަރު ލިޔުނީ ޕޮލިސް ސަރޖަންޓް ޖާވިދު އިސްމާޢީލު)