މުޒާހަރާއަށް މީހުން ގެނައުމަށް ދޯނިފަހަރު ހޯދުމުގައި ނުފޫޒު ބޭނުން ކުރަމުންދޭ: ޕޮލިސް

އިދިކޮޅު ފަރާތްތަކު ރާވައިގެން ހުކުރުދުވަހު ބާއްވާ ބޮޑު މުޒާހަރާއަށް ރަށްރަށުން މާލެއަށް މީހުން ގެނައުމަށް މަސްދޯނިފަހަރު ހޯދުމަށް އެދި އޮޑިވެރިއާއަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ދެންމެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އިއްވި ބަޔާނުގައި ވިދާޅުވީ "މާޗު ސޯޅަ ވަނަދުވަހު ބާއްވާ މުޒާހަރާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މީހުން ގެނައުމަށްޓަކައި ރަށްރަށުގައި އިގްތިސާދީ މަސައްކަތް ކުރުމަށް، ޚާއްސަކޮށް މަސްވެރިކަމަށް ހުއްދަ ދޫކުރެވިފައިވާ އުޅަނދުފަހަރު ހޯދުމަށް އެދި ބައެއް ފަރާތްތަކުން މިކަން ކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން ތަފާތު ފިއްތުންތައް ކުރިމަތި ކުރުވުމަށް ރަށްރަށުގައިތިބި ނުފޫޒުގަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ނުވަތަ ރިޕޯޓު ފުލުހުނަށް މިވަގުތުވެސް ކުރަމުންދާ ވާހަކަ ދަނަންވަން،" ކަމަށެވެ.

ޝިފާން ވިދާޅުވީ އުޅަނދުފަހަރަށް ހުއްދަ ދޫކޮށްފައިވާ މަގުސަދު ނޫން އެހެން ކަންކަމަށް އެ އުޅަނދުފަހަރު ބޭނުން ކުރާނަމަ އެ ފަރާތަތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ކަމުން މިފަދަ އެއްވުންތަކަށް އެއްވެސް ދޯންޏަކުން އިޖާބަ ނުދިނުމަށް އޭނާ ވިދާޅުވިއެވެ. ޝިފާން މިހެން ވިދާޅުވިއިރު ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ މުޒާހަރާއަށް މީހުން އުފުލާ މަސްދޯނިފަހަރުގެ ހުއްދަ ބާތިލް ކުރާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ވާހަކަ ނުދެއްކުމަށެވެ. "ތާރީޚަކަށްފަހު ތާރީޚެއް ކަނޑައަޅައި އެއްވުންތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމަކީ ޖިނާއީ ދައުވާކުރެވޭނެ ކަންކަން ކަމަށްވާއިރު އެފަދަ ގޮވާލުންތަކަށް އެއްވެސް ފަރާތަކުން އިޖާބަ ނުދިނުމަށް ފުލުހުން ގޮވާލަން،" ޝިފާން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.