ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 1:03 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި، ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު، އެ މީހާގެ ދަބަސް ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރަށް އއ. މަތިވެރީ ޕޮލިސް ސްޓޭޝަނާއި ރަސްދޫ ޕޮލިސް ސްޓޭޝަނާއި އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކަކާއެކު މަތިވެރީން ދެމީހަކު ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަތިވެރީ ގެސްޓް ހައުސްއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެޕްރީލް އެއްވަނަ ދުވަހުގެ 20:50 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެކެވެ. ފުލުހުން ހިންގި މިއޮޕަރޭޝަންގައި، ކޯޓުއަމުރެއްގެ ދަށުން އެ ގެސްޓްހައުސް ބަލައިފާސްކުރި އިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 70 ފުޅިއާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1.5 ލީޓަރުގެ ހަތަރު ފުޅި އެ ގެސްޓްހައުސްގެ ފާޚާނާ ތެރެއިން ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް 18 އަހަރުގެ މީހާއަށް ދީފައިވާއިރު 38 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި ދެ މައްސަލަ ވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.