މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށް ފަންނީ ލަފާދެއްވުމަށް ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގަންނަވައިފިއެވެ. މިއީ އިނގިރޭސީ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެން މަސައްކަތެކެވެ. އޭނާ ރާއްޖެ ވަޑައިގެން މިހާރުވަނީ މަސައްކަތް ވެސް ފައްޓަވައިފައެވެ.
އޭނާ ރާއްޖެ ވަޑައިގެންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށެވެ. ޖުލައި 13 އިން 19 އަށް ރާއްޖޭގައި އޭނާ މަސައްކަތް ކުރައްވާނެއެވެ.
މި ދަތުރު ފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުންނާއެކު އޭނާ މަޝްވަރާ ކުރައްވާނެއެވެ. މި ޒިޔާރަތުގައި ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ސަރ ހިއު އޯރޑް ރިޕޯޓެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓްގައި މޯލްޑިވްސް ޕޮލިސް ސަރިވިސް ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
"އެގޮތުން، ޤާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދަޢުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވެއެވެ." ފުލުހުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން، މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށްވެސް އޭނާގެ ޚިޔާލު ހުށަހަޅުއްވާނެއެވެ. މި ދަތުރުފުޅުގައި، ސަރ ހިއު އޯރޑް ދިވެހިރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ ވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާއަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލުތަކުގައިވެސް ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ދުނިޔެ ބަލައިގެންފައިވާ ތަޖުރިބާކާރެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.